ހަބަރު

މެޑަމް ފާތުންނަކީ ޕީޕީއެމްގެ ހިތް: އިލްހާމް

Mar 22, 2017
1

ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމަކީ ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ހިތް ކަމަށް ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

"އެއީ މި ޕާޓީގެ ހިތް، މި ޕާޓީގެ ހިތަކީ މެޑަމް ފާތުމަތު ކަމަށް ގަބޫލުކުރައްވާ، ބަލިމީހުންގެ ހިތަކީ ވެސް މެޑަމް ފާތުން، މި ޕާޓީގެ ހިތަކީ ވެސް އެއީ،" ޕީޕީއެމްއިން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވީ، ޕީޕީއެމްއަށް މެންބަރުން އިތުރުވަމުން ދަނީ މެޑަމް ފާތުމަތު އިބްރާހިމް ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްޕުޅުތަކުގެ ސަބަބުން ކަމަށެވެ. އެ މަސައްކަތްޕުޅުތަކަށް ތައުރީފާއި ޝުކުރު ހައްގު ކަމަށް އިލްހާމް ވިދާޅުވި އެވެ.

މިއަދުގެ ހަގީގަތީ މީގެކުރިން ނުދެކޭވަރުގެ ތަރައްގީ މި ސަރުކާރުން ގެންނަމުންދާކަން ކަމަށާއި ވޭތުވެދިޔަ 50 އަހަރު ތެރޭ ލިބިފައިވާ ތަރައްގީ އާއި މިވީ ތިން އަހަރު ތެރޭ ރައީސް އަބްދުﷲ ޔާމީން ގެނެސްދެއްވާފައިވާ ތަރައްގީ ނުބައްދަލު ކަމަށް އިލްހާމް ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވީ، ރައީސް ޔާމީން ގައުމަށް ގެންނަމުންދާ ތަރައްގީ ފެނި އެކަން ބަޔަކަށް ހަޖަމު ނުކުރެވިގެން އުޅޭ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން އުޅެނީ ވެސް އެހެންވެ ކަމަށާއި ނަމަވެސް އެއީ ނުވާނެ ކަމަށް އިލްހާމް ވިދާޅުވި އެވެ.

ޕީޕީއެމްގެ އެއްވެސް މެންބަރެއް މަސީހާ ދެކޮޅަށް ވޯޓު ނުދެއްވާނެ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިދިކޮޅުގެ ވޯޓުތައް މަދުވަމުންދާނެ ކަމަށް އިލްހާމް ވިދާޅުވި އެވެ.