ވިޔަފާރި

ރަމަޒާން ބާޒާރަށް ހޯމް އިމްޕްރޫވްމަންޓް ތައްޔާރު ވެއްޖެ

Mar 22, 2017
  • ރަމަޒާން ސޭލް ފަށާނީ އާދީއްތަ ދުވަހު
  • ރޯދަ މަހަށް ބޭނުންވާ ސާމާނު އަގު ހެޔޮވާނެ
  • ރޯދައަށް ހާއްސަކޮށް ޓީވީގެ ސްޓޮކެއް

އަންނަ ހަފުތާގެ އާދީއްތަ ދުވަހު ފަށާ، ރަމަޒާން ބާޒާރަށް އާ އުފެއްދުންތައް ގެނެސް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ތައްޔާރު ވެއްޖެ އެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގެ ޖެނެރަލް މެނޭޖަރު މުހައްމަދު މުރާދު ވިދާޅުވީ އެސްޓީއޯ ރަމަޒާން ބާޒާރު ފެށުމަށްޓަކައި އާ އުފެއްދުންތައް ގެނެސް އެ ކުންފުނި ފުރިހަމައަށް ތައްޔާރު ވެފައިވާ ކަމަށާ މި އަހަރުގެ ސޭލް ވެސް ވަރަށް ތަފާތު ވާނެ ކަމަށެވެ. މީގެ އިތުރުން ރަމަޒާން ބާޒާރު ފެށުމުގެ ގޮތުން ޕާޓް ޓައިމް 10 މުވައްޒަފުން ވެސް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ އެސްޓީއޯ އިން ބާއްވާ އެންމެ ބޮޑު ސޭލް މި ސޭލް ފެށުމަށް މުޅިންއާ އެތައް އުފެއްދުމެއް ވަނީ ގެނެސްފައި. ހާއްސަކޮށް ރޯދަ މަހަށް ބޭނުންވާނެ ހުރިހާ ސާމާނެއް މިހާރު ލިބެން ހުންނާނެ. ރަމަޒާން ބާޒާރަކީ ކަސްޓަމަރުން އެންމެ ބޮޑަށް ބަލާ ސޭލް،" މުރާދު ވިދާޅުވި އެވެ.

ބަދިގެ ހާއްސަ، ޓީވީތައް އަގު ހެޔޮވާނެ

އެސްޓީއޯ ރަމަޒާން ބާޒާރުގައި އެ ކުންފުނިން ވިއްކާ، ބަދިގޭ ސާމާނުން ފެށިގެން ގޭގައި ބޭނުންކުރާ ހުރިހާ އެއްޗެއްގެ އަގު ހެޔޮކޮށްލާނެ އެވެ. މި ސޭލް ފެށުމުން މި ތަކެތީގެ އަގުތައް އިއުލާނު ކުރާނެ އެވެ. މި ސޭލްގައި ލިބެން ހުންނާނެ ބްރޭންޑްތަކުގެ ތެރޭގައި ހިޓާޗީ އާއި ފިޕިލްސް، މަކިޓާ އާއި ނިޕޮންގެ އިތުރުން މުޅިން އަލަށް އެސްޓީއޯ އިން ގެންނަ ޓެކްނޯ ބްރޭންޑު ވެސް ހިމެނެ އެވެ. މީގެ އިތުރުން ގިނަ ބައެއްގެ ތަރުހީބު ލިބޭ ސެންފޯޑް ބަދިގޭ ސާމާނުވެސް މި އަހަރު ލިބޭނެ އެވެ.

މުރާދު ވިދާޅުވީ މި ސޭލްގައި އެންމެ ބާރު ބޮޑުވާ ބަދިގޭ ސާމާނާއި އައިސް އަލަމާތި އަދި ކުލައިގެ ވައްތަރުތަކުގެ އިތުރުން ޓީވީގެ ވައްތަރުތައް ނަން ހުސްކޮށް ލިބޭނެ ކަމަށެވެ. އަދި ރޯދަ މަހަށް ހާއްސަކޮށް ޓީވީގެ ބޮޑު ސްޓޮކެއްވެސް ގެނެނައުމުގެ މަގުމަތީގައި އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ބޮޑު ވޮރަންޓީ!

އެސްޓީއޯ އިން ދަނީ ރޯދަ މަހަށް ހާއްސަކޮށް ހިޓާޗީ ޓީވީގެ ހާއްސަ ޝިޕްމަންޓެއް ގެންނަމުންނެވެ. މިގޮތުން 65 އިންޗިން ފެށިގެން ދަށުގެ ޓީވީތައް ލިބެން ހުރެ އެވެ.

"ވަރަށް ކެރިހުރެ ބުނެވިދާނެ މި ވަރަށް އަގު ހެޔޮކޮށް ޓީވީ ލިބެން ހުންނަ ސޭލެއް ނުހުންނާނެ. އަދި އެސްޓީއޯ އިން ހަމައެކަނި އެއްޗެއް ވިއްކާލާފަ ދޫކޮށްލަނީއެއް ނޫން ވޮރަންޓީ ވެސް ދެން. މިތަނުގެ ވޮރަންޓީ އެއް ވެސް ބަޔަކަށް ޑޮމިނޭޓެއް ނުކުރެވޭނެ،" މުރާދު ވިދާޅުވި އެވެ.

އެސްޓީއޯ އިން ވިއްކާ ހިޓާޗީ އޭސީ އަށް 18 މަސް ދުވަހުގެ ވޮރަންޓީ އެއް ލިބެ އެވެ. އަދި ފިލިޕްސް ބަދިގޭ ހުރިހާ އެއްޗަކަށް ދެ އަހަރު ވެސް ވޮރަންޓީއެއް ދޭއިރު މަކިޓާ ޕަވަޓޫލްތަކަށް ހަ މަހުގެ ވޮރަންޓީއެއް ދެ އެވެ.