ދުނިޔެ

ގާނާގައި ގަހެއް ދަށުވެ 20 ކުއްޖަކު މަރުވެއްޖެ

ގާނާގެ ކިންޓަމްޕޯގައިވާ ފެން އާރެއްގެ ތެރެއަށް ބޮޑު ގަހެއް ވެއްޓި، ގަސް ދަށުވި 20 ކުއްޖަކު މަރުވެއްޖެ އެވެ.

މި ގަސް ވެއްޓުނީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ފެން އާރެއްގެ ކައިރީގައި އޮންނަ ކޯރަކަށެވެ. އިމާޖެންސީ އޮފިޝަލުން ވިދާޅުވި ގޮތުގައި މި ގަސް ވެއްޓުނީ ވިއްސާރައިގެ ސަބަބުން ކަމަށާއި މި ހާދިސާ ހިނގި ވަގުތު ފަތުރުވެރިންނާއި ސްކޫލް ކުދިންތަކެއް ކޯރުގައި ފަތަން އުޅުނެވެ.

ގާނާ ނެޝަނަލް ފަޔާ ސާވިސްގެ ތަރުޖަމާނު، ޕްރިންސް ބިލީ އެނެގްލޭޓް ވިދާޅުވި ގޮތުގައި ގަސް ވެއްޓުމުގެ ސަބަބުން 18 ކުއްޖަކު ހާދިސާ ހިނގި ވަގުތު މަރުވި ކަމަށާއި ދެ ކުއްޖަކު މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނިކޮށް ކަމަށެވެ.

މި ހާދިސާގައި އަނިޔާވި އިތުރު 11 މީހަކަށް ފަރުވާދެމުންދާ އިރު އޭގެ ތެރޭގައި ސްކޫލުކުދިންތަކެއް ގޮވައިގެން ފަތަން ދިޔަ ސްކޫލް އެޑްމިނިސްޓްރޭޓަރަކު ވެސް ހިމެނޭ ކަމަށް އެންގްލޭޓް ވިދާޅުވި އެވެ.

ކިންޓަމްޕޯގައިވާ މި ފެން އާރަކީ ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު ޒިޔާރަތްކުރާ މަގުބޫލު މަންޒިލެކެވެ. މި ސަރަހައްދުގައި އަހަރެއްހާ ދުވަސް ކުރިން ކާރު އެކްސިޑެންޓެއްގެ ސަބަބުންވެސް ވަނީ މިފަދަ ބޮޑު ހާދިސާއެއް ހިނގާފައެވެ.