ހަބަރު

"ފަސާދަ ކުރާ ނަމަ ކުރީގެ ރައީސުންނަށް އިނާޔަތް ދޭކަށް ނުޖެހޭ"

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނަށް އަނެއްކާ ވެސް އިސްލާހެއް ހުށަހަޅަން ޕީޕީއެމްގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުރަހީމް އަބްދުﷲ ގޮވާލައްވައިފި އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވި އިރު، ފަހަކަށް އައިސް ކުރީގެ ރައިސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދު ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ ހުރިހާ ކަމަކަށް ރައީސް މައުމޫން ގެންދަވަނީ ގެންދަވަނީ ތާއީދު ކުރައްވަމުންނެވެ. -- ކުރީގެ ރައީސުންގެ ތެރެއިން ސިޔާސީ ކަންކަމާ ދުރު އެކަހެރި ދިރިއުޅުމެއް އުޅުއްވަނީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.

އަބްދުއް ރަހީމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސުންގެ ތެރެއިން އަމިއްލަ އެދުމަށްޓަކައި ގައުމުގައި ފިތުނަ ފަސާދަ އުފައްދަން މަސައްކަތް ކުރާ ބޭފުޅުނަށް އިނާޔަތާއި، ހިމާޔަތް އަދި ރައްކާތެރިކަން ދޭން ނުޖެހޭ ކަމަށާއި އެހެންވެ އެހާލަތާ ގުޅޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅަން ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކަށް ގޮވާލައްވާ ކަމަށެވެ.

މިދިޔަ އަހަރު ތެރޭގައި ވެސް ރައްޔިތުން މަޖިލީހުގައި ވަނީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނަށް ބަދަލެއް ގެނެސްފަ އެވެ. އެއީ ޖިނާއީ ކުށެއް ސާބިތުވެފައިވާ ކުރީގެ ރައީސްއަކަށް އިނާޔަތާ ހިމާޔަތް ނުލިބޭ ގޮތަށެވެ. އެގޮތުން ކުރިން ރައީސް ނަޝީދަށް ލިބެމުންއައި އިނާޔަތްތައް ދިނުން ވަނީ ހުއްޓާލާފަ އެވެ.