ފާރިސް މައުމޫން

ފާރިސް ފުލުހަށް ހާޒިރުކޮށްފި

Mar 24, 2017
2

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ. އޭނާ މިރޭ ހާޒިރު ކުރި އިރު އިއްޔެވެސް ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. ފާރިސްއާ ފުލުހުން ސުވާލު ކުރަނީ ރައީސް މައުމޫނުގެ ސަރުކާރުގައި 2008 ވަނަ އަހަރު ނެރުނު ތީމުގޭ އޮޑިޓް ރިޕޯޓާ ގުޅިގެނެވެ.

ތީމުގޭގެ އޮޑިޓް ރިޕޯޓު މައްސަލާގައި ދާދި ފަހުން އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ ފާރިސް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. ކުރިން މި މައްސަލައާ ގުޅިގެން ރައީސް މައުމޫންއާ ވެސް ސުވާލުކޮށްފައިވެ އެވެ.

ރައީސް މައުމޫންގެ ވެރިކަމުގެ ފަހު ދެ އަހަރުގެ ތީމްގޭ އޮޑިޓް ރިޕޯޓްގައިވާ ގޮތުން ރައީސް މައުމޫން ވަނީ ގާތް ބޭފުޅުންނަށް ބޮޑެތި ހަރަދުތަކެއް ދައުލަތުގެ ބަޖެޓުން ކުރައްވާފަ އެވެ. އޭގެ ތެރޭގައި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމަށާއި ބައެއް ބޭފުޅުންގެ ހަރަދުތައް ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

އެ ރިޕޯޓްގައިވާ ގޮތުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ބެލުމަށް ފާރިސް އާއި އެކުމުގައި ބައިވެރިވި ވަފުދުގެ ތިބުމުގެ ހަރަދުގެ ގޮތުގައި 780،129 ސްރީލަންކަން ރުޕީސް ހަރަދުކޮށްފައިވެ އެވެ.

ދެހާސް ހަތްވަނަ އަހަރާއި 2008 އަހަރުގެ ތީމްގޭގެ އޮޑިޓް ރިޕޯޓްގައިވާ ކަންކަން ފުރަތަމަ ތަހުގީގު ކޮށްފައިވަނީ 2009 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު ނަޝީދު އެކުލަވާލެއްވި ރިޔާސީ ކޮމިޝަނުންނެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަން ނިމި، އޭގެ ފަހުން އައި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ވަނީ ރިޔާސީ ކޮމިޝަން އުވާލާފަ އެވެ. އޭގެ ފަހުން މި މައްސަލައިގެ ތަހުގީގު އޮތީ މަޑުޖެހިފަ އެވެ.