ހަބަރު

މައުމޫން ވަކިކުރަން ކޮމެޓީއަށް ފޮނުވަން ޕީޕީއެމުން ފާސްކޮށްފި

ޕީޕީއެމްގެ ރައީސް، މައުމޫން އަބްދުލް ގައްޔޫމް އެ ޕާޓީގެ މެންބަރު ކަމުން ވަކި ކުރަން އެ ޕާޓީގެ ކައުންސިލަށް ގަރާރެއް ހުށަހަޅައި އެ މައްސަލަ ޕާޓީގެ ސުލޫކީ ކޮމެޓީއަށް ފޮނުވަން ފާސްކޮށްފި އެވެ. ސަރުކާރަށް ކުރާ ތާއީދު ގެންގޮސް ސަރުކާރަށާއި ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނަށް ފާޑު ވިދާޅުވުމާއެކު އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންފައިވާ މައުމޫންގެ މައްސަލަ ޕާޓީގެ ކައުންސިލަށް ހުށަހެޅުއްވެވީ ކައުންސިލްގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.

ރައީސް އަބްދުﷲ ޔާމީންގެ ރިޔާސަތުގައި މިއަދު އެ ޕާޓީން ބޭއްވި ކައުންސިލްގެ ކުއްލި ބައްދަލުވުމަށް މި މައްސަލަ ހުށަހެޅުމާއެކު 26 މެންބަރުންގެ އިއްތިފާގު ވޯޓާއެކު ފާސްވީ މައުމޫނުގެ މައްސަލަ ޕާޓީގެ ސުލޫކީ ކޮމެޓީއަށް ފޮނުވުމަށެވެ.

މި މައްސަލަ ހުށަހެޅުއްވި މެންބަރު ފަލާހު، މިއަދުގެ ކައުންސިލްގެ ބައްދަލުވުމަށް ފަހު ވިދާޅުވީ ޕީޕީއެމަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށާއި އެ ޕާޓީގެ ރައީސް ޕާޓީގައި ހުންނަވައިގެން އިދިކޮޅު ފަރާތްތަކާއެކު ކުރާ މަސައްކަތްތަކަކީ މިހާރު ގަބޫލު ކުރެއްވޭ ކަމެއް ނޫންކަމަށާއި އެހެންވެ އޭނާ މިއަދު ކައުންސިލަށް ހުށަހެޅުއްވީ މައުމޫން ޕީޕީއެމްގެ މެންބަރު ކަމުން ވަކިކޮށް ދެއްވުމަށް އެދި ކަމަށެވެ. އަދި އެ ގަރާރު ހުށަހެޅުއްވީ އެހެން މެންބަރުންގެ ވިންދުވެސް އެގޮތަށް މިހާރު ހުރުމުން ކަމަށެވެ.

"މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެ ވަަޑައިގެންނެވި 26 މެންބަރުން ވެސް އަޅުގަނޑު ހުށަހެޅި ގަރާރާ އެއްކޮޅަށް ވޯޓް ދެއްވާ ފާސްކޮށް ދެއްވި،" ފަލާހު ވިދާޅުވި އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ފަލާހު ހުށަހެޅުއްވި މައްސަލައަށް ކައުންސިލްގެ މެންބަރުންގެ ރުހުން ލިބިފައިވާ ކަމަށާއި ނަމަވެސް މައުމޫން ވަކި ކުރުމަކީ ޕާޓީގައި އެކަމަކަށް ކަނޑައެޅިފައިވާ ގުނަވަންތަކުގެ ތެރެއިންދާނެ ކަމަށްވާތީ މި ކަމުގައި ކައުންސިލުގެ ރުހުން ލިބުމުން އެކަން ދެން ދާނީ އެކަމާ ގުޅުން ހުރި ގުނަވަނަށް ކަމަށެވެ.

ޕީޕީއެމްގެ މީޑިއާ ކޯޑިނޭޓަރު އަދި މަޖިލިސް މެންބަރު އަލީ އާރިފު ވިދާޅުވީ ޕާޓީގެ މެންބަރަކު ވަކި ކުރަން ކައުންސިލަކަށް ގެންދަން ނުޖެހޭ ކަމަށާއި ނަމަވެސް މައުމޫނަކީ ޕާޓީގެ ހާއްސަ ބޭފުޅަކަށްވާތީ އާއި ޕާޓީގެ ރައީސް ކަމަށްވެފައި އަދި މުޅި ޕާޓީގެ ގަދަރާއި އިހުތިރާމް އޮތް ބޭފުޅަކަށްވުމުން ސީދާ ސުލޫކީ ކޮމެޓީއަށް ފޮނުވުމުގެ ބަދަލުގައި ފުރަތަމަ އެކަން ކައުންސިލަށް ގެނައީ ކަމަށެވެ.

މި މައްސަލަ މިއަދު ފާސްކުރި އިރު އިއްޔެ އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި ވެސް މައުމޫން ޕާޓީން ވަކި ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ފަލާހު ވަނީ ވިދާޅުވެފަ އެވެ. އަދި މިއަދުގެ ހެނދުނުގެ ވަގުތެއްގައި ވަނީ އެ ޕާޓީގެ ޕީޖީ ގްރޫޕްގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) ވެސް ޕާޓީން ވަކިކޮށްފަ އެވެ.