ޑޮނަލްޑް ޓްރަމްޕް

ސައުދީ ޕްރިންސް މުހައްމަދާ ޓްރަމްޕް ބައްދަލު ކުރައްވައިފި

Mar 15, 2017
1

އެމެރިކާގެ ރައީސް ޑޮނަލް ޖޭ ޓްރަމްޕް ސައުދީ އަރަބިއްޔާގެ ވަލީ އަހުދުގެ ނައިބު އަދި އެ ގައުމުގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ބިން ސަލްމާން އަލް ސައުދާ ބައްދަލު ކުރައްވައިފި އެވެ.

ސައުދީ ގެޒެޓް ނޫހުން ބުނީ ޓްރަމްޕް މުޙައްމަދާ އިއްޔެގައި ބައްދަލު ކުރެއްވީ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ކަމަށެވެ. ދެ ގައުމުގެ ގުޅުން ބަދަހި ކުރުމުގެ އިތުރުން ބައިނަލް އަގުވާމީ އަދި ސަރަހައްދީ ގިނަ މައްސަލަތަކަކާބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ވެސް އެ ނޫހުން ބުންޏެވެ. އަދި ބުނީ ގިނަ މަސައްލަތަކާ މެދު ދެ ބޭފުޅުންގެ ހިޔާލު އެއްގޮތް ކަމަށެވެ.

ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމަ ވަރުގަދަ ކުރުމުގެ މުހިއްމުކަން ޓްރަމްޕާއި މުޙައްމަދު ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި ޓެރަރިޒަމާއި ޓެރަރިޒަމްގެ ވިސްނުންތަކާ ހަނގުރާމަ ކުރުމުގައި މިހާރަށްވުރެ ހަރުދަނާ ގޮތްތަކަށް އަމަލު ކުރުމަށް އެމެރިކާ އާއި ސަައުދީ ގުޅިގެން މަސައްކަތް ކުރުމަށް އެ ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ. އީރާނަކީ މެދުއިރުމަތީގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ދެ ގައުމުން ވެސް ގަބޫލުކުރާ ކަން ވެސް ބައްދަލުވުމުގައި ފާހަގަ ކުރެއްވި އެވެ.

މުޙައްމަދާއެކު ޓްރަމްޕް ބޭއްވި ބައްދަލުވުމަކީ އެމެރިކާގެ ރައީސް ކަމަށް ޓްރަމްޕް ވަޑައިގެންނެވި ފަހުން އަރަބި ގައުމެއްގެ އިސް ވެރިޔަކާއެކު ބޭއްވެވި އެފަދަ ފުރަތަމަ ބައްދަލުވުމެވެ. މުޙައްމަދު ވެވަޑައިގެންފައި ވަނީ އެމެރިކާގެ ރައީސް ކަމަށް ޓްރަމްޕް ވަޑައިގެންނެވި ފަހުން އޭނާއާ ބައްދަލު ކުރެއްވި ދުނިޔޭގެ ގައުމެއްގެ ފަސް ވަނަ ލީޑަރު ކަމަށެވެ. އޭނާގެ ޝަރަފްގައި ޓްރަމްޕް ވަނީ ވައިޓްހައުސްގެ އާއިލީ ބަދިގޭގައި ރޭގަނޑުގެ ފަރިއްކޮޅެއް ވެސް ބާއްވާފައެވެ.

ޓްރަމްޕާއި މުޙައްމަދުގެ ބައްދަލުވުމުގައި އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސްއާއި ޓްރަމްޕްގެ މުރުޝިދު އަދި ދަނބިދަރިކަލުން ޖެރާޑް ކުޝްނާއާއި ވައިޓްހައުސްގެ ޗީފް އޮފް ސްޓާފް ރިއިންސް ޕްރީބަސް ބައިވެރިވެވަޑައިގެންނެވި އެވެ.