ދުނިޔެ

ތިން އަހަރު ކުރިން ފެތުނު ފެރީ، ފެންމައްޗަށް ނަގައިފި

Mar 23, 2017

މީގެ ތިން އަހަރު ކުރިން 300 އަށް ވުރެ ގިނަ މީހުންނާއެކު ފެތުނު ފެރީ ބޯޓެއް ދެކުނު ކޮރެއާއިން ފެންމައްޗަށް ނަގައިފި އެވެ.

ސުވޯލް ނަމަކަށް ކިޔާ އެފެރީ 2014 ވަނަ އަހަރު ފެތުނީ އެކަށީގެންވާ ވަރަށް ވުރެ ގިނައިން މުދާ އަރުވައި ދުއްވައިގެން ނުވާ ބާރު މިނުގައި ދުއްވާފައި ދަނިކޮށް ބަންޑުން ޖަހައިލުމުގެ ސަބަބުންނެވެ. ދެކުނު ކޮރެއާގެ ހުޅަނގުދެކުނު އައްސޭރިއާ ކައިރި ސަރަހައްދަކަށް އެ ފެރީ ފެތުމުން މަރުވީ އެއިން ދަތުރުކުރި 304 ދަރިވަރުންނެވެ. އެ ހާދިސާއަކީ ދެކުނު ކޮރެއާގެ ތާރީހުގައި ހިނގި ކަނޑުމަތީގެ އެންމެ ހިތާމަވެރި ހާދިސާ އެވެ. އެ ހާދިސާ ގުޅިގެން ދެކުނު ކޮރެއާގެ އޭރުގެ ރައީސާ ޕާކް ގޫ ހިއުން އަށް ބޮޑެތި ފާޑުކިއުންތައް ވެސް އަމާޒުވި އެވެ.

ބޯޓް ފެތުނު އިރު އޭގެ ކެޕްޓަނަކަށް ހުރި މީހާގެ މައްޗަށް އުފުލި މީހުން މެރުމުގެ ކުށުގެ ދައުވާ ސާބިތުވެ އޭނާ ވަނީ ޖަލަށް ލާފައެވެ.

ކަނޑުގެ އަޑިން ފެރީ މިއަދު ނަގާފައި ވަނީ އެފަދަ ކަންކަމަށް ހާއްސަކޮށްފައިވާ ބޮޑު ދެ ބާޖު ބޭނުން ކޮށްގެންނެވެ. ސުވޯލް އަކީ 6825 ޓަނުގެ ބޯޓެކެވެ. އެބޯޓް ނެގުމަށް ހިންގި އޮޕަރޭޝަނަކީ އެފަދަ ކަމަކަށް ހިންގި އެންމެ އުނދަގޫ އެއް އޮޕަރޭޝަނެވެ. ހިކފަހާ ހަމައަށް އެބޯޓް ގެންދަން އަދި ދެހަފުތާ ހޭދަވާނެ ކަމަށް ދެކުނުކޮރެއާ އޮފިޝަލުންނާ ހަވާލާދީ ބީބީސީ ބުންޏެވެ.

ދަބަރު ޖަހައި ހަލާކުވެފައިވާ ސިވޯލް ނަގަން ޖެހުނީ އެބޯޓުން ދަތުރުކުރި ދަރިވަރުންގެ އާއިލާތަކާއި ދެކުނު ކޮރެއާގެ ގިނަ ރައްޔިތުންތަކެއް އެކަމަށް އެދޭތީ އެވެ. އެމީހުން އެކަމަށް އެދެނީ ބޯޓް ފެތުނު ހާދިސާގައި ގެއްލިފައިވާ ނުވަ ކުއްޖެއްގެ ހަށިގަނޑު ވާނީ ބޯޓުގެ ތެރޭގައި ކަމަށް ގަބޫލު ކުރެވޭ އެވެ.