އިތުބާރު ނެތް ކަމުގެ މައްސަލަ

މަސީހާ އެއްކޮޅަށް ޕީޕީއެމާއި އެމްޑީއޭގެ ތްރީލައިން ވިޕެއް

  • މާދަމާގެ ވޯޓް ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އެބައޮތް
  • ޕީޖީ ބައްދަލުމުގައި 42 މެންބަރު ބައިވެރިވެ ވަޑައިގެންނެވި
  • މައްސަލަ ވެއްދީ ވަރަށް ބޮޑަށް އޮޅުވާލައިގެން

މާދަމާ ނަގާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓުގައި އެ މަނިކުފަނާ އެއްކޮޅަށް ވޯޓު ދޭން ޕީޕީއެމާއި އެމްޑީއޭގެ ޖޮއިންޓް ޕީޖީ ގުރޫޕުން މިރޭ ތްރީލައިން ވިޕެއް ނެރެފި އެވެ.

މިރޭ ބޭއްވި ޕީޖީ ގުރޫޕްގެ ބައްދަލުވުމާ ގުޅޭ ގޮތުން އަވަސްއަށް މައުލޫމާތު ދެއްވަމުން އެ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، މަސީހާ އެއްކޮޅަށް ވޯޓު ދިނުމަށް ތްރީ ލައިން ވިޕް މިރޭ ނެރެފައިވަނީ ބައްދަލުވުމަށް ވަޑައިގެން 42 މެންބަރުންގެ އިއްތިފާގުން ކަމަށެވެ.

"ވިޕް ނެރެފައިވަނީ ހުރިހާ މެންބަރުންގެ ވެސް އިއްތިފާގުން، އެއްވެސް މެންބަރަކު ދެކޮޅު ހައްދަވާފައެއް ނުވޭ، މަސީހާ އެއްކޮޅަށް 100 ޕަސެންޓް ލިބިފައި ވަނީ،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، މިރޭ އެ ބައްދަލުވުމަށް މާލޭގައި ވަޑައިގެން ތިއްބެވި މެންބަރުންގެ ތެރެއިން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ނޫން އެހެން މެންބަރުން ވަޑައިގެންފައިވާ ކަމަށެވެ. ދެން ތިއްބެވި މެންބަރުންނަށް ވަޑައިނުގަނެވުން ސަބަބު އަންގަވާފައިވާ ކަމަށާއި އެ މެންބަރުން ވެސް މާދަމާ ޖަލްސާއަށް ވަޑައިގެން ވިޕާ އެއް ގޮތަށް ވޯޓު ދެއްވާނެ ކަމަށް ނިހާން ވިދާޅުވި އެވެ. -- ނިހާން އެހެން ވިދާޅުވި އިރު މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވަނީ އޭނާ ވޯޓް ދެއްވާނީ މަސީހާ ދެކޮޅަށް ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފަ އެވެ.

ނިހާން ވިދާޅުވީ މާދަމާގެ ވޯޓު ވަރަށް ފަސޭހަކަމާއެކު ކާމިޔާބު ކުރެވޭނެ ކަމަށާއި އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލީހަށް ވައްދާފައިވަނީ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން، އެމްޑީޕީއަށް ވެސް އޮޅުވާލައިގެން ކަމަށެވެ.

"މިކަމަކީ ފާރިސްގެ ހީލަތްތެރި ރޭވުމަކުން އޭނާގެ އަމިއްލަ ބޭނުމެއް ފުއްދަން އެމްޑީޕީއާ ގުޅިގެން ކުރާ ކަމެއް، ވޯޓު ކާމިޔާބުވާ މިންވަރަށް ވޯޓު ލިބޭނެ ކަން އެމްޑީޕީއަށް ދައްކައިގެން ކޮށްފައިވާ ކަމެއް، އެކަމަކު މިހާރު އެމްޑީޕީއަށް ވެސް އެކަން އެނގޭނެ، އެހެންވެ މާދަމާ ޖަލްސާގައި އަޑު ގަދަކޮށް ރިޔާސަތަށް ޖެއްސުންކުރަން މަސައްކަތް ކުރާނެ،" ނިހާން ވިދާޅުވި އެވެ.

މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްވާނީ މަޖިލީހަށް ހާޒިރުވާ މެންބަރުންގެ ތެރެއިން އަގުލަބިއްޔަތު ލިބިގެނެވެ. އެ އަގުލަބިއްޔަތު އިދިކޮޅަށް ނުލިބޭނެ ކަމަށް ނިހާން ވިދާޅުވެފައިވާއިރު އިދިކޮޅުން ވެސް ބުނަނީ ވޯޓު ކާމިޔާބު ކުރެވޭނެ ކަމަށެވެ.