ބޮލީވުޑް

އައިޝްވާރިޔާގެ ބައްޕަ މަރުވެއްޖެ

Mar 19, 2017

ކުރީގެ ރީތީގެ ރާނީ އަދި ބޮލީވުޑްގެ މަޝްހޫރު ބަތަލާ އައިޝްވާރިޔާ ރާއީގެ ބައްޕަ، ކްރިޝްނަ ރާޖް އިއްޔެ މަރުވެއްޖެ އެވެ.

ފާއިތުވި މަހެއްހާ ދުވަހުން ފެށިގެން މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލުގައި ފަރުވާދެމުން އައި ކްރިޝްނާރާޖްގެ ސިއްހީ ހާލަތު ވަރަށް ގޯސްވެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވަނީ އިއްޔެ ހަވީރު އެވެ.

ކުރިން ކެންސަރު ބަލިއަށް ފަރުވާ ހޯދައި ފަސޭހަވެފައިވާ ކްރިޝްނާރާޖަށް އަލުން ކެންސަރު ޖެހި ހާލު ގޯސްވެފައިވަނީ މި ފަހުންނެވެ.

އައިޝްވާރިޔާ މިފަހުން ދުބާއީ އަށް ޗުއްޓީ ދަތުރެއްގައި ގޮސް އުޅެނިކޮށް އޭނާގެ ބައްޕަގެ ހާލު ގޯސްވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމުން ވަނީ ޗުއްޓީ ދަތުރު ކުރުކޮށްލުމަށްފަހު ވަނީ އޭނާގެ ބައްޕަގެ ކައިރިއަށް އައިސްފަ އެވެ. އަދި ނިއުޔޯކްގައި ފިލްމެއްގެ މަންޒަރުތައް ނަގަމުން އައި އައިޝްވާރިޔާގެ ފިރިމީހާ، އެކްޓަރު އަބީޝެކް ބައްޗަން ވެސް ވަނީ އޭނާގެ ބަފައިބެ އަށް އައިސީޔޫގައި ފަރުވާދޭން ފެށުމުން ޝޫޓިން މެދުކެނޑާލުމަށްފަހު މުމްބާއީއަށް އައިސްފަ އެވެ. އަދި އިންޑިއާގައި އެންމެ ކުލަގަދަ ކޮށް ފާހަގަކުރާ އެއް ފެސްޓިވް ކަމަށްވާ ހޯލީ މިދިޔަ ހަފްތާގައި ފާހަގަ ކޮށްފައިވާއިރު، އައިޝްވާރިޔާގެ ބައްޕަގެ ހާލު ދެރަވެ އައިސީޔޫގައި ފަރުވާދެމުން އަންނާތީ ބައްޗަން އާއިލާއިން ވަނީ ހޯލީ ވެސް ފާހަގަ ނުކޮށްފަ އެވެ.

އައިޝްވާރިޔާގެ ބައްޕަ މަރުވުމާ ގުޅިގެން ބޮލީވުޑްގެ ގިނަ ފަރާތްތަކުންނާއި އޭނާގެ ފޭނުން އަންނަނީ އާއިލާ އަށް ތައުޒީޔާ ކިޔަމުންނެވެ.