ފެނަކަ ކޯޕްރޭޝަން

17 މިލިޔަން ރުފިޔާ ގެއްލުމުން އިތުރަށް ޖެނަރޭޓަރު ހޯދަން ދަތި: ޝަރީފު

ރާއްޖޭގެ އެކި ރަށްރަށުގައި ބަހައްޓަން ނިންމާފައިވާ ޖެނަރޭޓަރުތައް ނުގަނެވި ލަސްވެފައި ވަނީ ޑޮލަރު ގަތުމަށް ހަވާލު ކުރި 17 މިލިއަނެއްހާ ރުފިޔާ ގެއްލުމުގެ ސަބަބުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ ސެންޓްރަލް ޕަވާ ސްޓޭޝަންގައި އަލަށް ބަހައްޓާ ދެ ޖެނަރޭޓަރުގެ ސީ ވޯޓާ ކޫލިން ސިސްޓަމް ގާއިމު ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލު ކުރުމަށް މިއަދު ފެނަކާގައި ބޭއްވި ހަފްލާއެއްގައި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އާދަމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މެދުނުކެނޑި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ގިނަ އަދަދަކަށް ޖެނަރޭޓަރު ގަންނަން ނިންމާފައިވާ ކަމަށެވެ. އެ މަސައްކަތް ކުރިޔަށް ނުގޮސް މަޑުޖެހިފައި ވަނީ ކުންފުންޏަށް ލިބުނޔ 17 މިލިއަން ރުފިޔާގެ ގެއްލުމުގެ ސަބަބުން ކަމަށެވެ.

އަދި ވިދާޅުވީ އޭގެ ސަބަބުން ޖެނަރޭޓަރު ގަތުން ފަދަ ކެޕިޓަލް އިންވެސްޓްމަންޓުތައް ކުރަން ފެނަކައަށް ދަތިވެފައިވާ ކަމަށާއި އެހެން އޮތް ނަމަވެސް ކުއްލި ހާލަތެއް މެދުވެރިވެއްޖެ ނަމަ ބޭނުންވާ ޖަނެރޭޓަރު ފެނަކައިން ގަންނާނެ ކަމަށެވެ.

"17 މިލިއަނެއްހާ ރުފިޔާގެ ބޮޑު ގެއްލުމަށް ފަހު އެ މައްސަލަ ކޯޓުގައި އޮތުމުން އެ ފައިސާ އަދިވެސް ނުލިބޭ. އެއީ ފެނަކައިގެ ހުރިހާ މުއައްޒިފުންގެ އެއް މަހުގެ މުސާރަހާ ބޮޑު އަދަދެއް. އެހެންވެ [މިވަގުތު] ބޮޑެތި ކެޕިޓަލް އިންވެސްޓްމަންތުތައް ކުރަން ދަތި،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ކުއްލި ހާލަތްތަކުގައ ބޭނުން ކުރުމަށް އެކުންފުނިން މިދިޔަ ދެ މަސް ތެރޭގައި ވެސް ފަސް ޖެނަރޭޓަރު ގަނެފައިވާނެ ކަމަށާއި އެ ޖެނަރޭޓަރުތައް ގަތީ އެނޫން ގޮތެއް ނެތުމުން ކަމަށެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި އެ ހާލަތު ބަދަލުކޮށް ކުރިއެރުންތައް ހޯދާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ފެނަކަ ކޯޕަރޭޝަނުން 17 މިލިއަނެއްހާ ރުފިޔާގެ ޑޮލަރު ގަތުމަށް ހަވާލުކޮށްފައި ވަނީ ޑޮލަރުގެ މުއާމަލާތް ކުރުމަށް އެމްއެމްއޭއިން ދޫކުރާ ހުއްދަ ނެތް ކުންފުންޏެއް ކަމަށްވާ ޝަރޫ ލޯންޗް ސާވިސާސް އަށެވެ. އެ ކުންފުނިން ވަނީ ރާއްޖޭގެ މައި ކަރަންޓު ކުންފުނި، ސްޓެލްކޯއަށް ވެސް ޑޮލަރު ގަތުމަށް ގިނަ އަދަދަކަށް ފައިސާ ނަގައިފަ އެވެ. މި ދެ މައްސަލަ މިހާރު ވަނީ ސިވިލް ކޯޓުގަ އެވެ. މި މައްސަލައާ ގުޅިގެން މޮރިޝަސް ބެންކަށް ވެސް ވަނީ ގިނަ ކޮރޮޕްޝަންގެ ތުހުމަތުތަކެއް ކޮށްފަ އެވެ.