ބޮލީވުޑް

"ޑަންގާލް" އިން ފައިދާގެ ގޮތުގައި އާމިރަށް 26 މިލިއަން ޑޮލަރު

Mar 20, 2017

އަހަރަކު ނުވަތަ ދެއަހަރުން އެއް އަހަރު ވިޔަސް ސުޕަސްޓާ އާމިރް ޚާންގެ އެންމެ ފިލްމެއް ރިލީޒްވިޔަސް، ރިލީޒްވާ ކޮންމެ ފަހަރަކު ބޮކްސް އޮފީހަށް ތޫފާނެއް ގެނުވަ އެވެ.

އެންމެ ބޮޑެތި އާމްދަނީ ލިބިގެން އެންމެ ކާމިޔާބު ފިލްމުގެ ލިސްޓުގައި އާމިރްގެ އެންމެފަހުން ރިލީޒްވި "ޑަންގާލް" އާއި އޭގެކުރިން ރިލީޒްވި "ޕީކޭ" ހިމެނެ އެވެ.

ބޮލީވުޑްގެ ތާރީހުގައި ވެސް އެންމެ ގިނައިން އާމްދަނީ ލިބުނު ފިލްމުގެ ރެކޯޑް "ޑަންގާލް" އިން މުގުރާލާފައިވަނީ އާމްދަނީގެ ގޮތުގައި 532.56 ކްރޯޑް (އަށްޑިހަ މިލިއަން ޑޮލަރު) ރުޕީޒް އިންޑިއާއިން އެކަނި ލިބިގެންނެވެ.

ރެކޯޑް އަދަދެއްގެ އާމްދަނީ ލިބުނު "ޑަންގާލް"، އަށް އާމްދަނީގެ ގޮތުގައި މިހާ ބޮޑު އަދަދެއް ލިބިފައިވާއިރު، ފިލްމުގެ އެއް ޕްރޮޑިއުސަރު އަދި ލީޑްރޯލު ކަމަށްވާ މަހާވީރް ސިންގް ޕޮގަތުގެ ގޮތުގައި ފެނިގެންދިޔަ މިފިލްމުން ފައިދާގެ ގޮތުގައި އޭނާ އަށް ވަނީ 175 ކްރޯޑް (26 މިލިއަން ޑޮަލަރު) ލިބިފަ އެވެ.

އާމިރްގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި، އާމިރް ޚާން ފިލްމްސް އާއި ޑިޒްނީ ޔޫޓީވީ ގުޅިގެން އުފެއްދި "ޑަންގާލް" އާމިރް ކުޅެދީފައިވަނީ ޕްރޮފިޓް ޝެއަރިން ޕާޓްނާޝިޕެއްގެ ދަށުންނެވެ. އެގޮތުން ފިލްމު ކުޅެދިނުމުގެ ފީއެއްގެ ގޮތުގައި އާމިރް 35 ކްރޯޑް ނަގާފައިވާއިރު ފިލްމުގެ 33 އިންސައްތަ ހިއްސާވެސް އޭނާގެ އޮވެ އެވެ.

އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް މި ފިލްމުގެ ސެޓަލައިޓް ރައިޓްސް ވިއްކައިގެންނާއި އެހެނިހެން ވެސް ގޮތްގޮތުން ލިބޭ އާމްދަނީގެ 33 އިންސައްތަ އާމިރަށް ލިބޭނެ އެވެ.

"ޑަންގާލް" އަކީ އާމިރްގެ ނަވާވީސް އަހަރުގެ ދިގު ކެރިއަރުގައި އޭނާ ކުޅުނު އެންމެ އުނދަގޫ ފިލްމެވެ. މި ފިލްމުގައި ކުޅުނު ރެސްލިންތެޅުން ތެރިޔާ މަހާވީރް ރޯލަށް ތައްޔާރުވުމުގެ ގޮތުން ވަނީ ބަރުދަން 95 ކިލޯ އަށް ބަރުކޮށް، ސިފަޔަށް ބޮޑު ބަދަލުތަކެއް ގެނެސްފަ އެވެ. އަދި އަލުން ވަނީ އޭނާގެ ޒުވާން ދުވަސްވަރުގެ ރޯލު ކުޅުމަށް އާމިރް ވަނީ އޭނާ "ޕީކޭ" ކުޅުނުއިރު ބަރުދަނާއި ހަށިގަނޑު ހުރި ވަރަަށް އަލުން ތިރިކޮށްފަ އެވެ.