ބޮލީވުޑް

ދުވަހަކުވެސް ސިޔާސީ ދާއިރާއަށް ނުނުކުންނާނަން: އާމިރު

Mar 15, 2017

ސުޕަސްޓާ އާމިރް ޚާން އަަކީ އެއް ގޮތަކަށް ވެސް އިޖްތިމާއީ އާއި ސިޔާސީ ކަންކަމާ ގުޅޭގޮތުން އޭނާގެ ހިޔާލު ފާޅުކުރަން ފަސްޖެހޭ ތަރިއެއް ނޫނެވެ. އެކި ފަހަރު މަތިން އޭނާގެ ހިޔާލު ސިޔާސީ ކަންކަމާއި އިޖްތިމާއީ ކަންކަމާ ގުޅިގެން ފާޅުކުރެވުމުން ހޫނުފެނަށް ވަނީ ވެއްޓިފަ އެވެ.

އާމިރް ވަނީ އޭނާ އަމިއްލަ އަށް ހޯސްޓްކުރި ޓީވީ ޝޯ "ސަތްޔަމޭވް ޖަޔަތޭވް" މެދުވެރިކޮށް އިންޑިއާގައި ހުރި އިޖްތިމާއި ގިނަ މައްސަލަތަކާ ބެހޭގޮތުން ވާހަކަދައްކާފަ އެވެ. އޭގެ ތޭރޭގައި އެ މުޖުތަމައުގެ ތެރޭގައި އަންހެނުންނަށް ކުރިމަތިވަމުން އަންނަ ފުރައްސާރަތަކާއި ބެހޭގޮތުން ގޯނާތަކާ ބެހޭގޮތުން އަޑުއުފުލާފަ އެވެ.

އިއްޔެ 52 ވަނަ އުފަންދުވަސް އިންޑިއާގެ މީޑިއާގެ ބައެއް ފަރާތްތަކާ އެކު ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ސިޔާސީ ދާއިރާ އަށް ވަނުމުގެ ވިސްނުން ގެންގުޅެންތޯ އެހުމުން ވަނީ ސިޔާސީ ދާއިރާ އަށް ދުވަހަކުވެސް އޭނާ ނުވަންނާނެ ކަމަށާއި އޭނާ ކަހަލަ އާޓިސްޓުން އުޅެން ޖެހޭ ދާއިރާއެއް ކަމަށް އޭނާ ގަބޫލުނުކުރާ ކަމަށެވެ.

"އާޓިސްޓެއްގެ ގޮތުގައި މުޖުތަމައަށް އަދި ގައުމަށް ވެސް އަހަންނަށް ކޮށްދެވޭނެ ބައިވަރު ކަންކަން އެބަހުރި. އެ ފަދަ ކަންކަން ކޮށްދޭން ބޭނުންވަނީ އަހަރެން މިހިރަ ދާއިރާގައި ހުރެ. ކޮންމެހެން ސިޔާސީ ދާއިރާ އަށް ވަންނާކަށް ނުޖެހޭ" އާމިރް ބުނެފައިވެ އެވެ.

އާމިރު ވަނީ 2015 ވަނަ އަހަރު އިންޑިއާގެ ދީނީ ތަފާތު ކުރުންތަކުގެ ސަބަބުން އެ ގައުމުގައި ދިރިނޫޅެވޭ ހިސާބަށް ގޮސްފައިވާ ކަމަށް ބުނެފަ އެވެ. އެކަމާ ގުޅިގެން އިންޑިއާގެ ގިނަ ބަޔަކު އޭނާ އަށް އިންތިހާ އަށް ވަނީ ފާޑުކިޔައި ވަނީ ފިލްމުތައް ބޮއިކޮޓްކުރަން ވެސް ގޮވާލާފަ އެވެ. އެކަމާ ގުޅިގެން އާމިރް ވަނީ އޭނާ އަބަދުވެސް ހިޔާލެއް ފާޅުކުރަނީ ވަރަށް ވިސްނާފައި ކަމަށާއި ކޮންމެ ކޮންމެ ވާހަކައެއް ދައްކާހާ އޭނާ އަކީ ފަރުވާކުޑަ މީހެއް ނޫން ކަމަށް ބުނެފަ އެވެ.

މިދިޔަ ޑިސެމްބަރުގައި ނިކުތް "ޑަންގާލް" އާއެކު އާމިރްގެ ފިލްމު މިހާތަނަށް އެންމެ ބޮޑު އާމްދަނީ ލިބުނު ހިންދީ ފިލްމުގެ ރެކޯޑް ހަދާފައިވާއިރު އޭނާ މިހާރު އަންނަނީ އަމީތާބް ބައްޗަން އާއެކު ކުޅޭ "ތަގްސް އޮފް ހިންދޯސްތާން" އަށް ތައްޔާރުވަމުންނެވެ.