އަބްދުﷲ މަސީހު މުހައްމަދު

ޖަވާބު ދާރީވާން މަސީހަށް 30 މިނެއްޓު

Mar 23, 2017
5

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަހައްމަދުގެ އިތުބާރު ނެތް ކަމަށް ވޯޓް ނަގާ މައްސަލާގައި މަޖިލީހުގައި ޖަވާބު ދާރީވެ ވަޑައިގަތުމަށް އެ މަނިކުފާނަށް 30 މިނެޓު ދޭން މަޖިލީހުގެ އާންމު ކޮމިޓީން މިރޭ ފާސްކޮށްފި އެވެ.

މަސީހާ ދެކޮޅަށް، އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ އިތުބާރު ނެތް މައްސަލަ މަޖިލީހުގައި އެޖެންޑާ ކޮށްފައި ވަނީ އަންނަ ހޯމަ ދުވަހަށެވެ. އެ މައްސަލަ އެޖެންޑާކޮށްފައިވާއިރު އެކަމަށް ވަގުތު ކަނޑައެޅުމަށް މިރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މަސީހަށް 30 މިނެޓުގެ ވަގުތެއް ދިނުމަށް ހުށަހެޅުއްވެވީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު އެވެ. އެ ހުށަހެޅުން ފާސްވީ ކޮމިޓީއަށް ހާޒިރުވެ ވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

އެ ހުށަހެޅުމުގައި ބުނެފައި ވަނީ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ބަހުސް ޖުމުލަ ދެ ގަޑިއިރަށް ކުރިޔަށް ގެންދިޔުމަށެވެ. އެގޮތުން ޖަލްސާ ފެށުމުގެ ގޮތުން މަސީހު ވާހަކަފުޅު ދެއްކެވުމަށް 10 މިނެޓާއި ބަހުސްގެ މެދުތެރެއިން 10 މިނެޓާއި ބަހުސް ނިންމާލުމަށް ފަހު 10 މިނެޓުގެ ވަގުތެއް ދިނުމަށެވެ. އަދި ބާކީ ދޮޅު ގަޑިއިރު މެންބަރުން ވާހަކަ ދެއްކެވުމަށް ދިނުމަށެވެ. އެ ހުށަހެޅުމަށް ކޮމިޓީގައި ތިބި ޕީޕީއެމްގެ އެހެން މެންބަރުން ތާއީދު އެވެ.

ނަމަވެސް އިދިކޮޅު އެމްޑީޕީން އެ ހުށަހެޅުމަކަށް ތާއީދެއް ނުކުރެ އެވެ. އެމްޑީޕީން ހުށަހެޅީ ޖުމުލަ ތިން ގަޑިއިރުގެ ވަގުތަކަށް އެ ޖަލްސާ ކުރިޔަށް ގެންދިޔުމަށެވެ. ނަމަވެސް އެގޮތަށް ފާހެއް ނުވި އެވެ.

ކުރީގެ ނައިބު ރައީސުން ކަމަށްވާ ޑރ. މުހައްމަދު ޖަމީލާއި އަހުމަދު އަދީބުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވެއްދި އިރު އެ ދެ ބޭފުޅުން ޖަވާބު ދާރީވުމަށް ވެސް ކަނޑައެޅީ ވެސް ދެ ގަޑިއިރެވެ.

މަސީހުގެ އިތުބާރު ނެތް މައްސަލަ ތައާވަލްކޮށްފައިވާއިރު މީގެ ކުރި މި މައްސަލައާ ބެހޭގޮތުން މަސީހު ހަމައެކެނި ވިދާޅުވީ "ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް" ކަމަށް އެކަންޏެވެ.