އޯޖީ އިމޭޖް

"ޑްރެގަން" ގެ ޝޫޓިން ފެށުން އަނެއްކާ ވެސް ލަސްކުރަނީ

Mar 19, 2017

ދެހާސް ތޭރަވަނަ އަހަރު ނިކުތް ކާމިޔާބު ފިލްމު "ޔޭ ޖަވާނީ ހޭ ދިވާނީ" އަށް ފަހު ޑައިރެކްޓަރު އަޔާން މުކަރްޖީ އަންނަނީ އެ ފިލްމުގެ ލީޑްރޯލުން ފެނިގެންދިޔަ ޒުވާން އެކްޓަރު ރަންބީރު ކަޕޫރާ އެކު އިތުރު ފިލްމެއް އުފައްދަން ތައްޔާރުވަމުންނެވެ.

"ޑްރެގަން" ނަމަކަށް ކިޔާ ފިލްމެއް އުފައްދަން އަޔާން ނިންމާފައިވާއިރު، މި ފިލްމުގައި ރަންބީރު ފެނިގެންދާނީ ސުޕަހީރޯއެއްގެ ރޯލުންނެވެ. އެންމެފުރަތަމަ މިދިޔަ އަހަރުގެ ފަހުކޮޅު ޝޫޓިން ފެށުމަށް ހަމަޖެހިފައި އޮތް މި ފިލްމު މި އަހަރުގެ ތެރޭގައި ޝޫޓިން ފަށާގޮތަށް ބަދަލުކުރި ނަމަވެސް އަނެއްކާވެސް ފިލްމުގެ ޝޫޓިން ފަށާ ދުވަސް ލަސްކޮށްފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

މި ފިލްމަށް ރަންބީރު ތައްޔާރުވަމުން އަންނަނިކޮށް ފިލްމުގެ ޝޫޓިން ލަސްކުރުމުން އޭނާ ވަނީ، މިހާރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދަމުން އަންނަ ފިލްމުގެ ޝޫޓިން ނިމުމުން މި ފިލްމު ކުޅެން ފަށާގޮތަށް ނިންމާފަ އެވެ. އެގޮތުން ކުރިން މިއަަހަރުގެ ކުރީކޮޅު ޝޫޓިން ފެށުމަށް ހަމަޖެހިފައި އޮތް "ޑްރެގަން" ގެ ޝޫޓިން މިއަހަރުގެ ތަންކޮޅެއް ފަހުން ފަށާގޮތަށް ލަސްކުުރި ނަމަވެސް އަނެއްކާވެސް ފިލްމުގެ ޝޫޓިން ފެށޭނެ ތާރީހު މިވަނީ ލަސްކޮށްފަ އެވެ.

ބުނެވޭ ގޮތުގައި ފިލްމުގެ ޝޫޓިން އަނެއްކާ ވެސް ލަސްވެފައިވަނީ ފިލްމުގެ ބަޖެޓު މާ ބޮޑު ވުމުގެ ސަބަބުންނެވެ. މި ފިލްމަކީ ގިނަ އަދަދަކަށް އެކްޝަން މަންޒަރުތައް ހިމެނޭ ފިލްމަކަށް ވުމާއި ސުޕަހީރޯ ފިލްމަކަށް ވުމުން ފިލްމުގެ ސްޕެޝަލް އިފެކްޓްގެ މަންޒަރުތައް ވެސް ގިނަވާނެތީ އާއެކު ފިލްމުގެ ބަޖެޓު ލަފާކުރި ވަރަށް ވުރެން ބޮޑުވީ އެވެ. އެގޮތުން ފިލްމުގެ ޕްރޮޑިއުސަރުން ވަނީ ޑައިރެކްޓަރު އަޔާން ކުރެން ފިލްމުގެ ބަޖެޓް އަދިވެސް ކުޑަކުރަން އެދިފަ އެވެ.

މީގެއިތުރުން ވެސް ރަންބީރު މިދިޔަ މަހުގެ ތެރޭގައި ސަންޖޭގެ ފިލްމުގެ ޝޫޓިން ފެށިއިރު ބަރުދަން 14 ކިލޯ ބަރުކޮށް ވަނީ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. އެހެންކަމުން "ޑްރެގަން" ގެ ޝޫޓިން ފެށުމުގެ ކުރިން ރަންބީރު ޖެހޭނީ އަލުން ބަރުދަން ލުއިކޮށް ހަށިގަނޑު ކަސްރަތީ ހަށިގަނޑަށް ބަދަލުކޮށްލާށެވެ.

ރަންބީރާއި އާލިއާ ބަޓް އެކުގައި ފުރަތަމަ ފަހަރަށް ފެނިގެންދާ މި ފިލްމުގެ މުހިންމު ރޯލަކުން އަމީތާބް ބައްޗަން ވެސް ފެނިގެންދާނެ ކަމަށްވެ އެވެ.