ފެނަކަ ކޯޕްރޭޝަން

ފެނަކައިން ބަލަހައްޓާ ރަށްރަށުގައި ބެކަޕް ޖެނަރޭޓަރު ބަހައްޓަނީ

ރާއްޖޭގެ ރަށްތަކުގެ ތެރެއިން ފެނަކަ ކޯޕަރޭޝަންއިން ކަރަންޓްދޭ ރަށްތަކުގައި ބެކަޕް ޖެނަރޭޓަރުތައް ބަހައްޓަން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހުމަދު ޝަރީފް އާދަމް ވިދާޅުވެއްޖެ އެވެ.

ޝަރީފް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ 24 ގަޑިއިރު ކަރަންޓު ފޯރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒު ކުރުމަށް އެ ކުންފުނިން މަސައްކަތް ކުރި ނަމަވެސް ކަރަންޓަކީ ކުއްލިއަކަށް ކަނޑައިގެން ގޮސް ޓެކްނިކަލް މައްސަލަތައް ދިމާވެދާނެ އެއްޗެއް ކަމަށެވެ. އެހެންކަމުން އެކުންފުނީގެ އާ ބިޒްނަސް ޕްލޭންގެ ދަށުން ކޮންމެ އިންޖީނު ގެއެއްގައި މެކްސިމަމް ލޯޑަށާއި މިނިމަމް ލޯޑަށް ކޭޓާ ކުރާނެ ޖެނަރޭޓަރުތައް ބަހައްޓައި އޭގެ އިތުރުން ކަރަންޓު ކަނޑައިގެންދާ ހާލަތެއްގައި ބޭނުން ކުރާނެ ބެކަޕް ޖެނަރޭޓަރެއް ބަހައްޓަން ނިންމާފައިވާ ކަމަށެވެ.

"މިހާރު ކުންފުނި ހުރި ހާލަތުން އެކަން ހާސިލް ކުރަން ދަތި. އެކަން ހާސިލު ކުރެވޭނީ ކުންފުންޏަށް ފައިސާ ވަދެގެން. އެގޮތުން ފިނޭންސް މިނިސްޓްރީއާ ޕްރައިވެޓައިޒޭޝަން ބޯޑާއި ރައީސް އޮފީހުގެ ކަމާ ބެހޭ ބޭފުޅުންނާ މަޝްވަރާ ކުރަމުން މިދަނީ. އަޅުގަނޑުމެން ގަބޫލު ކުރަން 2017 ވަނަ އަހަރު ނިމެންވާ އިރަށް އެ ޓާގެޓު ރީޗް ކުރެނެކަން،" ޝަރީފް ވިދާޅުވި އެވެ.

ފެނަކައިން އަންނަނީ ރާއްޖޭގެ 153 ރަށެއްގެ އިންޖީނުގެ ބަލަހައްޓަމުންނެވެ. އޭގެ ތެރެއިން 50 ޕަސަންޓު ރަށްތަކުގައި މިހާރުވެސް ބެކަޕް ޖެނަރޭޓަރު ބަހައްޓާފައިވާ ކަމަށާއި ދެން ބަހައްޓަން ޖެހޭނީ ކުދިކުދި 70 އެއްހާ ރަށެއްގައި ކަމަށް ޝާރީފް ވިދާޅުވި އެވެ.

ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލު ކުރުމަށް ފެނަކައިން ބެކަޕް ޖެނަރޭޓަރުތައް ގާއިމް ކުރުމަށް މަސައްކަތް ކުރަމުންދާއިރު މާލޭގައި ވެސް އެފަދަ ހާލަތްތަކުގައި ކަރަންޓު ދޭނެ ޖެނަރޭޓަރުތަކެއް ސިނާއީ އަވަށުގައި ބެހެއްޓުމަށް ސްޓެލްކޯއާ ވަނީ ހަވާލުކޮށްފަ އެވެ.