ހަބަރު

އެމްޓީސީސީއަށް ފެރީ ކުއްޔަށް ދޭނެ ފަރާތެއް ހޯދަން ފަށައިފި

Mar 23, 2017
1

ހުޅުމާލެއަށް ދަތުރު ކުރާ ފަސިންޖަރުން ގިނަ ވަގުތުތަކުގައި އިތުރު ދަތުރުތައްކޮށްދޭނެ ފެރީ އުޅަނދު ހޯދަން އެމްޓީސީސީން އިއުލާންކޮށްފި އެވެ.

އެމްޓީސީސީން ބުނީ ހުޅުމާލެ ފެރީ ނިޒާމުގައި ފަސިންޖަރުން ގިނަ ގަޑިތަކުގައި ކުރަންޖެހޭ އިތުރުދަތުރު ކޮށްދިނުމަށް އެ ކުންފުނިންދޭ މިންގަނޑުތަކަށް ފެތޭ ފެރީ އުޅަނދުފަހަރު ކެޕްޓަނުންނާއި ފަޅުވެރިންނާއެކު ކުއްޔަށް ހިފަން ބޭނުންވާ ކަމަށާއި އެފަދަ އުޅަނދު ކުއްޔަށް ދޭން އެދޭ ފަރާތްތަކުން އެ ކުންފުންޏަށް ހުށަހަޅަން ހުޅުވާލާފައިވާ ކަމަށެވެ. އަދި ބުނީ އެފަދަ ފެރީ އުޅަނދުފަހަރު އެ ކުންފުނީގެ ދަފްތަރެއްގައި ރަޖިސްޓަރީކޮށް ދަތުރުތައް ކުރުމަށް ފުރުސަތު ދޭނެ ކަމަށެވެ.

ފެރީތަކުގެ ކުލި ހަމަޖައްސާނީ މާލެ ހުޅުމާލެ ފެރީ ދެކޮޅު ދަތުރެއް އެންމެ ކުޑައަގެއްގައި ކޮށްދިނުމަށް އެއްބަސްވާ ފަރާތްތަކުން މިހާރު ކިޔާ އަގެވެ. ދަތުރު ކޮށްދިނުމަށް ހުށަހަޅާ ފެރީ ދުއްވުމަށް ކުރަންޖެހޭ ހަރަދު ކުރާނީ ކުއްޔަށްދޭ ފަރާތުންނެވެ. އަދި ދަތުރުމަތީގައި އުޅެނިކޮށް އުޅަނދަށާއި އުޅަނދުގެ އިންޖީނަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި، ފަސިންޖަރުންނާއެކު ކަނޑުމައްޗަށް ހުއްޓިއްޖެނަމަ ދަތުރުކުރާ ޓާމިނަލަށް ފަސިންޖަރުންނާއި އުޅަނދު ގެންދެވޭނޭގޮތް ހަމަޖެއްސުމަކީ ވެސް ކުއްޔަށްދޭ ފަރާތުގެ ކަމެކެވެ.

މި ހިދުމަތަށް ނުކުންނަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ ހަވަނަ ދުވަހާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.