ހަބަރު

ޕީޕީއެމްގެ ދިދަ ފާރިސް ބޭނުން ކުރުން ކުށްވެރިކޮށްފި

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނަކީ ޕީޕީއެމް ވަކިކޮށްފައިވާ ބޭފުޅެއް ކަމަށާއި އެހެންކަމުން އެ ޕާޓީގެ ނަމާއި ދިދަ ބޭނުން ކުރުމުގެ ހައްގު ނޯންނާނެ ކަމަށް ޕީޕީއެމްއިން ބުނެފި އެވެ.

މިއަދު އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނަމުގައި ފާރިސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އަދި ޕީޕީއެމްގެ ދިދަ ވެސް ވަނީ ބޭނުންކުރައްވާފަ އެވެ.

އެކަން ކުށްވެރިކޮށް ޕީޕީއެމްއިން މިރޭ ނެރުނު ބަޔާނުގައި ބުނީ، ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައިވާ ގޮތުން ޕާޓީގެ ހިންގުމުގެ ހުރިހާ ކަމެއް ވަނީ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންއަށް ހަވާލުކުރައްވާފަ ކަމަށެވެ. އެހެންކަމުން ޕާޓީގެ ފަރާތުން އެކި ފޯރަމްތަކުގައި ތަމްސީލުކުރައްވާނެ ފަރާތްތައް ކަނޑައަޅުއްވާނީ ރައީސް ޔާމީން ކަމަށެވެ.

ޕީޕީއެމްއިން ބުނީ، ފާރިސް މައުމޫން މިއަދު ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުންކޮށްގެން ޕާޓީގެ ނަން ކިލަނބުވާ ގޮތަށް ހިންގާފައިވާ އަމަލަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

ޕީޕީއެމްގެ ފިކުރާ މުޅިން ދެކޮޅު ބަޔަކާ ގުޅިގެން ޕީޕީއެމް ނަމުގައި މަސައްކަތް ކުރުމަކީ ބަަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ޕާޓީގެ ނަން ކިލަނބުވާ ގޮތަށް އަމަލުކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެންހުރި ފިޔަވަޅުތަކާމެދު ވިސްނަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ފާރިސް މައުމޫނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ބޭފުޅާ އެވެ. ފާރިސް އާއި ރައީސް ޔާމީންއާ ދެމެދު ވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފަ އެވެ.