އެމްޑަބްލިއުއެސްސީ

އަމާޒު ހިފަނީ ފެނުގެ ހިދުމަތް އިތުރަށް ތަރައްގީ ކުރަން: ފެންކުންފުނި

ގައުމީ ފެން ކުންފުނި، އެމްޑަބްލިޔުއެސްސީގެ ހިދުމަތްތައް ތަރައްގީކޮށް ހަރުދަނާ ކުރުމާއެކުއާމްދަނީ އިތުރުކުރުމަކީ ކުންފުނީގެ ވަރަށް ބޮޑު އަމާޒެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފެން ބިލްޑިންގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒަލް ރަޝީދު ވިދާޅުވީ ކުންފުނީގެ ހިދުމަތްތައް ތަރައްގީ ކުރުމަށް އިތުރަށް އަމާޒު ހިފާފައިވާ ކަމަށާއި ރައްޔިތުންނަށް ސާފު ފެން ފޯރުކޮށް ދިނުމުގައި ތަރައްގީ ހޯދުމަށް ކުންފުނީގެ ހުރިހާ މުއައްޒަފުންގެ މަސައްކަތް ކުރާ ކަމަށެވެ.

ދުނިޔޭގެ ފެނުގެ ދުވަހަކީ މާޗް މަހުގެ 22 ވަނަ ދުވަހެވެ.

ފަޒުލް ވިދާޅުވީ ރާއްޖޭގެ އެކިއެކި ކަންކޮޅު ތަކުގައި މިހާރު ތަފާތު 28 ޕްރޮޖެކްޓް ކުރިއަށް ގެންދެވިފައިވާ ކަމަށާއި ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ފެނުގެ 15 ޕްރޮޖުކްޓެއް އެމްޑަބްލިޔުއެސްސީ އިން ކުރިއަށް ގެންދެވިފައިވާނެ ކަމަށެވެ.

"އިތުރު ތިން ޕްރޮޖެކްޓްގެ ޑިޒައިންގެ މަސައްކަތް ވެސް ދަނީ ކުރިއަށް" އޭނާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި "ސޭވް ވޯޓާ" ކެމްޕެއިން ވެސް ވަނީ އިފްތިތާހް ކޮށްފަ އެވެ. މި ކެމްޕޭނަކީ ފެން ރައްކާކުރާނެ ގޮތްތަކާމެދު މީހުން އިތުރަށް ހޭލުންތެރި ކުރުމުގެ ގޮތުން ހިންގާ ކެމްޕޭނެކެވެ. ކެމްޕެއިން އިފްތިތާހް ކޮށްދެއްވީވެސް ފަޒުލް އެވެ.