ވިޔަފާރި

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދެވަނަ ބައްދަލުވުން މާދަމާ ބަނޑޮހުގައި

ރާއްޖެއާއި ހޮންކޮންގެ ދެމެދު އެކުލަވައިލުމަށް މަސައްކަތް ކުރާ ފްރީ ޓްރޭޑް އެގްރީމެންޓު ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދެވަނަ ބައްދަލުވުން މާދަމާ ބާއްވަން ނިންމައިފި އެވެ. އެ ބައްދަލުވުން ކުރިޔަށް ދާނީ މާދަމާއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަނޑޮސް އައިލެންޑް ރިސޯޓުގަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ވިޔަފާރި ކުރުމުގައި، އަދި އެކްސްޕޯޓް ކުރުމުގައި މިހާރު ދިމާވާ ދަތިތަކާބެހޭ ރާއްޖޭގެ ވިޔަފާރިވެރިންނާއި ރާއްޖެއިން މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރާ ފަރާތްތަކާއެކު މަޝްވަރާކޮށްފައިވާ ކަމަށާއި އަދި ހޮންކޮންއެއެކު ވިޔަފާރި ކުރުމުގައި ދިވެހި ވިޔަފާރިވެރިން ބޭނުންވާ ކަންކަން އޮޅުން ފިލުވުމާއި، ރާއްޖެއިން ހުށަހަޅަންޖެހޭ ކަންކަމާބެހޭ ގޮތުން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުން ކަމަށެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދެވަނަ ބައްދަލުވުން މާދަމާ ބާއްވަން ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.

ހޮންކޮން އާއިއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ފުރަތަމަ މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 އިން 30 އަށެވެ.