chattelegramwhatsappviber google-plus twitter facebook

ރާއްޖެ

މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓާ ގުޅިގެން ރައީސް މެންބަރުންނާ ބައްދަލު ކުރައްވައިފި

ޕީޕީއެމްގެ އޮފީހުގައި މިރޭ ކުރިޔަށް ދިޔަ ބައްދަލުވުން-- ފޮޓޯ | ޓްވިޓާ

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރުނެތް ކަމުގެ ވޯޓާ ގުޅިގެން ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެމްޑީއޭ އަދި ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕުގެ މެންބަރުންނާ ބައްދަލު ކުރައްވައިފި އެވެ.

ޕީޕީއެމްގެ މައި އޮފީހުގައި މިރޭ އެ ބައްދަލުވުން ކުރިޔަށް ދިޔަ ވަގުތު ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އުޅޭ މައްސަލައާ ގުޅިގެން ރައީސް ޔާމީންއާ އެކު މަޝްވަރާތައް ކުރިޔަށް ދާ ކަމަށާއި އެ ވޯޓުން އިދިކޮޅު ފަރާތްތައް ބަލިކޮށްލާނެ ކަމަށެވެ. ނަމަވެސް އެ ބައްދަލުވުމާ ގުޅޭ އިތުރު މައުލޫމާތެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

މަސީހުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ފާސް ކުރަން އުޅޭ މައްސަލައާ ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ މިރޭ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެ ޕީޕީއެމްއާއި އެމްޑީއޭ ގުޅިގެން އެ ވޯޓު ކާމިޔާބު ކުރައްވާނީ ގައުމާއި ރައްޔިތުންގެ އަދާވާތްތެރިންގެ ކުރިމަތީ ސާބިތުވެތިބެގެން ކަމަށެވެ. އަދި އެ ދުވަހު އިދިކޮޅު ފަރާތްތައް ރައްޔިތުންގެ ކުރިމަތީ ބޭޒާރުކޮށްލާނެ ކަމަށް ވެސް އަބްދުއް ރަހީމް ވިދާޅުވި އެވެ.

މަސީހުގެ އިތުބާރު ނެތް މައްސަލަ ރައްޔިތުންގެ މަޖިލީހުގައި އެޖެންޑާކޮށްފައި ވަނީ އަންނަ ހަފްތާގެ ހޯމަ ދުވަހަށެވެ. އެ ވޯޓު ކާމިޔާބު ކުރެވޭނީ މަޖިލީހަށް އެދުވަހު ހާޒިރުވި މެންބަރުންގެ އަގުލަބިއްޔަތުން ނެވެ.

އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ އެ މަސައްކަތް ނާކާމިޔާބު ކޮށްލާނެ ކަމަށް ސަރުކާރަށް ތާއީދު ކުރާ މެންބަރުން ވިދާޅުވަމުން ދިޔަ ނަމަވެސް އިދިކޮޅު އެމްޑީޕީއާ މިހާރު ގުޅިގެން މަސައްކަތް ކުރައްވާ ރައީސް މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ވިދާޅުވެފައިވާ ގޮތުގައި މަސީހުގެ އިތުބާރު ނެތް ކަމަށް ފާސް ކުރަން 85 މެންބަރުންގެ ތެރެއިން ބޭނުންވާ 42 މެންބަރުން ވަނީ ހަމަވެފަ އެވެ. ނަމަވެސް އެއީ ކޮން މެންބަރުންނެއް ކަމެއް ހާމައެއް ނުކުރައްވަ އެވެ.

މަސީހުގެ އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވާ އިރު މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ ވެސް އިތުބާރު ނެތްކަމުގެ މައްސަލައެއް އިދިކޮޅު ފަރާތްތަކުން ހުށަހަޅަން އުޅޭ އަޑު ވަނީ ފެތުރިފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
  • ޖައްސާތި

    މިފަހަރު މަޖްލީހުގެ ރައީސް ކަމުން މަސީހު ވަކި ކުރާ ވޯޓްގައި އިދިކޮޅު ރަންރީނދުލޭ މެންނަށް ކާމިޔާބުވުމަކީ އެއީ މަމެންގެ ވެރިކަން ވެއްޓުން ފަދަ ކަމެކެވެ. ކަން މިހެން ހުރުމުން މިކަން ޖެހޭނެ ވަރަށް ސީރިއަސް ކޮށް ސަރުކާރުން ނަގައިގެން އިދިކޮޅު ކްރިޓިކްސް ގައި ތިޔާ މަތިހަށި ނަގައިގެން އުޅޭ އެންމެ ދެކުނު ވިންގޭ މެންނަށް ވަރަށް ސިވިއަރ އިކޮނޮމިކް ސެންކްޝަންސް ތައް އެމެންނާއި ގުޅޭ ވިޔަފާރިއަށް އަޅާލާ އެމެން ތަންޑާ ކޮށްލަން. އަދި އެންޑީއެމްސީގެ ތިޖޫރީ ޑީބީ ދަވާލި މައްސަލަ ރިލޯޑް ކޮށްލާ އެކަން ގަދަ އަށް ޖައްސަންވީއެވެ. އެއިރުން ހުންނާނެ އެމެންނަށް ރަނގަޅަށް އަލާފިލާފައި ދޯ. ދެން އަވި ޕެނަލް ޖަހަން އޭ ކިޔާ އޮޅުވާލާ މަކަރާއި ހީލަތުން އެމެންގެ ބޮޑޭގެ ބޭބެ އަކު މާލެ ވިލިގިލީ ފުރާޅު މަތީގައި ޖަހާފައިވާ އަވި ޕެނަލް ތަކުން ސްޓެލްކޯއަށް އެންމެ ރުފިޔާ އެެެއްވެސް ސަލާމަތް ނުވާތީވެ އެކަން ވެސް އޭސީސީ އަށް ހުށައަޅައިގެން ބަލާ އެމެން ގެ ވިޔަފާރި އަށް ވެސް ވަރުގަދަ ސިވިއަރ ސެންކްޝަންސް ތައް ޖައްސަންވީއެވެ. އެއިރުން ހުންނާނެ އެއްޗެއް ރަނގަޅަށް ދަސްވެފައިދޯ.

    5
    CLOSE

ފަހުގެ ޚަބަރު