ހަބަރު

ވިލާގެ އެކައުންޓްތައް ފްރީޒްކުރީ ކީއްވެ؟

Mar 22, 2017
2

ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ވިޔަފާރި ކުންފުންޏަކީ ވިލާ ގްރޫޕެވެ. މުގުލުގައި ހުންނެވީ ސިޔާސީ އީކުއޭޝަނުގައި މިހާތަނަށް އަޑިނޭނގޭހާ ފުން ނިންމެނުންތަކެއް ނިންމެވި ޖުމުހޫރީ ޕާޓީގެ ވެރިޔާ ގާސިމް އިބްރާހީމެވެ. ވިލާއާ ގުޅިގެން އެންމެ ގިނަ ބަޔަކު މިހާތަނަށް ސިއްސައިގެން ދިޔައީ މީރާ އަށް ދައްކަންޖެހޭ 100 މިލިއަން ޑޮލަރު ނުދައްކައިގެން އެކުންފުނީގެ އެކައުންޓްތައް ފްރީޒްކުރުމާ ހަމައިންނެވެ.
ވިލާގެ އެކައުންޓްތައް އަނެއްކާ ވެސް ފްރީޒްކޮށްފާނެ ކަމަށް ގާސިމް ހޯމަ ދުވަހުގެ ރޭ ވިދާޅުވީ ކީއްވެ ހެއްޔެވެ؟ ވިލާ ކުންފުނީގެ މުވައްޒަފުންނާއި މުޅި މުޖުތަމައުގެ ހައްގުގައި މިމައްސަލައިގެ ހަގީގަތަށް ފުންކޮށް ވިސްނާލުމަކީ މިވަގުތު މުހިންމު ކަމެއް ކަމެކެވެ.

ދެހާސް ތޭރަ ވަނަ އަހަރަށް ޖެހިލާށެވެ. ދައުލަތުން ވިލާ އަށް ނުވަ މިލިއަން ޑޮލަރު ދޭން ޖެހޭ ކަމަށް ސިވިލް ކޯޓުން ވަރުގަދަ ހުކުމެއް ކުރީ ގާސިމް ވާދަކުރެއްވި ރިއާސީ އިންތިހާބު ބޯމަތީގައި އޮއްވައި އެއަހަރުގެ ކުރީކޮޅު އެވެ. މިމައްސަލަ ހައިކޯޓުން ބާތިލްކުރުމުން ވިލާއިން މައްސަލަ ވެއްދީ ސުޕްރީމް ކޯޓަށެވެ. ރާއްޖޭގެ އެންމެ މަތީ ކޯޓުން ދެ ފަރާތުގެ ހެކިތަކަށް ރަނގަޅަށް ބަލައިހެދުމަށްފަހު އަހަރުގެ މެދުތެރޭގައި ނިންމީ ވިލާއަށް ނުވަމިލިއަން ޑޮލަރަށް ދިވެހި ދައުލަތް ދަރާފައިވާ ކަމަށެވެ.

އެކަމަކު މިފަދަ ބޮޑު ދަރަންޏެއް ކުއްލިއަކަށް އެއްފަހަރާ އަދާކުރެވޭހާ ދައުލަތުގެ ކެރިފޯރުންތެރިކަން އެއިރަކު ނެތެވެ. އިގްތިސާދީ އެތަކެއް ލޮޅުންތަކެއް ކުރިމަތިވި ފަސް އަހަރަށް ފަހު އެއިރު ދައުލަތް އޮތީ ވަރަށް ނިކަމެތިކޮށެވެ. އެހެންވެ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބުގެ ޓޫރިޒަމް މިނިސްޓަރުކަމުގައި ވިލާ ގްރޫޕާއެކު ކުރި މަޝްވަރާތަކުގައި މި ދެ ފަރާތުން އެއްބަސްވީ މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރުމަށެވެ.

ގާސިމާއި އަދީބް އެއްބަސްވެވަޑައިގަތީ ފައިސާގެ ބަދަލުގައި ވިލާގެ އިންވެސްޓްމަންޓްތައް ފުޅާކުރުމަށް އިތުރު ރަށްތަކަކާއި ފަޅުތަކެއް އެކުންފުންޏަށް ދޭގޮތަށެވެ. ސަރުކާރުންދޭން ޖެހޭ ނުވަމިލިއަން ޑޮލަރު ކަނޑާނީ މިރަށްތަކާއި ފަޅުތައް ތަރައްގީކޮށް ގާސިމް ދައްކަންޖެހޭ ޓެކްސްގެ ތެރެއިން ވަރަށް ލުއި ފަސޭހަގޮތަކަށް ކަމަށް ވެސް އިންތިޒާމްކުރި އެވެ.

ގާސިމް ބޭނުންވި މިއަހުދުނާމާ އަށް ސަރުކާރުން އެއިރު އެއްބަސްވީ މި ރަށްތަކާއި ފަޅުތަކަކީ އޭގެ އަސްލު އަގުގައި ބިޑްކޮށްފިނަމަ ގާތްގަނޑަކަށް 150 މިލިއަން ޑޮލަރާ ގާތްކުރާ އަދަދުގެ އިންވެސްޓްމަންޓްތަކެއްކަން ރަނގަޅަށް ވެސް އެނގިތިބެ އެވެ. އެކަމަކު ސަރުކާރު މާލީ ތަނަވަސް ކަމުގެ އަނަރޫފަކަން ނިކަން ރަނގަޅަށް އެނގިހުރެ މި ފަދަ އަހުދުނާމާއަކަށް ގާސިމް އޮފާ ކުރެއްވީ ވިޔަފާރީގެ ތަނަވަސް ސިކުނޑިއަކަށްވުމުން ވަގުތުގެ ނާޖާއިޒު ފައިދާ ނެންގެވުމަށާއި އޭނާގެ ކުންފުންޏަށް އިތުރު އިންވެސްޓްމަންޓްތަކެއް ލިބިއްޖެނަމަ އެކުންފުންނަށް މާބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށް ވިސްނިވަޑައިގެންނެވެ.

އަދީބަށް މިކަން އެނގިވަޑައިގަތަސް މާލީ ގޮތުން ސަރުކާރު އެހާ ތިޔާގި ނުވުމުންނާއި ގާސިމްކީ ސަރުކާރުގައި އެއިރު ވަރަށް ނުފޫޒުގަދަ ބޭފުޅަކަށްވުމާއެކު ވިލާ އަށް ދޭން ނިންމި ފަސް ރަށަކީ ހދ. ހަނިމާދޫ އާއި ލ. ކައްދޫ އާއި މާނެޔަފުއްޓާއި ގދ. ގަޒީރާ އާއި ތ. އެލާ އެވެ. މިއީ ކުރިން ވެސް ވެސް ގާސިމަށް ލިބި، އެކަމަކު ތަރައްގީނުކޮށް އޮތް ރަށްތަކެވެ. އާ އެއްބަސްވުންތަކަކާއެކު އަލުން މި ފަސް ރަށް އަދީބް މެދުވެރިވެގެން ގާސިމަށް ދިނީ ކުރީގެ އެގްރީމަންޓްގެ ދަށުން ހޭދަވި މުއްދަތު ނުގުނާގޮތަށެވެ. އެއިރު ކުރީގެ އެގްރީމަންޓްގެ ދަށުން އެތަންތަނަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ވެސް ސަރުކާރަށް ގިނަ ފައިސާތަކެއް ގާސިމް ދައްކަންޖެހިފައި އޮތެވެ.


ނަމަވެސް މި ފަސް ރަށުގެ ތެރެއިން ކައްދޫ އާއި ހަނިމާދޫ އެއާޕޯޓް ވިލާ އަށް ބޭނުން ނުކުރެވޭތީވެ އެއީ ބަހަނާއަކަށް ހަދައި އެކުންފުނިން ދެން އެދުނީ އެ ދެރަށުގެ ބަދަލުގައި އެތަންތަނާ ކައިރީގައި އޮތް ބޮޑު ދެ ފަޅެއް ދިނުމަށެވެ. މިކަމަށް ވެސް އެއްބަސްވެ ސަރުކާރުން ވިލާއަށް ހަމަޖައްސައިދިނީ ކައްދޫގެ ބަދަލުގައި ބޮލިދުއްފަޅު އަދި ހަނިމާދޫގެ ބަދަލުގައި މާދިއްގަރުފަޅެވެ. ވިލާއިން އެދުނު މިހުރިހާ ގޮތަކަށް ސަރުކާރުން އެއްބަސްވެ އެގްރީމަންޓްތައް އާ ކޮށްދިނުމުގެ ބޭނުމަކަށްވީ ގާސިމްކަހަލަ ވަރުގަދަ ވިޔަފާރިވެރިއަކަށް ލިބޭނެ ގެއްލުން ކުޑަ ކުރުމާއެކު އިތުރު އިންވެސްޓްމަންޓްތަކަށް ފުރުސަތު ދިނުމެވެ. އަދި މިފަދަ އެއްވެސް ކަމެއްގައި މީގެ ފަހުން ވިލާއިން ސަރުކާރާ ތޮޅެން ނޫޅުމެވެ.

އެކަމަކު ހުރިހާ އެއްބަސްވުމެއް ނިމި، ބާރު ލިބުމުން ވިލާއިން އިހްތިޔާރުކުރީ މުޅީން އެހެން މަގެކެވެ. އެކުންފުނީގެ މަސްލަހަތު އޮތް ކުންފުނިތަކަކާއެކު އަނެއްކާ ވެސް ސަރުކާރާ ތޮޅެން ވިލާއިން ކޯޓަށް ދުވަން ފެށީ އެވެ.

ސަރުކާރުން ވިލާއަށް ޖެހިފައިވާ ނުވަމިލިއަން ޑޮލަރުގެ އެއްބަސްވުމުގެ ބަދަލަށް ދެ ފަރާތުންވެފައިވާ އެއްބަސްވުންތަކެއް 2015 ވަނަ އަހަރު ރޫޅާލަންޖެހުނީ މިހިސާބުންނެވެ. އެތައް ފަހަރަކު ވާހަކަ ދައްކައިގެންވެސް ވިލާއިން ގޮތް ދޫނުކުރުމުން ސަރުކާރުން ނިންމީ 9 މިލިއަން ޑޮލަރުގެ ބަދަލަށް ހަމަޖައްސާފައިވާ ހުރިހާ އެއްބަސްވުމެއް ބާތިލްކޮށް ކުރީގެ އެގްރީމަންޓްތަކަށް ރުޖޫއަވާށެވެ. ވިލާއިން ކޯޓަށް ދާ ފަދައިން މިފަދަ ކޮންމެ އެއްބަސްވުމެއް ރޫޅާލުމަކީ ސަރުކާރަށް ވެސް ލިބިފައިވާ ހައްގެކެވެ. ހަގީގަތަކީ މިއެވެ.

ގާސިމް އިބްރާހީމްގެ ވިލާ ކުންފުނިން ސަރުކާރަށް 100 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަންޖެހުނީ މި ހުރިހާ އެއްބަސްވުންތަކެއް ބާތިލް ކުރުމުން ކުރީގެ އެއްބަސްވުންތަކުގައި އެކުންފުނިން އިހުމާލުވެފައިވާ ކަންތައްތަކުގެ ބަދަލެއްގެ ގޮތުންނެވެ. މި ގޮތުން ކައްދޫގެ ޖޫރިމަނާގެ ގޮތުގައި 10 މިލިއަން ޑޮލަރު، ހަނިމާދޫގެ ޖޫރިމަނާގެ ގޮތުގައި 17 މިލިއަން ޑޮލަރު އަދި މާނިޔަފުށިން 43 މިލިއަން ޑޮލަރު، ގަޒީރާއިން 38 މިލިއަން ޑޮލަރު ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް ވިލާއިން ދައްކަން ޖެހިފައި އޮތެވެ. އަދިވެސް ވިލާގެ މިފަދަ އެތައް މައްސަލަތަކެއް ކޯޓުގައި އެބައޮތެވެ.

ވިލާއަށް ބޮޑު ރާޅެއް ނަގަން އުޅޭހެން އެބަހީވާ ކަމަށާއި އެކައުންޓްތައް ފްރީޒްކޮށްފާނެ ކަމަށް ގާސިމް އެވިދާޅުވީ މިހުރިހާ ކަމެއް އެމަނިކުފާނަށް އެނގިވަޑައިގަންނަވާތީ އެވެ. ވިޔަފާރީގެ މިފަދަ ކަންކަމުގައި، އަމުދުން މީހަކަށް ދަރާފައިވާނަމަ ގާސިމަކީ ހަނދުމަފުޅު ގަދަ ބޭފުޅެކެވެ.