ހަބަރު

މާބަނޑު މުވައްޒަފުންނަށް ދިން ވަގުތީ ޗުއްޓީ ނިންމާލައިފި

Mar 23, 2017

ހުމާއި ރޯގާ މާލޭގައި ފެތުރެމުންދާތީ، ސަރުކާރުގައި މަސައްކަތް ކުރާ މާބަނޑު މުވައްޒަފުންނަށް ސިވިލް ސާވިސް ކޮމިޝަނުން ދިން ވަތުތީ ޗުއްޓީ ނިންމާލައިފި އެވެ.

މުސާރަ ލިބޭ ގޮތަށް މާބަނޑު މުވައްޒަފުންނަށް ޗުއްޓީ ދީފައިވަނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެވެ. މިއަދު އެ ކޮމިޝަނުން ނެރުނު ސާކިއުލާއެއްގައި ބުނީ، މާބަނޑު މުވައްޒަފުން އޮފީހަށް ހާޒިރުވުމުގައި ކަނޑައަޅެ ލުއި ގޮތް ނިމުމަކަށް ގެނެސްފައިވާ ކަމަށާއި އަންނަ އާދީއްތަ ދުވަހުން ފެށިގެން އޮފީހަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ.

މާބަނޑު މުވައްޒަފުންނަށް ވަގުތީ ޗުއްޓީއެއް ދިންއިރު މާބަނޑު މީހުންނަށް އިންފްލުއެންޒާ ވެކްސިން ވެސް އައިޖީއެމްއެޗާއި އޭޑީކޭގައި ވަނީ ދީފަ އެވެ.

މާބަނޑު މީހުންނަކީ ރާއްޖެއިން ފެނުނު އެޗް1އެން1 އަށް ހައިރިސްކް ކެޓަގަރީގައި ހިމެނޭ ބަޔަކެވެ. ސަރުކާރުގެ މުވައްޒަފުންނަށް އިތުރުން ބައެއް އަމިއްލަ އޮފީސްތަކުން ވެސް މާބަނޑު މުވައްޒަފުންނަށް ވަގުތީ ޗުއްޓީ ދީފައިވެ އެވެ.