އިތުބާރު ނެތް ކަމުގެ މައްސަލަ

"ޕީޕީއެމްގެ މެންބަރުން ނުވިކޭނެ، ވޯޓު ކާމިޔާބު ކުރާނީ ފަހުރުވެރިކަމާއެކު"

ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ މެންބަރުންނަކީ އެއްވެސް ބަޔަކަށް ވިކޭނެ ބައެއް ނޫން ކަމަށާއި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބާތިލު ކޮށްލާނީ ފަހުރުވެރި ކަމާއެކުގައި ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމްއަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއާ ގުޅިވަޑައިގެންނަވާ މެންބަރުންގެ ފޯމު ހަވާލު ކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ހަފްލާފައި ވާހަކަފުޅު ދައްކަވަމުން އަބްދުއް ރަހީމް ވިދާޅުވީ މަޖިލީހުގައި ޕީޕީއެމްގެ މެޖޯރިޓީ ހޯދުމަށް އެ ޕާޓީއިން ވިއްކަމުން ދިޔައީ ސަރުކާރުގެ ސިޔާސަތުތައް ކަމަށާއި އެ މެންބަރުން ގޮނޑިތައް ކާމިޔާބު ކުރެއްވުމަށް އެހީތެރިވީ ފޮނި އުންމީދުތަކާ އެކުގައި ކަމަަށެވެ. ނަމަވެސް ގައުމަށާއި ދާއިރާތައް ތަރައްގީއަށް މަސައްކަތް ކުރުމުގެ ބަދަލުގައި އިދިކޮޅު ފަރާތްތަކާ އެކު ގުޅުމަކީ ވެވޭ އެންމެ ބޮޑު ހިޔާނާތް ކަމަށެވެ.

އަބްދު ރަހީމް ވިދާޅުވީ މަސީހުގެ އިތުބާރު ނެތްކަމަށް ފާސް ކުރުމުގެ ފެންވަރެއް އިދިކޮޅު ފަރާތްތަކުގެ ނެތް ކަމަށާއި ޕީޕީއެމްއާ އެމްޑީއޭގެ މެންބަރުން ތިބީ ނުގުޑާ ފަދަ އަޒުމެއްގައި ކަމަށާއި ޕީޕީއެމްގެ މެންބަރުންނަކީ އެއްވެސް ބަޔަކަށް ވިކޭނެ މެންބަރުންނެއް ނޫން ކަމަށެވެ.

"މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ބާތިލުކޮށްލައިގެން ނިކުންނާނީ ވަރަށް ފަހުރުވެރިކަމާއެކީގައި މޭގައި އަތް ޖަހާލާފައި އިދިކޮޅު ފަރާތްތައް ބަލިކޮށްލާފައި. އަޅުގަނޑުމެންގެ ޕީޖީ ގްރޫޕުގެ މެންބަރުންނަކީ ވިކޭނެ ބައެއް ނޫން. ނުވެސް ގަނެވޭނެ. ނުވެސް ވިކޭނެ އަދި ނުވެސް ހެއްލޭނެ. އަޅުގަނޑުމެންނަކީ އައަށްވުރެ މާ ހިދުމަތް ތެރިބައެއް،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

އަބްދު ރަހީމް އިތުރަށް ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސް ކުރަން މަސައްކަތް ކުރި ނަމަވެސް އެކަން ކުރެވޭނެ އެއްވެސް ފޯމިއުލާއެއް ނޯންނާނެ ކަމަށެވެ އެގޮތުން 85 މެންބަރުންގެ ތެރެއިން 42 މެންބަރުންގެ ވޯޓު ބޭނުންވާ އިރު ކޯލިޝަން އެމްޑީއޭއާއެކު 51 މެންބަރުންގެ ވޯޓު މަސީހާ އެއްކޮޅަށް ލިބޭނެ ކަމަށް ވެސް އަބްދުއް ރަހީމް ވިދާޅުވި އެވެ.