ސްވައިން ފްލޫ

ފުލޫ ޖެހިފައިވާ ދިވެހިން ގެންދިއުން ލަންކާއަށް މައްސަލައަކަށް!

ސްވައިން ފްލޫ ޖެހިފައިވާ ދިވެހިން ތަކެއް އެޑްމިޓް ކުރި ކަމުގެ ހަބަރު ފެތުރުމުން އަވަށްޓެރި ސްރީލަންކާގެ ލަންކާ ހޮަސްޕިޓަލްސްއަށް އެކަން މައްސަލައަކަށް ވެއްޖެ އެވެ.

ލަންކާ ހޮސްޕިޓަލްސްގައި ސްވައިން ފުލޫ ޖެހިފައިވާ ދިވެހިން އެޑްމިޓްކޮށްފައި ތިބި ކަމަށް ބުނާ ވާހަކަ ތަކެއް ސޯޝަލް މީޑިއާގައި ފެތުރުމުން ލަންކާ ހޮސްޕިޓަލުން ވަނީ އެކަން ދޮގުކޮށް ބަޔާނެއް އާއްމުކޮށްފަ އެވެ. ލަންކާގެ ސަންޑޭ ޓައިމްސް ނޫހުން ބުނީ އެއީ " ހޮސްޕިޓަލުގެ ތަސައްވުރު ހަޑިކުރަން ފަތުރާ އަގު ވައްޓައިލުމުގެ ވާހަކަތަކެއް" ކަމަށް ހޮސްޕިޓަލުގެ ބަޔާނުގައި ބުނެފައިވާ ކަމަށެވެ. ހޮސްޕިޓަލުގައި މިހާރު އެޑްމިޓްކޮށްފައި ތިބި ރާއްޖޭގެ ބަލިމީހުންގެ އަދަދާއި އެމީހުން އެޑްމިޓްކޮށްފައި ތިބި ސަބަބު ވެސް ބަޔާނުގައި ވަނީ ހާމަކޮށްފައެވެ.

"... ލަންކާ ހޮސްޕިޓަލްސްގައި މިހާރު އެޑްމިޓްކޮށްފައި ތިބީ އެންމެ 12 ދިވެހިންނެވެ. އޭގެ ތެރެއިން 10 މީހުން ނަކީ ސާޖިކަލް ބަލިމީހުންނެވެ. އަދި އަނެއް ދެމީހުންނަނީ މެޑިކަލް ބަލިމީހުންނެވެ." އެޑްމިޓްކޮށްފައި ތިބި ދިވެހިންނާ ބެހޭ ގޮތުން ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި އަދި ބުނެފައި ވަނީ އެއްވެސް ދައްޗެއް ނެތި އެހޮސްޕިޓަލުން ބަލިމީހުންނަށް ފަރުވާ ކުރަމުން އަންނަ ކަމަށެވެ.

ސްވައިން ފުލޫ ޖެހިފައިވާ ދިވެހިންތަކެއް ލަންކާއަށް ގެންގޮސްފައިވާ ކަމަށާއި އެގައުމުގައި ބަލި ފެތުރޭ ކަމަށް ދެކެވޭ ވާހަކަތަކެއް ލަންކާގެ އެޕިޑެމިއޮލޮޖީ ޔުނިޓުން ވެސް ވަނީ ދޮގުކޮށްފައެވެ. އެ ޔުނިޓްގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލަކު ސަންޑޭ ޓައިމްސް އަށް ބުނެފައި ވަނީ ގިނަ އަދަދެއްގެ ބަޔަކަށް ސްވައިން ފްލޫ ޖެހިގެން ރިޕޯޓްކޮޮށްފައިވާ، އާދަޔާ ހިލާފު ހާލަތެއް ލަންކާގައި ނެތް ކަމަށާއި ބަލިޖެހިފަިއވާ ދިވެހިން ތަކެއް އެޑްމިޓްވެސް ނުކުރާ ކަމަށެވެ.