chattelegramwhatsappviber google-plus twitter facebook

ދުނިޔެ

ޓްރަމްޕްގެ ފޯންކޯލްތައް އަޑު އެހިކަމުގެ ހެއްކެތް ނެތް: އެފްބީއައި

އެފްބީއައިގެ ޑައިރެކްޓަރު ޖޭމްސް ކޮމޭ. ފޮޓޯ: ދަ ގާޑިއަން

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އަމުރު ކުރައްވައިގެން، އޭރުގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕްގެ ފޯން ކޯލްތައް އަޑު އެހި ކަމުގެ ހެއްކެއް ނެތް ކަމަށް ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް (އެފްބީއައި) އިން ބުނެފި އެވެ.

އެމެރިކާ ޕާލަމެންޓްގެ ޖާސޫސީ ކަންކަމާބެހޭ ކޮމެޓީގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެފްބީއައިގެ ޑައިރެކްޓާ ޖޭމްސް ކޮމޭ މިއަދު ވިދާޅުވީ ފޯންކޯލްތައް އަަޑު އެހި ކަމަށް ތުހުމަތު ކުރައްވައި ޓްރަމްޕް ކުރެއްވި ޓްވީޓްތަކަށް ބާރުދޭ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަަމަށެވެ.

އޭނާ ވިދާޅުވީ އެމެރިކާގެ ފަރުދަކާ ދެކޮޅަށް އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ޖާސޫސް ކުރަން އެހެން ފަރުދަކަށް އިރުޝާދު ނުދެވޭނެ ކަމަށެވެ. އެއްވެސް ރައީސަކަށް ވެސް އެކަން ނުކުރެއްވޭނެ ކަމަށެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ދުވަސް ވަރު އޮބާމާ އަމުރު ކުރައްވައިގެން ޓްރަމްޕަށް ފާރަލުމަށް ފޯން ކޯލްތައް އަޑު އެހި ކަމަށް ޓްރަމްޕް ތުހުމަތު ކުރެއްވީ މިމަހުގެ ހަތަރުވަނަ ދުވަހު ކުރެއްވީ ސިލްސިލާ ޓްވީޓްތަކެއްގަ އެވެ.

އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވެ، އެފްބީއައިގެ ކުރީގެ ވެރިޔާ ޖޭމްސް ކްލެޕާ ވަނީ އޭރު ވިދާޅުވެފައެވެ. އަދި އެވާހަކަތައް ރައީސް އޮބާމާ ވެސް އޭރު ވަނީ ދޮގު ކުރައްވާފަ އެވެ. ފޯން ކޯލްތައް އަޑު އެހި ކަމަށް ޓްރަމްޕް ކުރެއްވި ތުހުމަތަށް ބާރު ލިބޭ ހެކި ދެއްކެވުމަށް އޭނާ ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ ސެނެޓަރެއް ކަމަށްވާ ޖޯން މެކޭން ވެސް ވަނީ ގޮވައިލައްވާފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ފަހުގެ ޚަބަރު