އަވަސް ވީކެންޑް

ބިންމާ ލިސްޓުން ނުއިވޭ ނަމެއް: ބިންމާ އަހުމަދު

Mar 24, 2017
2

ކޭބަލް ޓީވީ ނެތް ޒަމާނުގައި ފިލްމް ހޯދަން ދަނީ އެ ތަނަށެވެ. ކުރިން ފިލްމް ކުއްޔަށް ދޫކުރަމުން ދިޔަ "ހަލީޖު" އާއި "ސްކެއާ" ވީޑިއޯގެ ވެރިޔާއަކީ މިއީ އެވެ. އޭގެ ކުރިއަށްދާނަމަ އެންމެ ގިނަ ދުވަހު ހިދުމަތް ކުރީ ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) ގަ އެވެ. މި ހިދުމަތްތެރިއަކީ މަޝްހޫރު އޭބީސީ ކޮންސްޓްރަކްޝަންގެ ވެރިޔާ އަހުމަދު ވަހީދު އާއްމު ނަމުންނަމަ، (ބިންމާ އަހުމަދު) އެވެ.

"އެންމެ ފުރަތަމަ ސްކޫލް ނިންމާލާފަ އެމްއެމްއޭ [މަރުކަޒީ ބޭންކް] އަށް ވަނީ. ފުރަތަމަ އެތަނުގެ އެންމެ އާދައިގެ ވަޒީފާ އަށް ވަނީ. އޭގެ ފަހުން އެމްއެމްއޭގައި ވަރަށް ގިނަ ދުވަހު ހިދުމަތް ކޮށްފައި ވިޔަފާރިއަށް ވަގުތު ދޭންވެގެން ކެނޑުނީ،" އެމްއެމްއޭގައި 29 އަހަރު ހިދުމަތް ކޮށްފައިވާ، އަހުމަދު ވިދާޅުވި އެވެ.

ނަވާރަ ސަތޭކަ އަށްޑިހަ ހަ ވަނަ އަހަރު އެމްއެމްއޭގައި މަސައްކަތް ކުރަމުން ދިޔައިރުވެސް ކުދިކުދި މަސައްކަތްތައް އަމިއްލައަށް އަހުމަދު ކުރި އެވެ. މިގޮތުން އެންމެ ހާއްސަ އެއް ކަމަކީ ފިލްމު ކުއްޔަށް ދިނުމެވެ. އަދި އޭގެ ފަހުން އިތުރު ޕާޓްޓައިމް ވަޒީފާގެ ގޮތުގައި ކުދި މަސައްކަތް ކުރި އެވެ.

"ކުދިކުދި މަސައްކަތް ކުރަމުން ގެންދިޔައިރު، އެ މަސައްކަތް ކުރަމުން އެންމެ ފުރަތަމަ ދިޔައީ ޕާޓްޓައިމް ވަޒީފާގެ ގޮތުގައި. އެފިޝަންސް ސާވިސް ޕްރައިވެޓް ލިމިޓެޑް [ކޮންކްރީޓް ނާއްޕެ] އާއެކީގައި މަސައްކަތް ކުރީ. އޭގެ ފަހުން ރެޑް ކޮންސްޓްރަކްޝަންގެ ނަމުގައި ޝެއާ ވެގެން އެހެން މީހަކާއެކު ފެށީ. އެކަމަކު އެކަން ވެސް ހުއްޓުނީ. އޭގެ ފަހުން ރެޕިޑްގައި ވެސް ޝެއާ އޮވެގެން ފެށިން. ނަމަވެސް ނުވި. އެހެންވެ އަމިއްލަ ކުންފުނި ހަދަން ހިޔާލު އައީ،" އަހުމަދު ވިދާޅުވި އެވެ.

މި ހިސާބަށް އައިރު، އަހުމަދުގެ ވިސްނުން އައީ އަމިއްލައަށް ވިޔަފާރި ފެށުމަށެވެ. އެހެންވެ 2009 ވަނަ އަހަރު "އޭބީސީ" ކޮންސްޓްރަކްޝަން ކުންފުނި އުފެއްދި އެވެ. ފުރަތަމަ ކުންފުނި އުފެއްދީ ވަރަށް ކުޑަ ކޮށެވެ. އެންމެ ހަތަރު މުވައްޒަފުންނާއެކުގަ އެވެ. އޭގެ ފަހުން ކުދިކުދި މަޝްރޫއުތައް ނަގަން ފެށި އެވެ.

"އެންމެ ކުރީގައި މަސައްކަތް ކުރާނެ ގޮތެއްވެސް ނެތް. ވަރަށް މަސައްކަތް ކޮށްގެން ކުރިއަށް މިދަނީ،" އަހުމަދު ވިދާޅުވި އެވެ.

އަހުމަދު ހިތްވަރު ދޫނުކޮށް ކުރި ބުރަ މަސައްކަތުން މިއަދު އޭބީސީ ކުންފުންޏަކީ މީހުންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ. މި ކުންފުނިން ރާއްޖޭގެ ބޮޑެތި މަޝްރޫއުތައް ނަގައި ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ފާހަގަ ކޮށްލެވޭ ބައެއް ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި އޭޑީކޭގެ އާ އިމާރާތް ހިމެނެ އެވެ. މިތަނަކީ ރާއްޖޭގެ "ނަން މަޝްހޫރު" ކުންފުންޏަކުން ހަދަން ހަވާލުވެ، ނުހެދިގެން އޭބީސީއާ ހަވާލުވި ކުންފުންޏެކެވެ.

"މިހާރު ވަރަށް ބޮޑެތި ޕްރޮޖެކްޓްތައް އެބަ ކުރިއަށް ގެންދަން. މިހާރު 12 ޕްރޮޖެކްޓް ކުރިއަށް ގެންދަން. ކުންފުނީގެ މުވައްޒަފުންގެ އަދަދު ވެސް 200 އަށް އަރައިފި،" އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތްކުރާތާ 19 އަހަރު ވެފައިވާ، އަހުމަދު ވިދާޅުވި އެވެ.

މި ހިސާބުން އުފެދޭ ސުވާލަކީ އަހުމަދުގެ ކުންފުންޏަށް "އޭބީސީ" މިކަން ކީ ކީއްވެގެން ބާ އެވެ.؟ މީގެ ޖަވާބަކީ ގިނަ ބައެއްގެ ހިތުގައި ނަން ހަރުލައްވާފައި ބެހެއްޓުމެވެ.

"އޭބީސީ ކީމައި ގިނަ މީހުންގެ ހިތުގައި އެނަން ހުންނާނެ އެހެންވެ އެނަން ކީ. މިސާލަކަށް އައިފޯނަށް އެޕަލްކީ ވެސް އަނެއްހެން ގުޅުން ހުރެގެންނެއް ނޫން. އެހެންވެ މިކަހަލަ ގޮތަކަށް އޭބީސީ މިނަންކީ،" އަހުމަދު ވިދާޅުވި އެވެ.

އަހުމަދު ގަބޫލުކުރައްވާ ގޮތުގައި މި ދާއިރާއަކީ އެންމެ ރަނގަޅު އެއް ދާއިރާ އެވެ. ނަމަވެސް މިދާއިރާ ހަރުދަނާ ކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"މިވަގުތު އެންމެ ދަތި ކަމަކީ ޑިވޯޓަރިން. މިކަމަށް ގެނެސްފައިވާ ބަދަލުގެ ސަބަބުން މިކަން ދިމާވަނީ. މީގައި އެބައޮތް ޑިމާންޑުގެ މައްސަލަ ވެސް. އަނެއް ކަމަކީ ގާ. ޑިމާންޑް ބޮޑުވުމުން ގައު ނުލިބުމުގެ މައްސަލަ ދިމާވޭ،" އަހުމަދު ވިދާޅުވި އެވެ.

މި މަސައްކަތުގައި އަހުމަދުގެ މިޝްރާބު ހުރީ އަދިވެސް މައްޗަށެވެ. އޭނަގެ އުންމީދަކީ މިދާއިރާއާ ގުޅުންހުރި އެހެން ވިޔަފާރިތަކުގެ ތެރެއަށް ނުކުތުމެވެ. މިގޮތުން މާގިނަ ދުވަސްތަކެއް ނުވެ އޭބީސީއިން ހާޑްވެއާގެ ވިޔަފާރި ވެސް ފަށާނެ އެވެ.