ހަބަރު

ވައްޑެގެ ސުލޫކީ މައްސަލައެއް ބަލަނީ

ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ)ގެ ސުލޫކީ މައްސަލައެއް ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަށް ހުށަހަޅައިފި އެވެ.

ސުލޫކީ މައްސަލައެއް ހުށަހަޅާފައިވީ ނަމަވެސް އެއީ ކޮންކަމަކާ ގުޅޭ މައްސަލައެއް ކަމެއް ސާފެއް ނުވެ އެވެ. ވައްޑެ މިހާރު ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.

ސުލޫކީ ކޮމެޓީއަށް މައްސަލައެއް ހުށަހަޅާފައިވާތީ އެ މައްސަލަ ބެލުމަށް އަންނަ ހޮނިހިރު ދުވަހު ޕާޓީގެ އޮފީހަށް ހާޒިރުވުމަށް ވައްޑެއަށް ވަނީ އަންގާފަ އެވެ. އަދި އެ ރޭ ޖަވާބުދާރީވުމަށް އަންގާފައިވާއިރު ހާޒިރުނުވެއްޖެނަމަ ޣައިރު ހާޒިރުގައި މައްސަލަ ނިންމާނެ ކަމަށް ވެސް ސުލޫކީ ކޮމެޓީން ވަނީ ވައްޑެއަށް އަންގާފަ އެވެ.

މީގެކުރިން ވެސް ޕީޕީއެމްގެ ސުލޫކީ ކޮމެޓީއިން ވަނީ އެ ޕާޓީގެ ބައެއް މަޖިލިސް މެންބަރުންގެ މައްސަލަތައް ބަލައި އެކި ފިޔަވަޅުތައް އަޅާފަ އެވެ.