އެސްޓީއޯ

ސެންޓަރެއް ގާއިމުކޮށް، އެސްޓީއޯއިން ރަށްރަށަށް ބޭސް ފޮނުވަން ފަށައިފި

ރާއްޖޭގައި މިހާރު ފެތުރެމުންދާ ހުމާއި ރޯގާ އަށް ބޭނުންވާ ބޭސްތައް އެސްޓީއޯއިން ރާއްޖޭގެ ކޮންމެ ރަށަކަށް ފޯރުކޮށްދިނުމަށް އެމެޖެންސީ ޑިސްޓްރިބިއުޝަން ސެންޓަރެއް ގިޔާސުއްދީން ސްކޫލްގައި ގާއިމުކޮށްފި އެވެ. އެސްޓީއޯއިން މިރޭ ވަނީ ހުރިހާ ރަށެއްގެ ފާމަސީ ތަކުން ހުސްނުވެ ހުމާއި ރޯގާއަށް ބޭނުންވާ ބޭސް ލިބެން ހުންނާނެ ކަމުގެ ދީފިއެވެ.

ގިޔާސުއްދީން ސްކޫލް ހޯލްގައި ގާއިމުކޮށްފައިވާ އެމެޖެންސީ ޑިސްޓްރިބިއުޝަން ސެންޓަރުގައި ހުންނަވާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ އެމްޑީ އަހުމަދު ޝަހީރު ވިދާޅުވީ، އެމެޖެންސީ ޑިސްޓިބިއުޝަން ސެންޓަރެއް ގާއިމުކުރީ ރަށްރަށް ބޭސް ފަސޭހަކަމާއެކު ޕެކްކޮށް، އެކަން ލުއި ފަސޭހަ ގޮތެއްގައި ކުރުމަށް ކަމަށެވެ.

"އަތޮޅުތަކުގައި ހެދިފައިވާ ހުރިހާ ފާމެސީތަކުން ހުމާއި ރޯގާއަށް ބޭނުންވާ ބޭސްތައް ހުސްނުވެ ލިބެން ހުންނާނެ، އަދި ރީޖަނަލް ހުރިހާ ހޮސްޕިޓަލް ހުރި ތަންތަނުގައި އެސްޓީއޯގެ ސްޓޮކެއް ބެހެއްޓިފައި ހުންނާނެ، އެހެންވީމަ އަތޮޅުތަކުގައި ހެދިފައިވާ ކުދި ފާމަސީތަކުން ބޭސް ހުސްވަމުން ދިޔަ ނަމަވެސް ޑިސްޓިބިއުޝަން ސެންޓަރުން ތަކުން ބޭސް ފޮނުވަމުން ދާނެ،" ޝަހީރު ވިދާޅުވި އެވެ.

ޝަހީރު ވިދާޅުވީ، އިންފުލުއެންޒާ ވައިރަހުން ސަލާމަތް ވުމަށް ބޭނުންވާ ވެކްސިނާއި އަދި ހުމަށް ބޭނުންވާ ހާއްސަ ބޭސްތައް މިނިސްޓްރީ އޮފް ހެލްތްގެ ލަފާގެ މަތިން އެސްޓީއޯއިން ދަނީ ރާއްޖެ އެތެރެކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ކަމާ ބެހޭ ފަރާތްތަކާއި ހަވާލުކުރަމުން ކަމަށެވެ. އަދި އިންފުލުއެންޒާ ވެކްސިންއާއި އެންޓި ވައިރަލް ބޭސް އެޗްޕީއޭގެ ބެލުމުގެ ދަށުން ހޮސްޕިޓަލްތަކާއި ފުލޫ ކްލިނިކް ތަކުން ލިބެން ހުންނާނެ ކަމަށެވެ.

ޝަހީރު ވިދާޅުވީ، ކުރިއާ އަޅާބަލާއިރު ބޭހުގެ ޑިމާންޑް ވަރަށް ބޮޑުވެފައިވާ ކަމަށާއި ނަމަވެސް ބޭސް ހުސްނުވާނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.

އެސްޓީއޯއިން ގާއިމުކުރި އެމެޖެންސީ ޑިސްޓްރިބިއުޝަން ސެންޓަރުގެ މަސައްކަތްތައް ހުމާއި ރޯގާގެ ކަންކަން ހަމައަކަށް އެޅެންދެން ކުރިއަށްދާނެ ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ. އެ ސެންޓަރުން ބޭސް ޕެކްކޮށް ފޮނުވަމުން ދަނީ ހަތަރު ރީޖަނަލަކަށް ބަހައިލައިގެންނެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ސަރަހައްދެއް ހިމެނޭ ގޮތަށް އެޗްޕީއޭއިން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ އަންގާރަ ދުވަހު 2334 މީހެއް ފަރުވާ ހޯދާފައިވާ އިރު އޭގެ އަނެއް ދުވަހު އެ ބައްޔަށް ފަރުވާ ހޯދި މީހުންގެ އަދަދު ވަނީ 1890 އަށް މަދުވެފައެވެ. އަދި ބުރާސްފަތި ދުވަހު ރޯގާއަށް ފަރުވާ ހޯދި މީހުންގެ އަދަދު 2540 އަކަށް އިތުރުވި ނަމަވެސް އިއްޔެ އެ އަދަދު ވަނީ 1543 އަށް މަދުވެފައެވެ.

މިދިޔަ ހަތަރު ދުވަސް ތެރޭގައި އަތޮޅުތަކު ތެރެއިން އެންމެ ގިނައިން ރޯގާއަށް ފަރުވާ ހޯދާފައި ރ. އަތޮޅުންނެވެ. އެ އަތޮޅުން ރޯގާ ޖެހިގެން ފަރުވާ ހޯދާފައި ވަނީ 433 މީހުންނެވެ. އަދި އެ މުއްދަތު ތެރޭގައި އެންމެ މަދުން ފަރުވާ ހޯދާފައި ވަނީ ވ. އަތޮޅުންނެވެ. އެއީ 21 މިހުންނެވެ.

ސްވައިން ފްލޫ ވައިރަސް ރާއްޖޭގައި ބާރަށް ފެތުރެމުން ދާއިރު މިހާތަނަށް އެ ފްލޫއަށް ޓެސްޓުކޮށްފައި ވަނީ 350 މީހުންނެވެ. އަދި މިހާތަނަށް 114 މީހުން ވަނީ އެ ބައްޔަށް ޕޮސިޓިވް ވެފައެވެ. ސްވައިން ފްލޫ ޖެހިގެން ދެ މީހަކު މަރުވެފައިވާ އިރު ހަ މީހަކު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.