ބޮލީވުޑް

ޕެޑް ހެދި މީހާއަށް އުފައްދާ ފިލްމުގެ ޝޫޓިން ފަށައިފި

Mar 15, 2017

ދެހާސް ސޯޅަވަނަ އަހަރު އަކްޝޭ ކުމާރުގެ ނުކުތް ހުރިހާ ފިލްމަކަށް ބޮޑެތި ކާމިޔާތަކެއް ލިބި އޭނާ ވަނީ އެންމެ ކާމިޔާބު އެއް ސުޕަސްޓާރަށް ވެގެން ގޮސްފަ އެވެ. މިއަހަރު ފެބްރުއަރީ މަހުގެ ތެރޭގައި ނިކުތް އޭނާގެ "ޖޮލީ އެލްއެލްބީ 2" އަށް ވަނީ ރަނގަޅު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ.

މި އަހަރުގެ މިހާތަނަށް އަކްޝޭ ވަނީ "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ" ކިޔާ ފިލްމެއްގެ ޝޫޓިން ނިންމާލުމަށްފަހު އިއްޔެ އާ ފިލްމެއްގެ ޝޫޓިން ފަށާފަ އެވެ.

އަކްޝޭގެ އަންހެނުން އަދި ކުރީގެ މަޝްހުރު ބަތަލާ ޓްވިންކަލް ކަންނާ ޕްރޮޑިއުސް ކުރާ މި ފިލްމު، "ޕެޑްމޭން" އަކީ އިންޑިއާގެ އެންމެ ތަފާތު އަދި ކާމިޔާބު އެންޓްރިޕްރެނުއާގެ ގޮތުގައި ދުނިޔޭގެ ސަމާލުކަން ވެސް ހޯދި އަރުނަޗަލަމް މުރުގަނަތަމްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ.

މި ފިލްމުގެ ޝޫޓިން ފެށިކަން ހާމަކުރަން އަކްޝޭ، އަންހެނުން ޓްވިންކަލް އާއެކު ނަގާފައިވާ ފޮޓޯއެއް ޓްވީޓްކުރަމުން ވަނީ އޭނާގެ އަންހެނުންނާ އެކު މިއީ މުޅިން އާ ދަތުރެއް ކަމަށާއި އިއްޔެ އަކީ "ޕެޑްމަން" ގެ ޝޫޓިންގެ ފުރަތަމަ ދުވަސް ކަމަށެވެ.

އަކްޝޭ އަރުނަޗަލަމްގެ ރޯލުން ފެނިގެންދާ މި ފިލްމުުގައި އޭނާ ފެނިގެންދާނީ އިންޑިއާގައި އެންމެ ފުރަތަމަ އަގު ހެޔޮކޮށް ސެނިޓަރީ ނެޕްކިންސް އުފައްދައި ވިއްކަން ފެށި މީހާގެ ގޮތުގަ އެވެ. އަދި އޭނާ ވަނީ އިންޑިއާގެ ރަށްފުށު ސަރަހައްދުގައި ދިރިއުޅޭ އަންހެނުންނަށް މައްސަރު ދުވަސްވަރު ޕެޑް ބޭނުންކުރުމުގެ މުހިންމު ކަމާއި ސާފުތާހިރުވުމާ ބެހޭގޮތުން ހޭލުންތެރި ވެސް ކުރުވާފަ އެވެ.

އާރް ބަލްކީ ޑައިރެކްޓްކުރާ މި ފިލްމުގައި އަކްޝޭ އާއެކު ބަތަލާއިންގެ ރޯލުން ފެނިގެންދާނީ ސޯނަމް ކަޕޫރާއި ރާދިކާ އަޕްޓޭ އެވެ.

އިންޑިއާގެ ޓެމިލް ނާޑޫ އަށް ނިސްބަތްވާ އަރުނަޗަލަމް އަށް ވަނީ މިދިޔަ އަހަރު އެ ގައުމުގެ ސަރުކާރުން އާންމު ފަރުދުންނަށްދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ޕަދްމާ ޝްރީ އެވޯޑް ވެސް ލިބިފަ އެވެ.