އަބްދުﷲ މަސީހު މުހައްމަދު

މަސީހުގެ ރައްދު: ގަވައިދާ ހިލާފެއް ނުވަން، މީގައި އަސްލެއް ނެތް

މަޖިލީހުގެ ރައީސްގެ މަގާމު ބޭނުންކޮށްގެން ގާނޫންއަސާސީއާއި ރައްޔިތުން މަޖިލީހުގެ ގަވައިދާ ހިލާފަށް އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށާއި އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައި ވަނީ އަސްލެއް ނެތް ހަގީގަތާ ހިލާފު މައްސަލަތަކެއް ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މިއަދުގެ ޖަލްސާގައި ޖަވާބުދާރީވަމުން އެމަނިކްފާނު ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް އިންތިހާބު ކުރެއްވި އިރުވެސް މެންބަރުން ވަނީ މަސީހަށް އިތުބާރުކޮށްފައި ކަމަށާއި އެގޮތުން މިއަދާ ހަމަޔަށް ގާނޫން އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން މެންބަރުންގެ އިއްޒަތް ހިފެހެއްޓުމަށް ވަކި ބަޔަކަށް ތަފާތު ކުރުމެއް ނެތި މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއާ ހިލާފަށް އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައި ވަނީ އެއްވެސް އަސްލެއްނެތް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި އެއީ އިޖުރާއީ ގޮތުން މަޖިލީހަށް ބަލައިނުގަނެ ބޭރުވެސްކޮށްލެވިދާނެ މައްސަލައެއް ކަމަށެވެ.

"އަޅުގަނޑުގެ ކިބައިން މެންބަރުން އެދެން ވާނީ އަޅުގަނޑަށް ކުރެވޭވަރުގެ ކަންކަން. މިތާ މިތިބީ 85 މެންބަރުން. ހަމައެކަނި އިމާރާތާ ގޮނޑިއެއް ނޫން. މިދިޔަ ދުވަސް ތަކުގައި އަޅުގަނޑުގެ އިހްތިޔާރުން ވޯޓު ދޭން ދެތިން ފުރުސަތެއް ލިބުނީ އެހެން ހުރިހާ ފުރުސަތެއްގައި ވޯޓު ދެއްވީ މެންބަރުން. އަދި މަޖިލީހުގައި ގޮތް ނިންމޭނީ ވެސް އެ އަގުލަބިއްޔަތުން. އެއީ ޑިމޮކްރަސީގައި އޮތްގޮތް. އަދި އެނޫން ގޮތަކަށް މި މަޖިލީހުގައި ކަން ހިނގާފައެއް ނުވާނެ،" މަސީހު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން މަސީހާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލާގައި ފާހަގަކޮށްފައިވާ ބައެއް ނުކުތާތަކަށް އަލިއަޅުވާލާ މަސީހު ވިދާޅުވީ މަޖިލީހަށް ހުށަހެޅޭ ބައެއް ބިލުތަކާއި އިސްލާހުތައް ބަލައިނުގަންނަ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އަދި ކޮމިޓީތަކުގައި މަސައްކަތް އަވަސް ކުރުމަށާއި ގަވައިދުގެ މަތިން މިނިވަން މުއައްސަސާތަކާއި ވަޒީރުން ހާޒިރު ކުރުމުގައި އެއްވެސް ހުރަހެއް އަޅުއްވާފައި ނުވާނެ ކަމަށާއި މެންބަރުންނާ މެދު ހަމަހަމަ އުސޫލެއްގެ މަތިން އަބަދުވެސް އަމަލުކޮށްފައިވާ ކަމަށް ވެސް މަސީހު ވިދާޅުވި އެވެ.

"މަޖިލީހުގެ ރައީސް އަކީ ބިލު ހުށަހެޅުމުގެ ފުރުސަތު ނުވަތަ އެއްވެސް ބަހުސްއެއްގައި ބައިވެރިވެވޭ މެންބަރެއް ނޫން. ރައީސްއަކީ މަޖިލީހުގެ އަގުލަބިއްޔަތުން ކަންކަން ނިންމާ ގޮތުގެ މަތިން ކުރިޔަށް ގެންދާ މީހެއް. އަގުލަބިއްޔަތުން ކަމެއް ނިންމެވުމުން އެކަމަށް ބަދަލެއް ނުކުރެވޭނެ. އަދި އެއީ އަޅުގަނޑު ކުރާނެ ކަމެއް ވެސް ނޫން،" މަސީހު ވިދާޅުވި އެވެ.

މަސީހުގެ އިތުބާރު ނެތް މައްސަލާގެ ވޯޓަށް އެހުން މިއަދު 1:30 އަށް ތާވަލުކޮށްފައިވާ އިރު މަސީހަށް ވާހަކަ ދެއްކެވުމަށް އިތުރު ފުރުސަތެއް ރިޔާސަތުން ދެއްވާނެ އެވެ.