އިތުބާރު ނެތް ކަމުގެ މައްސަލަ

ގައުމު ހަލަބޮލި ނުކުރެވޭނެ، ވާނީ ފެއިލް: ހަލީލު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކޮށް ގައުމު ހަލަބޮލި ކޮށްލުމުގެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ނުލިބޭނެ ކަމަށް ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލު މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދު ކުރައްވާ މަޖިލިސް މެންބަރުން ގުޅިގެން މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވަނީ މަޖިލީހަށް ވައްދާފަ އެވެ. އެ މައްސަލައިގެ ޖަލްސާ އަންނަ ހޯމަ ދުވަހު އޮންނާނެ އެވެ.

އެ ޖަލްސާ އޮންނަ ދުވަހު މާލެއަށް އަތޮޅުތަކުން މީހުން އަރައި، މަގުތައް މަތީ އެއްވުންތައް ބޭއްވުމަށް އެމްޑީޕީއިން ވަނީ ގޮވާލާފަ އެވެ.

މިކަމާ ގުޅިގެން މެންބަރު ހަލީލު މިއަދު ވިދާޅުވީ، މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅައިގެން ގައުމު ހަލަބޮލިކޮށްލެވިދާނެ ކަމަށް ހީކުރުމަކީ ކުށް ހީއެއް ކަމަށެވެ.

"އެއީ ކުށް ހީއެއް، އެކަން ވާނީ ފެއިލް،" ހަލީލު ވިދާޅުވި އެވެ.

ހަލީލު ވިދާޅުވީ، އިދިކޮޅު ބައެއް މެންބަރުންގެ ވޯޓުތައް މަސީހާ ދެކޮޅަށް ލިބޭނެ ކަމުގެ ޔަގީންކަން އެ މައްސަލަ ހުށަހެޅުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުންނަށް ނެތް ކަމަށެވެ. އެމްޑީޕީއަށް ނިސްބަތްނުވާ ބޭފުޅަކު އިސްކޮށް ހުންނަވާ ހުށަހަޅާފައިވާ މި މައްސަލަ ފާސްކުރަން އެމްޑީޕީއިން ވެސް ބޭނުން ނުވާނެ ކަމަށް ހަލީލު ވިދާޅުވި އެވެ. ހަލީލު އެހެން ވިދާޅުވީ މި މައްސަލަ ވައްދާފައިވަނީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން އިސްކޮށް ހުންނަވާ ކަމަށްވާތީ އެވެ.

"އެމްޑީޕީ މީހުން ބޭނުމެއް ނުވާނެ އެމީހުންގެ ބައެއް ނޫން އެހެން މީހަކު ލީޑަރަކަށް ބަލަައިގެން ކުރިއަށް ދާކަށް، އެހެންވީމަ ވަރަށް ބޮޑު ފެއިލްއަކުން ފެއިލްވާނެ،" އެމްޑީޕީއަށް ފާޑިވިދާޅުވަމުން ހަލީލު ވިދާޅުވި އެވެ.

މެންބަރު ހަލީލު މިހެން ވިދާޅުވިއިރު އިއްޔެ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ، މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައަކީ ނިމިފައިވާ ކަމެއް ކަމަށާއި އެކަން ކާމިޔާބުވާނެކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި އެކަން ކާމިޔާބުކުރުމަށްފަހު ދެން އަމަލުކުރާނެ ގޮތްތައް ވެސް ރާވާފައިވާ ކަމަށެވެ.

ސަރުކާރުގެ މެންބަރުން ދަނީ މަސީހުގެ އިތުބާރު ނެތް ކަމަށާއި ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން އިދިކޮޅުން މަސައްކަތް ކުރަމުން ދަނީ އެކަމުގެ އަޑީގައި ރައީސް މައުމޫން ހުންނަވާ އިބޫ އަށް މަޖިލީހުގެ ރައީސްކަން އަދި ނައިބުކަން ފާރިސްއަށް ހޯދައިދިނުމަށް ކަމަށް ތުހުމަތުކުރަމުންނެވެ.