ދުނިޔެ

ޓްރަމްޕްގެ ދަރިކަނބަލުންނަށް ވައިޓްހައުސްގައި އޮފީހެއް

Mar 21, 2017

އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕްގެ ދޮށީ އަންހެން ދަރިކަނބަލުން އިވަންކާ ޓްރަމްޕަށް އެގައުމުގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސް އިން އޮފީހެއް ދޭން ނިންމައިފި އެވެ.

އެމެރިކާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ދަ ގާޑިއަން ނޫހުން ބުނީ އިވަންކާއަށް ވައިޓް ހައުސްގެ ހުޅަނގު އިމާރާތުން އޮފީހެއް ދިނަސް އޭނާއަށް ޓްރަމްޕް ސަރުކާރުގެ ވަކި ހާއްސަ މަގާމެއް ނުވަތަ މުސާރައެއް ނޯންނާނެ ކަމަށެވެ. އެމެރިކާ ސަރުކާރުގެ ސިއްރު މައުލޫމާތުތައް ބެލުމުގެ ފުރުސަތު އިވަންކާއަށް އޮންނަ ކަމަށް މީޑިއާގައި ފެތުރުނު ވާހަކަތައް ވެސް އެ އޮފިޝަލް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

ފުޅާ ދާއިރާއެއްގައި ޓްރަމްޕަށް ލަފާ އަރުވާ އިވަންކާގެ ދައުރަކަށް ވާނީ ޓްރަމްޕްގެ " ދެ ލޮލާއި ދެ ކަންފަތުގެ ގޮތުގައި" މަސައްކަތް ކުރެއްވުން ކަމަށް ވެސް އިވަންކާގެ އެޓާނީ ޕޮލިޓިކޯ ނޫހަށް ވިދާޅުވެފައި ވެއެވެ.

ވައިޓްހައުސްގައި ގޮނޑިއަޅުއްވައިގެން އިވަންކާ އިންނަވާ ގޮތަށް ހަމަޖެހުނު އިރު ފިރިކަލުން ޖެރާޑް ކުޝްނާ ވެސް މަސައްކަތް ކުރައްވަނީ ވައިޓްހައުސްގަ އެވެ. އޭނާ އަކީ ރައީސް ޓްރަމްޕްގެ އިސް މުރުޝިދެވެ. އިވަންކާގެ ދެމަފިރި ކަނބަލުންގެ ނުފޫޒުގެ ޓްރަމްޕްގެ މައްޗަށް އޮންނަލެއް ބޮޑުކަމުން ޓްރަމްޕް ސަރުކާރުގައި މަސްލަހަތު ފުށުއެރުން އޮތް މިންވަރާމެދު ވަނީ ސުވާލުތައް އުފެދިފަ އެވެ. ޓްރަމްޕް އާއިލާގެ ވިޔަފާރި އާއި ސަރުކާރާ ދެމެދު ސާފު ހުރަހެއް އެބައޮތްތޯ ވެސް އެމެރިކާގައި ދަނީ ބަހުސް ކުރަމުންނެވެ.

ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ޓްރަމްޕް ރިޔާސަތާ ހަވާލުވެވަޑައިގެންނެވި ފަހުން ދުނިޔޭގެ ބައެއް ގައުމުތަކުގެ ލީޑަރުންނާއެކު ބޭއްވެވި ބައްދަލުވުންތަކުގައި ވެސް އިވަންކާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯއާއި ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް އާ އެކު ބޭއްވި ބައްދަލުވުންތަކަށް އިވަންކާ ހާޒިރުވެވަޑައިގެންނެވި އެވެ.