ދުނިޔެ

ޗައިނާއިން އިޒްރޭލާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދަނީ

Mar 21, 2017

މިނިވަން ވިޔަފާރީގެ އެއްބަސްވުމަކާބެހޭ މަޝްވަރާތައް ކުރަން ޗައިނާ އާއި އިޒްރޭލުން އެއްބަސްވެއްޖެ އެވެ.

އިޒުރޭލާއި ޗައިނާއިން އެކަމަށް އެއްބަސްވީ އިޒުރޭލުގެ ބޮޑު ވަޒީރު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ޗައިނާގެ އިސް ވެރިންނާ ކުރެއްވި މަޝްވަރާތަކެއްގަ އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ އިރުމަތީ އޭޝިއާއާއި އުތުރު އެފްރިކާއާބެހޭ ޑިޕާޓްމަންޓްގެ ޑައިރެކްޓަރު ޑެންގް ލީ ސައުތު ޗައިނާ މޯނިން ޕޯސްޓަށް ވިދާޅުވެފައި ވަނީ މިނިވަން ވިޔަފާރީގެ މަޝްވަރާތަކައިގެން ކުރިއަށްދާން ދެ ގައުމުން ވެސް އެއްބަސްވެފައިވާ ކަމަށެވެ.

"މިނިވަން ވިޔަފާރީގެ މިއެއްބަސްވުމުގެ ކުރިމަގާ މެދު އަހަރެންނަށް ވަރަށް ބޮޑަށް އިތުބާރު އެބަ އޮތް،" އޭނާ ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.

އިޒުރޭލުގެ ބޮޑުވަޒީރު ޗައިނާއަށް ވަޑައިގެންނެވުމުން ކުރެެއްވި މަޝްވަރާތަކަށް ފަހު ޗައިނާގެ ބޮޑުވަޒީރު ލީ ކެކިއަން އިއްޔެ ވިދާޅުވެފައި ވަނީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގޮތުން އޮންނަ އިތުބާރު ބޮޑުކުރަން ދެގައުމުން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ޗައިނާއަކީ އިޒްރޭލާއި ފަލަސްތީނާ ދެގައުމުގެ ވެސް މިތުރެއް ކަމަށާއި ފަލަސްތީނު އިޒްރޭލްގެ ސުލްހައިގެ ވާހަކަތަކުގައި ދައުރެއް އަދާކުރަން ޗައިނާއިން ތައްޔާރަށް އޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދެގައުމު ގުޅިގެން ސަލާމަތާއި ސުލްހައާއި ހަމަޖެހުމަށް މަސައްކަތް ކުރަން ނަތަންޔާހޫ ވަނީ ޗައިނާ އަށް ގޮވައިލައްވާފައެވެ.

ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ނަތަންޔާހޫ ޗައިނާއަށް ވަޑައިގެންނެވީ އާދީއްތަ ދުވަހުއެވެ. އޭނާ އަރިހުގައި އިޒްރޭލްގެ ގިނަ އަދަދެެއްގެ ވިޔަފާރިވެރިން ގެންދެވިއެވެ. އިޒުރޭލާއި ޗައިނާގެ ވިޔަފާރި ވެރިން ހިމެނޭ ގޮތުން 600 މީހުން ބައިވެރިވި ބައްދަލުވުމެއް ބެއިޖިންގައި އިއްޔެ ވަނީ ބާއްވާފައެވެ.