ހަބަރު

އެލާގެ މައްސަލަ ވިލާއިން ސުޕްރީމް ކޯޓަށް

ތ. އެލާގައި ރިސޯޓް ތަރައްގީ ކުރުމަށް ވިލާ ޝިޕިން އެންޑް ޓްރޭޑިންނާއެކު ދައުލަތުން ވެފައިވާ އެއްބަސްވުން ބާތިލުކުރި މައްސަލާގައި ވިލާ ޝިޕިންއާ އެއްކޮޅަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން ބާތިލު ކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމަށް ހުށަހަޅައިފި އެވެ.

ވިލާ ޝިޕިންގެ ފަރާތުން އެ މައްސަލަ ހުށަހަޅާފައިވާއިރު މައްސަލަ ބަލައިގަތުމާމެދު އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ.

އެލާ ތަރައްގީކުރުމަށް ޓޫރިޒަމް މިނިސްޓްރީއާއެކު އެ ކުންފުނިން ސޮއިކުރި އެމެންޑެޑް އެންޑް ރީސްޓޭޓެޑް އެގްރިމަންޓް ބާތިލު ކޮށްފައިވަނީ މިިދިޔަ އަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހު އެވެ. އެ އެގްރިމެންޓް ބާތިލުކުރީ ރަނގަޅަށް ނޫން ކަމަށް ސިވިލް ކޯޓުން ހުކުމް ކުރި ނަމަވެސް އެ ހުކުމް ހައިކޯޓުން ބާތިލު ކޮށްފައިވާތީ މީރާއިން ވަނީ ވިލާ ޝިޕިންގެ އެކައުންޓްތައް ފްރީޒްކޮށްފަ އެވެ.

އަދި އެލާގެ ބިމުގެ ކުލީގެ ގޮތުގައި 3.8 މިލިއަން ޑޮލަރު މީރާއަށް ދައްކަން އަންގާފަ އެވެ. އަދި ޖޫރިމަނާގެ ގޮތުގައި 14.6 މިލިއަން ޑޮލަރާއި އިންޓްރަސްޓް ރޭޓްގެ ގޮތުގައި 226،352 ޑޮލަރު މީރާއަށް ވިލާ ޝިޕިންއިން ދައްކަން ވެސް ވަނީ އަންގާފަ އެވެ.

ހައިކޯޓުން ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށްފައިވަނީ، 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ސޮއިކުރި "އެމެންޑެޑް އެންޑް ރީ ސްޓޭޓަޑް ލީޒް އެގްރީމެންޓް" ބާތިލް ކޮށްފައި ވަނީ އެ އެއްބަސްވުމުގެ މަގުސަދާ ހިލާފުވެފައިވާތީކަން އެނގެން އޮންނާތީ އެވެ. "އެމެންޑެޑް އެންޑް ރީ ސްޓޭޓަޑް ލީޒް އެގްރީމެންޓް" ބާތިލުކޮށްފައިވަނީ ސްޓަލްމެންޓް އެގްރިމެންޓް އުވާލުން އަސްލަކަށް ބަލައިގެން ކަމަށް ހުކުމްގައި ވަނީ ފާހަގަކޮށްފަ އެވެ.