ހަބަރު

ދިވެހިންނަށް ހާއްސަ ޕާކެއް ލަންކާގައި އެޅުމަށް ހަވާލުކޮށްފި

ސްރީލަންކާގައި ދިރިއުޅެމުން އަންނަ ދިވެހިންނަށް ކޮލަމްބޯގައި ހާއްސަ ޕާކެއް ތަރައްގީ ކުރުމަށް ހައުސިން މިނިސްޓްރީގެ ފަރާތުން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ރާއްޖޭގެ ކަލްޗްރަލް ސެންޓަރު ހުންނަ، ސޯސަންވިލާގައި "ސޯސަން ފާކް" ގެ ނަމުގައި ތަރައްގީ ކުރާ މި ޕާކް ހެދުމަށް ހަވާލު ކުރީ ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. މިކަމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، ޑރ. މުހައްމަދު މުއިއްޒު އެވެ. އަދި ސިއެރާގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު ނިމާލް ލޯކުގެ އެވެ. ސިއެރާ ކުންފުންނިން މިހާރު ވެސް އަންނަނީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ ބައެއް މަޝްރޫއުތައް ހިންގަމުންނެވެ.

މިނިސްޓަރު ވިދާޅުވީ 1.6 މިލިއަން ދިވެހި ރުފިޔާ ހަރަދުވާ މި މަޝްރޫއު އަކީ ސިއެރާ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށެވެ. މި ޕާކްގެ ޑިޒައިން ހަދާ ނިމިފައިވާ ކަމަށާއި މި މަޝްރޫއުގެ މަސައްކަތް ސިއެރާ ކުންފުނިން އެއްމަސް ދުވަހުގެ ތެރޭގައި އަމަލީ ގޮތުން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މި މަޝްރޫއުގެ މަސައްކަތް ގިނަވެގެން ހަމަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ނިންމައިފަ އެވެ.

"ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ފަހުރެއް ކަމަށް ބަލައިގަންނަ ސޯސަންވިލާ ގައި ޕާކެއް އަޅައި ދިނުމަށް އެތާގައި ދިރިއުޅޭ ދިވެހިން އެދުމުން ރައީސް އަބްދުﷲ ޔާމިން ނިންމެވީ ވީހާވެސް އަވަހަކަށް އެކަންތައް ކޮށްދިނުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މި ޕާކް ޑިޒައިން ކޮށްފައިވަނީ ތިން ޒޯނަކަށް ބަހާލައިގެންނެވެ. ޒޯން އޭ އާއި ބީ އަކީ ކުޑަކުދިންނަށް ހާއްސަ ކުރެވިފައިވާ ދެ އޭރިއާ އެވެ. މި ދެ އޭރިއާގައި ހުންނާނީ ކުޑަކުދިން ކުޅުމަށް ބޭނުން ކުރާ ސާމާނު ތަކެވެ. އަދި ޒޯން ސީ އަކީ ބޮޑެތި މީހުންނަށް ހާއްސަ އޭރިއާ އެވެ. މި އޭރިއާ ގައި އުންދޯއްޔާއި މަސްފެން ކޯރެއް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައި އެވެ.