ލައިފްސްޓައިލް

ޗައިނާ ކުންފުނިތަކުން ސާފު ވައި ވިއްކަނީ!

Mar 24, 2017

ޗައިނާގެ ވެރިރަށް ބެއިޖިންގައި ދިރިއުޅޭ ބައެއް މައިން ބަފައިން ހެނދުނު ހޭލާފައި ފުރަތަމަ ކުރާ އެއް ކަމަކީ އެމީހުންގެ ދަރިން ނޭވާ ލަނީ ސާފު ވައިގެ ތެރެއަށްތޯ ބެލުމެވެ. އެރަށުގެ ވައި އެހާވެސް ނުސާފެވެ. އަބަދުހެން ޖައްވު އޮންނަނީ ދުމުގެ ސަބަބުން އަނދިރިވެފަ އެވެ.

ސިނާއީ މަސައްކަތްތައް ގިނަ ކަމުން ޗައިނާގެ ގިނަ ސަރަހައްދުތަކަކަށް ކުރިމަތިވެފައިވާ ތިމާވެށީގެ އެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް ޗައިނާގެ ކުންފުނިތަކުން ވަނީ އާ ކަންތައްތައްކުރަން ފަށާފަ އެވެ. ފުޅި ފުޅީގައި ބަންދުކޮށްގެން ސާފު ވައި ވިއްކުމަކީ އެފަދަ އެއް ކަންތަކެވެ. ޗައިނާ ސަރުކާރުގެ ކުންފުންޏަކުން 48 ޔުއާން ( 6.95 ޑޮލަރު) އަށް ފުޅިއެއްގެ މަގުން ވިއްކާ ވައިފުޅި ތަކަކަށް އަޅާ ފައި ހުންނާނީ ޖަންގަލީގެ ސާފު ވައި ކަމަަށް އެކުންފުނިން ބުނެ އެވެ.

"ޝާންޒީ ޕްރޮވިންސްގެ ނިންގްޑޮންގް ފޮރެސްޓް ޕާކްގައި އަހަރެމެން ފެކްޓްރީއެއް ހަދައިފިން. ދެން [ޖަންގަލިން] ސީދާ ފުޅިފުޅިއަށް ވައި އަޅަނީ،" ސާންކިން ފޮރެސްޓް އިންޑަސްޓްރީގެ ސޭލްސް މެނޭޖަރު ޒާއީ ވެންޖުން ރޮއިޓާސް އަށް ވިދާޅުވެފައި ވެއެވެ.

ނޭވާލާން ޖެހޭ ވައިގެ ނުސާފުކަމާ ހެދި މީހުންނަށް ކުރިމަތިވެފައިވާ ކަންބޮޑުވުމަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން ޗައިނާގެ ކުންފުނިތަކުން ތަފާތު ގިނަ އުފެއްދުންތަކެއް ވިއްކަ އެވެ. އެގޮތުން ވައިސާފު ކުރުމަށް ކަރުގައި އަޅާ ހާރުތަކާއި އެފަދަ ސްޓޮކިންސް ތަކާއި ވައި ސާފުކުރާ ނިޒާމުތައް ހަރުކޮށްފައިވާ ތޮފި ފަދަ ބާވަތްތައް ކުންފުނިތަކުން ވިއްކައެވެ.

ޗައިނާ ޕާލަމެންޓްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އެ ގައުމުގެ ބޮޑުވަޒީރު ލީކެކިއާން ބުދަ ދުވަހު ވިދާޅުވެފައި ވަނީ އެ ގައުމުގައި ވައި ނުސާފުވުން ކޮންޓްރޯލް ކުރެވެން ޖެހޭނެ ކަމަށެވެ. "ނޫކުލައިގައި އުޑު ފެނުމަކީ އަގު ބޮޑު ކަމަކަށް ވެގެން ނުވާނެ" ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.