ދުނިޔެ

38 މިލިއަން ޑޮލަރު އިންކަމް ޓެކްސްގެ ގޮތުގައި ޓްރަމްޕް ދެއްކި

އެމެރިކާގެ ރައިސް ޑޮނަލްޑް ޓްރަމްޕް އިންކަމް ޓްކްސްގެ ގޮތުގައި 38 މިލިއަން ޑޮލަރު 2005 އަހަރު ދައްކާފައިވާ ކަމަށް އެމްއެސްއެންބީސީ އިން ބުނެފި އެވެ.

ޓްރަމްޕްގެ އާމްދަނީ ޓެކްސް އާއި ބެހޭގޮތުން ހާމަ ކޮށްފައިވާ މިވަނީ އެކަމާއި ގުޅޭގޮތުން ވާހަކަތައް ފެތުރެމުންދާ ދުވަސް ކޮޅެއްގަ އެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ނިއުޔޯކް ޓައިމްސް އިން ހާމަކުރި ގޮތުގައި 1995 އަހަރު 916 މިލިއަން ޑޮލަރުގެ ގެއްލުމެއް ޓްރަމްޕް އަށް ލިބުމާއި ގުޅިގެން އެމަނިކުފާނުވަނީ ޓެކްސް ދެއްކުމުން އެތައް އަހަރަކަށް ސަލާމަތްވެ ވަޑައިގެންފަ އެވެ.

1976 އަހަރުން ފެށިގެން ކޮންމެ ރިޔާސީ ކެޑިޑޭޓަކު ވެސް ވަނީ ޓެކްސް ބަޔާން އާންމުކޮށްފައި އެވެ. ނަމަވެސް ޓްރަމްޕްގެ އިންކަމް ޓެކްސް ހާމަ ކުރަން އެދުމުން ޓްރަމްޕް ވަނީ އޯޑިޓް ކުރަމުންދާ ކަމަށް ވިދާޅުވެ ހާމަ ކުރަން ދެކޮޅު ހަދައި ޒަމާނުއްސުރެ އެގައުމުގައި އޮތް އާދަ މުގުރާލާފަ އެވެ. މިކަމާއި ގުޅިގެން ގިނަ އަދަދެއްގެ ފާޑުކިޔުން ތަކެއްވަނީ ޓްރަމްޕް އަށް ރައްދުވެފަ އެވެ. ހިލަރީ ކްލިންޓަން ވެސް ވަނީ ޓްރަމްޕް ކޮންމެވެސް އެއްޗެއް ފޮރުވުމަށް މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

އެމްއެސްއެންބީސީ ޓީވީ ނެޓްވޯކުން ޓްރަމްޕުގެ ޓެކްސް މައުލޫމާތު އާއްމުކޮށްފައި ވަނީ ގަވާއިދާ ޚިލާފަށް ކަމަށް ވައިޓް ހައުސް އިން ބުނެފައި ވެއެވެ. ނަމަވެސް މިކަން ވައިޓް ހައުސް އިން މިހާތަނަށް އަދި ދޮގު ކޮށްފައެއް ނުވެއެވެ. އެމްއެސްއެންބީސީ އިން ބުނި ގޮތުގައި އެ މައުލޫމާތު އާއްމުކޮށްފައި ވަނީ ފަސްޓް އެމެންޑްމަންޓުގެ ދަށުން ލިބިދޭ ހައްގުގެ ދަށުން ކަމަށެވެ.