ރިޕޯޓް

މަސީހުގެ ވޯޓު: ސިޔާސީ ގަދަ ހިފުމެއް، އިމްތިހާނެއް!

އެއްކޮޅުގައި ތިބީ ރައްޔިތުން މަޖިލީހުގެ ސާފު މެޖޯރިޓީ ހިފައިގެން ތިއްބެވި ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްއާއި ކޯލިޝަން، އެމްޑީއޭގެ މެންބަރުންނެވެ. އަނެއް ކޮޅުގައި ތިބީ ޕީޕީއެމްއިން "ފޭވެގެން" ނުކުމެ ތިބި މެންބަރުންނާއި އިދިކޮޅު ހުރިހާ ޕާޓީތަކެއްގެ މެންބަރުންނެވެ. ދެ ފަރާތުން ވެސް މިއަދު މަޖިލީހަށް ވަޑައިގެން ތިއްބެވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ މެދު ގޮތެއް ނިންމެވުމުގެ ބޮޑު މައްސޫލިއްޔަތު ކޮނޑުއަޅައިގެނެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ގާނޫނު ހަދާ މަޖިލީހުގެ ތެރޭގައި ހިންގާ އެންމެ ބޮޑު އެއް އިމްތިހާނެވެ. ރާއްޖޭގެ މުޅި ސިޔާސީ މަސްރު ބަދަލުކޮށްލައި މުޅި ރާއްޖެ އޮތީ ވޯޓަށް ނަޒަރު ހުއްޓާލައިގެނެވެ.

ކޮންމެ މީހަކު ވެސް މިހާރު އުފައްދާ ސުވާލަކީ މިއެވެ. މިއަދު މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްވެދާނެ ހެއްޔެވެ؟ ސަރުކާރު ފަޅީގެ މެންބަރުން ފަހު ވަގުތު ވޯޓު ދޭނީ ކޮން ކޮޅަކަށް ހެއްޔެވެ؟ ނަމަވެސް ސަރުކާރު ފަޅީގައި ތިއްބެވި މެންބަރުންގެ ބަސް ވަރަށް ސާފެވެ. މަސީހު ބޭރު ކުރަން ކުރާ މަސައްކަތް ނާކާމިޔާބުކޮށްލާ ލަދު ގަންނަވާލާނެ ކަމަށް ސަރުކާރުގެ މެންބަރުން ވިދާޅުވަމުން ގެންދަވަ އެވެ. އަނެއްކޮޅުން އިދިކޮޅު މެންބަރުން ވެސް ކުޑަކޮށްވެސް ފަހަތަށް ނުޖެހި މަސީހު ބޭރު ކުރާނެ ކަމުގެ ޔަގީންކަން ދެމުން ގެންދަވަ އެވެ. އެހެންކަމުން މި ވޯޓުގެ ނަތީޖާ އެނބުރޭނެ ގޮތާ މެދު ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ. ސަބަބަކީ އެންމެ ހީ ނުކުރާ ގޮތަށް ވެސް ކަން ނިމި ހިނގައިދާނެތީ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ޕާޓީތަކަށް މެންބަރުން އެތުރިފައި ތިބި ގޮތަށް ބަލާއިރު ޕީޕީއެމްގައި 48 މެންބަރުން ތިބި އިރު އެމްޑީޕީގައި ތިބީ 21 މެންބަރުންނެވެ. އަދި ޖުމްހޫރީ ޕާޓީ ހަތް މެންބަރުން ތިބި އިރު އެމްޑީއޭގައި ތިބީ ހަ މެންބަރުންނެވެ. ދެން ތިއްބަވަނީ މިނިވަން ދެ މެންބަރަކާއި އަދާލަތު ޕާޓީގެ މެންބަރެކެވެ. މަސީހާ މެދު ގޮތެއް ނިންމާނީ މިއަދު މަޖިލީހަށް ވަޑައިގަންނަވާ މެންބަރުންގެ އަގުލަބިއްޔަތެވެ. އެކަމަށް މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ ރިޔާސަތުގެ ދަށުން ނަންގަވާނީ ހާމަ ވޯޓެކެވެ.

މަސީހުގެ ދިފާއުގައި ތިއްބެވި ޕީޕީއެމްއާއި އެމްޑީއޭ މެންބަރުން ހިމެނޭ ވަރުގަދަ "ލަޝްކަރު" މިދިޔަ ހޮނިހިރު ދުވަހު ވަނީ ދައްކާލައިފަ އެވެ. އެ މެންބަރުން ވިދާޅުވާ ގޮތުގައި ސާފު ފުރިހަމަ އަޣުލަބިއްޔަތާއެކު މަސީހުގެ މަގާމު ދަމަހައްޓާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި އެ ކޯލިޝަނުން ވަނީ ވޯޓާ ގުޅިގެން ތްރީލައިން ވިޕްވެސް ނެރެފަ އެވެ.

"މީގެ ކުރިން ވެސް މިކަހަލަ ކަންކަން މަޖިލީހަށް ހުށަހެޅި، އެ ހުރިހާ ކަމެއް ވެސް ވަނީ ފެއިލްކޮށްލާފަ، އަޅުގަނޑުމެންގެ ޓީމުގެ ބަދަހިކަމާއެކުގައި ޕީޕީއެމް އެމްޑީއޭ ޖޮއިންޓް ޕާލިމެންޓްރީ ގުރޫޕުން މިއަދު ވެސް މި އޮތީ އެ ވާހަކަ ހަމަ ތަކުރާރުކުރަން، ވޭތުވެދިޔަ ތަނުގައި ވެސް އެކަތިގަނޑެއް ގޮތަށް ސަރުކާރަށް އެހީތެރިވެދިން ގޮތަށް ކުރިއަށް އޮތްތަނުގައި ވެސް ވާނަން،" ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވި އެވެ.

"މަސީހުގެ ވޯޓު އިދިކޮޅު މީހުންނަށް ކާމިޔާބެއް ނުވާނެ، އަގުލަބިއްޔަތުން އަބްދުﷲ މަސީހު އަޅުގަނޑުމެން އެ ގޮނޑީގައި ބައިންދާނަން، އަދި ފަސް އަހަރު ދުވަހަށް މި ވެރިކަން ދަމަހައްޓައި 2018 ގައި ވެސް އިންތިހާބު ކާމިޔާބު ކުރާނަން،" އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވި އެވެ.

ވޯޓު ސަރުކާރަށް ކާމިޔާބު ނުކުރެވިއްޖެ އެއީ ސަރުކާރަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އަދި އެކަން ވާނީ ސިޔާސީ މައިދާ ވަރަށް ބޮޑަށް ބަދަލުވެގެން ހިނގައިދާނެ ކަމަކަށެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއެކު ރާއްޖެއަށް ޝައުގުވެރިވެފައިވާ އިންވެސްޓަރުންނާއި ބޭރު ފަރާތްތަކަށް އޮތް އިތުބާރަށް ބަދަލުތަކެއް އަންނާނެ އެވެ. އަދި އިދިކޮޅު ފަރާތްތަކަށް މިވޯޓް ކާމިޔާބުވެގެން ހިނގައްޖެނަމަ ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެތައް ކަމެއް ބަދަލުވެގެން ވެސް ދާނެ އެވެ.

ރައީސް ޔާމީން ދެކިވަޑައިގަންވާ ގޮތުގައި މިއަދުގެ ވޯޓަކީ މަސީހުގެ މައްސަލައެއް އޮވެގެން އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލައަކަށް ނަގާ ވޯޓެއް ނޫނެވެ. ރައީސް ޔަމީން ވިދާޅުވާ ގޮތުގައި އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ބާރު "ދަމައިގަންނަން" ބޭނުން ވަނީ ސަރުކާރަށް ދަތިކޮށް ސީދާ ވެރިކަން ބަދަލު ކުރުމަށެވެ. އަދި އެކަން އެހެން ވެއްޖެ ނަމަ އެކަން ކުރުމަށް މީގެ ކުރިން ބަންދުވެފައި ހުރި ދޮރުތައް ވެސް ހުޅުވޭނެ ކަމާމެދު ޝައްކެއް ނެތެވެ.

ދެން ތިއްބެވީ އިދިކޮޅު ފަރާތްތަކެވެ. މަސީހުގެ އިތުބާރު ނެތް ކަމަށް ނަގާ ވޯޓު ފާސް ކުރުމަށް ރާއްޖޭގައި ސިޔާސީ ދެ ފިކުރު އުފެއްދި ކުރީގެ ދެ ރައީސުން ކަމަށްވާ، ރައީސް މައުމޫން އާއި ރައީސް މުހައްމަދު ނަޝީދު މިދިޔަ ހުކުރު ދުވަހު ވަނީ އެއް ފިކުރަކަށް އަދި އެއް އަމާޒަކަށް މަސައްކަތް ކުރަން ގަރާރެއްގައި ސޮއިކޮށްފަ އެވެ. އެ ދެ ބޭފުޅުންގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އާއި ޖުމްހޫރީ ޕާޓީގެ ރައީސް ވެސް އެ ގަރާރުގައި ސޮއިކޮށް ސަރުކާރާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުރަން ރަސްމީކޮށް ވަނީ ފައްޓާފަ އެވެ.

މަޖިލީހުގެ ރައީސް ކަމުން މަސީހު ދުރުކުރެވޭނެ ކަމަށް މި ހުރިހާ ލީޑަރުން ވެސް ވަރަށް ޔަގީންކަން ދެއްވަ އެވެ. އެގޮތުން މަސީހު ބޭރު ކުރުމަށް ބޭނުންވާ މެންބަރުން ހަމަވެފައިވާ ކަމަށާއި ރައްޔިތުން މަޖިލީހުގައި ގަވައިދާ ހިލާފުން ހިންގާ ކަމަށް އެފަރާތްތައް ބުނާ ކަންކަން މިއަދުން ފެށިގެން ހުއްޓޭނެ ކަމުގެ ޔަގީންކަން އެ ލީޑަރުންގެ ފަހަތުގައި ތިއްބެވި މެންބަރުން ދެ އެވެ.

"ގައުމު ހިމާޔަތްކޮަށް މަތިވެރި އުއްމީދުތައް އަޅުގަނޑުމެނަށް މިއަދު ހާސިލް ކުރެވެން އޮތީ ސަރުކާރުގެ ނުފޫޒުން މަޖުލީސް މިނިވަން ކުރެވިގެން. މިކަން ކުރެވޭނީ މިހާރު ހުންނެވި މަޖުލީހުގެ ރައީސް އެ މަގާމުން ދުރުކޮށް، ރާއްޖޭގެ ގާނޫނުއަސާސީ އާއި ދިމިގްރާތީ އުސޫލުތަކަށް އިހްތިރާމް ކުރާ އިހްލާސްތެރި ބޭފުޅަކާ އެ މަގާމު ހަވާލުކޮށްގެން،" ރައީސް މައުމޫން ވިދާޅުވި އެވެ.

"ދެހާސްއަށާރައިގެ އިންތިހާބު މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށްޓަކައި ކުރަން ހުރި ވަރަށް ގިނަ މަސައްކަތްތައް އެބަހުރި. ލޯކަލް ކައުންސިލް އިންތިހާބު ވެސް މި ދަނީ ނުބޭއްވި. އަދި ބޭއްވިދާނެ ކަމަކަށެއް ވެސް އަޅުގަނޑުމެންނަކަށް ލަފައެއް ނުކުރެވޭ. އެހެންވެ އަޅުގަނޑުމެން އެބަޖެހޭ އިލެކްޝަންސް ކޮމިޝަނަށް ވެސް ބަދަލުތަކެއް ގެންނަން. އަޅުގަނޑުމެން އެބަޖެހޭ މުސްތަގިއްލު މުއައްސަސާތައް ހަރުދަނާކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން. އެހެންވެ މަސީހުގެ އިތުބާރު ނެތް ކަމަށް ކޮންމެހެން ވެސް ފާސް ކުރަން ޖެހޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކަށް މި ވޯޓު ފެއިލްވެއްޖެ ނަމަ އަނެއްކާ ވެސް ކުރިން އޮތް ހާލަތައް ވެއްޓި އިދިކޮޅު ހަރަކާތްތައް މަޑުޖެހިދާނެ އެވެ. ސަބަބަކީ މިފަހަރު ބޮޑު އުންމީދަކާއެކު ނިކުމެ ފެއިލްވުމުންނެވެ. ނަމަވެސް ރައީސް މައުމޫން ރޭ ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވަނީ އެ ވޯޓުން ފެއިލް ވިޔަސް އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި ދެމިތިއްބަވާނެ ކަމަށެވެ.

ނަމަވެސް ރައީސް މައުމޫންއާއި ރައީސް ނަޝީދު ކިހާ ދުވަހަކަށް އެއްގަލެއްގައި ތިބެވޭނެ ކަމާ މެދު ސިޔާސީ މަސްރަހު ދިރާސީ ކުރާ ފަރާތްތަކުން ސުވާލު އުފައްދަ އެވެ. ސަބަބަކީ މަސީހު ދުއްވާލެވުނަސް އަދި އިދިކޮޅު ހުރިހާ ރޭވުންތަކެއް ކާމިޔާބުވިޔަސް ދެން ވެރިއަކަށް އިންތިހާބު ކުރާނީ މައުމޫން ފަޅިންތޯ ނުވަތަ ނަޝީދު ފަޅިންތޯ މިއީ އުފެދޭ ސުވާލެކެވެ. އެހާ ހިސާބުން އަނެއްކާ އެ ދެ ބޭފުޅުންގެ "ކަނޑި އުރައިން ދަމައިގަންނާނެ" ބާއެވެ.

ކޮންމެއަކަސް މިއަދުގެ ވޯޓު ކޮންމެ ކޮޅަކަށް ނިމުނަސް ސިޔާސީ މަސްރަހަށް ބަދަލުތަކެއް އަންނާނެ ކަމާމެދު ޝައްކެ ނެތެވެ. މަސީހު ޔަގީން ކަން ދެއްވަނީ އެންމެ ކަމަކަށެވެ. އެއީ ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް ކަމަށެވެ.