ރިޕޯޓް

ހިޓްލަރުގެ "ކައްވަޅުން" މިހާރު ފެންނަ މަންޒަރު

  • ހިޓްލަރު އަމިއްލައަށް މަރުވީ މިތަނުގައި
  • ބަންކަރު ސަރަހައްދަށް ވަނީ ބަދަލު ގެނެސްފަ
  • މި ސަރަހައްދުގައި ހިޓްލަރުގެ ނިޝާނެއް ނެތް

(ޖަރުމަނުން: މުހައްމަދު އަފްރާހު) -- މިތަން މިއަދު ފެނަނީ ކާރު ޕާކިން އޭރިޔާއެއްގެ ގޮތުގަ އެވެ. މުޅި ސަރަހައްދު ވަނީ ހުސްކޮށެވެ. މީހުން ހިނގުމަށް މަގެއް އޮތުން ފިޔަވައި "ހާއްސަކަމެއް" މިތަނަކުން ނުފެނެ އެވެ. މި ސަރަހައްދު ވަކި ކުރުމަށް ތިރި ކޮށިގަނޑެއް ޖަހާފައި ވެއެވެ. ދެން ފެންނަން ހުރީ ވަށައިގެންވާ ހުސް ސަރަހައްދެކެވެ. ނަމަވެސް މި ތަނަކީ ޖަރުމަނުގެ އެންމެ ތާރީހީ އެއް ތަނެވެ. މިއީ މަޝްހޫރު "ފިއުރޯބަންކަރު" ނުވަތަ ދުނިޔެ ދުށް އެންމެ އަނިޔާވެރިޔާ، މަޝްހޫރު އެޑޮލްފް ހިޓްލަރު އެންމެ ފަހުގެ ވަގުތުތައް ހޭދަ ކުރިތަނެވެ. އޭނާ "އަމިއްލަ" އަށް މަރުވި ކަމަށް ބުނަނީ މި ބަންކަރުގެ ތެރޭގަ އެވެ. ނަމަވެސް މިތަނުގައި ކުރިން ހީކުރި ގޮތާ ހިލާފަށް ހިޓްލަރުގެ އެއްވެސް "ނިޝާނެއް" ފެންނާކަށް މިހާރަކު ނެތެވެ.

"މި ތަނުން ކޮބައިބާ ހިޓްލަރު މަރުވި ތަނަކީ؟ މިތަނަކު ނެތް އެއްވެސް ނިޝާނެއް؟" އެކުގައި ދިޔަ ރަހުމަތްތެރިންގެ ސުވާލަކީ މިއީ އެވެ.

ހަގީގަތުގައި މި ސުވާލު އަހަރެންގެ ހިތުގައި ވެސް އުފެދުނެވެ. އެހެންވެ މި ސުވާލަށް ޖަވާބު ހޯދުމަށް އެ ތަނަށް ޒިޔާރަތް ކުރަމުން ދިޔަ މީހަކު ކައިރީ އަހައިފީމެވެ. އޭނާ އެކަމާ ބެހޭ ގޮތުން މާކަގިނަ ވާހަކައެއް ނުދެއްކި އެވެ. ނުވަތަ ދައްކަން ބޭނުންނުވީ ކަމަށްވެސް ވެދާނެ އެވެ.

"ހިޓްލަރު މަރުވިތަން މި ތަނަކު ފާހަގަ ކޮށްފައެއް ނުހުންނާނެ! 'ހިޓްލަރު' މިނަން ވެސް ނުކިޔާ ތި؟ މީހުން ރުޅި އަންނާނެ،" ޖަރުމަރު ދެ މަފިރިންގެ ޖަވާބު ސާދާ އެވެ.

ޔޫރަޕުގެ ބޮޑު ބައެއް އަޅުވެތިކޮށްގެން 12 އަހަރު "ދުނިޔޭގެ ރައީސް" ގެ ގޮތުގައި ހުރި ބާރު ގަދަ ހިޓްލަރުގެ ހަނދާން، ޖަރުމަނުގެ ރައްޔިތުން ކުރާކަށް މިހާރަކު ބޭނުމެއް ނޫނެވެ. ނަމަވެސް ތާރީހު ބަދަލެއް ނުވާނެ އެވެ. ހިޓްލަރުގެ ދިރިއުޅުނު ގޮތް ޖަރުމަނު ތާރީހަކުން ނުފުހެވޭނެ އެވެ. އެހެންވެ މިތަން ބަލަން ކޮންމެ ދުވަހަކު އެތަށް ލައްކަ ބަޔަކު މި މައިދާނަށް އާދެ އެވެ. މި ތަނަށް ޒިޔާރަތް ކުރާ މީހުންނަށް ފިއުރޯބަންކަރުގެ މައުލޫމާތު ދިނުމަށް ހާއްސަކޮށް ގިނަ މަސައްކަތް ތަކެއް ކުރެ އެވެ. މި ސަރަހައްދުގައި ޖަރުމަނު ބަހުން ބަންކަރުގެ މައުލޫމާތު ދިނުމަށް ބޯޑެއް ވެސް ބަހައްޓާފައި ހުރެ އެވެ. އެ ބޯޑުގައި ހިޓްލަރުގެ ބަންކަރުގެ މައުލޫމާތު ލިޔެފައި ހުރެ އެވެ.

އެންމެ ވަރުގަދަ ބޮންތައް އެޅިއަސް ފޫނުވެއްޓޭ ގޮތަށް ހަދާފައިވާ ފިއުރޯބަންކަރުގެ ސީލިންގް އާއި ފާރުތަކުގެ ބޯމިނުގައި 12 ފޫޓު ހުންނަ ކަމަށްވެ އެވެ. އަދި އެތަނުގައި ހާއްސަ ހަ ކޮޓަރިއެއް ހުރެ އެވެ. އޭގެތެރޭގައި އޮކްސިޖަނާއި ކުއްލި ހާލަތްތަކުގައި ހިޓްލަރަށް ފަރުވާ ދޭނެ ސިއްހީ ވަސީލަތްތައް ގާއިމް ކޮށްފައިވަނީ އެންމެ ފުރިހަމަ ކޮށެވެ.

ދެން، މި އަންނަނީ ފިއުރޯބަންކަރުގައި ހިޓްލަރުގެ އެންމެ ފަހުގެ ވަގުތުތަކުގެ ވާހަކަ އެވެ. މި ހިސާބަށް ދާން ޖެހޭނީ 22، އެޕްރީލް 1945 ނުވަތަ މީގެ 72 އަހަރުގެ ކުރިއަށެވެ. ޖަރުމަނު ދެވަނަ ބޮޑު ހަނގުރާމަ އިން ބަލިވެއްޖެކަން ހުދު ނާޒީ ޖެނެރަލުން ނަށް ވެސް ޔަގީން ވެއްޖެ އެވެ. ސޯވިއެޓް ޔޫނިއަންގެ ގުޅިފައިވާ އިއްތިހާދުގެ ލަޝްކަރު ޖަރުމަނަށް އަރައިގެންފި އެވެ. ބާލިންގެ އުޅަނގާއި އިރުމަތިން ހިނި ބައިގަނޑެއްހެން ދޭން ފެށި ހަމަލާތައް ހަމަ އިން ނައްޓާލައި ނާޒީ ލަޝްކަރު ފަހަތަށް ޖެހެން ފަށައިފި އެވެ. އެކަމަކު ހިޓްލަރު އަމާން ދޭން ބޭނުމެއް ނުވި އެވެ. އޭނާ ގޮތް ދުލެއް ނުކުރި އެވެ.

އެހެންވެ އޭނާ ބޭނުންވީ އެންމެ ފަހު ވަގުތު ވެސް ޖެނެރަލުންނާ ބައްދަލުކޮށް ދެން އަޅާނެ ފިޔަވަޅަކާ މެދު މަޝްވަރާ ކުރާށެވެ. މި ސައްލާ ކުރިއަށް ދިޔައީ ސިއްތިޔާތުގައި ފިއުރޯބަންކަރުގެ އެތެރޭގައި ހަދާފައިވާ ބައްދަލު ކުރަން ހާއްސަ ތަނެއްގަ އެވެ. ނަމަވެސް ލިބެމުން އައި މައުލޫމާތު ތަކުން އޭނާގެ ކަރު އެލުން ނޫން ކަމެއް ނުވި އެވެ. ގުޅިފައިވާ އިއްތިހާދު ނުވަތަ ރެޑް އާމީ ދިޔައީ ބާލިންގެ ތަންތަން އަތް ފުނާ އަޅަމުންނެވެ. އެ މީހުން ބޭނުންވީ ހިޓްލަރެވެ. ނާޒީ ލީޑަރު ދިރިހުއްޓައި ހޯދާށެވެ.

ފިއުރޯ ބަންކަރުގެ ތެރޭގައި ރައްކާތެރިކަމާއެކު ހުރި ހިޓްލަރަށް ދެން ސަލާމަތް ނުވެވޭނެކަން ޔަގީންވީ މި ހިސާބުންނެވެ. މައުލޫމާތުގެ މައްޗަށް ބިނާކޮށް އޭނާ ބޭނުންވީ ގުޅިފައިވާ ލަޝްކަރުގެ އަތް ދަށު ނުވުމަށެވެ. އެހެންވެ އެންމެ ފަހުން އޭނާ ނިންމީ އަމިއްލަ އަށް މަރުވާށެވެ. ހިޓްލަރާއި އޭނަގެ އަންހެނުން އީވާބްރައުން ވަނީ އަމިއްލަ އަށް ބޮލަށް ބަޑި ޖަހައިގެން މަރުވެފަ އެވެ. އަދި ބަންކަރު ތެރެ އަށް ގެނެސް އޭނާގެ ދަރިންތައް ވެސް ވަނީ ޒަހަރު ލައިގެން މަރާލާފަ އެވެ. އަދި ހިޓްލަރުގެ ޖެނެރަލުން ނަށް އަމުރުކޮށްފައިވަނީ އޭނާ އާއި އަންހެނުންގެ ހަށިގަނޑު އަންދާލުމަށެވެ. އަދި އެމީހުން ހިޓްލަރު އެދުނު ގޮތަށް އެކަން ވަނީ ކޮށްފަ އެވެ. ދެވަނަ ބޮޑު ހަނގުރާމަ ނިމުނުތާ އަހަރެއްހާ ދުވަސް ފަހުން ކުރި ދިރާސާތަކާއި ތަހުގީގުތަކުން ހިޓްލަރުގެ ބޮލުގެ ނާށިގަނޑެއް ވަނީ މި ސަރަހައްދުން ފެނިފަ އެވެ. އަދި ޑީއެންއޭ އިން އޭނާކަން ހާމަވެފައިވެ އެވެ. ނަމަވެސް ހިޓްލަރު ފިލައިގެން ގޮސްފައިވާ ކަމުގެ ވާހަކަތައް ވެސް ދެކެވެ އެވެ.

ކޮންމެއަކަސް ހިޓްލަރު އެންމެ ފަހުގެ ވަގުތުތައް ހޭދަ ކުރި ބަންކަރު ހުރި ސަރަހައްދަކީ މިއީ އެވެ. މިތަނަކީ މިހާރު ޖަރުމަނުގެ ތާރީހީ އެއް ތަރިކަ އެވެ. ފަންސާސް ފަސް މިލިއަން މީހުން މަރުވެގެން ދިޔަ ދެވަނަ ބޮޑު ހަނގުރާމައިގެ ވާހަކަ އަންނަ ކޮންމެ ފަހަރަކު ފިއުރޯބަންކަރުގެ ވާހަކަ އަންނާނެ އެވެ. ސަބަބަކީ މި ތަނަކީ ނާޒީ ލީޑަރު، އެޑޮލްފް ހިޓްލަރުގެ ކައްވަޅަށްވުމެވެ.