ވިޔަފާރި

ޗައިނާގެ ކުންފުންޏަކުން ޓީއެމްއޭ ގަންނަން މަޝްވަރާ ކުރަނީ

ދުނިޔޭގެވެސް އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ރާއްޖޭގެ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގަންނަން ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޒޮންޝެން އިންޑަސްޓްރިއަލް ގްރޫޕް (ޒެޑްއައިޖީ) އިން މަޝްވަރާ ކުރަމުން އަންނަކަށް އެ ކުންފުނިން ހާމަކޮށްފި އެވެ.

ޒެޑްއައިޖީގެ ޗެއާމަން ޒޯ ޒޮންޝެންއާ ހަވާލާދީ ޒިންހުއާ ނޫހުގައި ބުނެފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރަށް ވުމަށް އެ ކުންފުނިން ފަށާފައިވާ އަމާޒުގެ ދަށުން ޓީއެމްއޭގެ ބޮޑު ހިއްސާއެއް ގަނެ، އެތައް ބިލިއަން ޔުއާންއެއް މިއަހަރު އިންވެސްޓްކުރަން ނިންމާފައިވާ ކަމަށެވެ. އެކަމުގެ މަޝްވަރާތައް ޓީއެމްއޭއާ އެކު ދާ ކަމަށް ވެސް ޒިންހުއާގައިވެ އެވެ.

ޒެޑްއައިޖީ ކުންފުނިން ވަނީ ރާއްޖޭގައި އިތުރަށް، ކެނެޑާގެ ބޮޑު ސީޕްލޭން އޮޕަރޭޓަރެއް ކަމަށްވާ، ހާބާ އެއާ ސީޕްލޭންގެ 49 ޕަސަންޓު ހިއްސާ ދާދިފަހުން ގަނެފަ އެވެ. އަދި ވޮޝިންޓަންގައި މައި އޮފީސް ހުންނަ، އެއާލައިނެއް ކަމަށްވާ ކެންމޯ އެއާގެ ހިއްސާ ގަތުމަށް ވެސް އެ ކުންފުނިން މަސައްކަތް ކުރާ ކަމަށް ޒެޑްއައިޖީގެ ޗެއާމަން ޒިންހުއާ އަށް ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާގެ އިންވެސްޓްމަންޓް ފާމެއް ކަމަށްވާ، ބްލެކްސްޓޯން ގްރޫޕުން ހިންގާ ޓީއެމްއޭގައި ޖުމްލަ 44 ސީޕްލޭން ބޭނުން ކުރެ އެވެ. ޓީއެމްއޭ އާއި މޯލްޑިވިއަން އެއާޓެކްސީގެ ނަމުގައި ވަކިން ހިންގަމުން އައި ދެ ސީޕްލޭން އޮޕަރޭޓަރު އެއްކޮށްލައިގެން، ޓީއެމްއޭގެ ނަމުގައި ސީޕްލޭންގެ އޮޕަރޭޝަންތައް ފެށީ 2013 ވަނަ އަހަރު ބްލެކްސްޓޯން އިން އެދެކުންފުނީގެ ބޮޑު ހިއްސާއެއް ގަތުމަށް ފަހުގަ އެވެ.