ބޭރު ކުޅިވަރު

ނޭމާއަށް ޔުނައިޓެޑުން ބިޑްކުރަނީ!؟

Mar 27, 2017

ބާސެލޯނާ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވަޑް ނޭމާއަށް ބިޑް ކުރަން މެންޗެސްޓާ ޔުނައިޓެޑުން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެެވެ.

ސްޕެއިންގެ މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ބާސާއާއެކު ނޭމާ ހަދައިފައިވާ ކޮންޓުރެކްޓްގެ ދަށުން އޭނާ ވިއްކާލަން ބާސާ އިން އެއްބަސްވާންޖެހޭ އަގު ކަމަށްވާ 200 މިލިއަން ޔޫރޯ ބާސާ އަށް ހުށަހެޅުމަށް ޔުނައިޓެޑުން އޮތީ ތައްޔާރަށެވެ. އަދި ޓްރާންްސްފާ ފީގެ އިތުރުން، ނޭމާގެ މުސާރަ އަށް 25 މިލިއަން ޔޫރޯ ހޭދަކުރަން ވެސް ޔުނައިޓެޑުން ތައްޔާރަށް އޮތް ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

ބާސެލޯނާއާ 2013 ވަނަ އަހަރު ގުޅުނު ނޭމާއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. ޕްރިމިއާ ލީގުގެ ބައެއް ކްލަބުތައް ކަމުދާ ކަމަށް ނޭމާ ވަނީ މިދިޔަ ހަފުތާގައި ބުނެފަ އެވެ.

"ޕްރިމިއާ ލީގު އަދި އެ ލީގުގެ ކްލަބުތައް އަހަންނަށް ވަރަށް ކަމުދޭ. ކިހިނެއް އެނގެނީ، ކޮންމެ ވެސް ދުވަހަކުން އަހަރެން ވެސް ޕްރިމިއާ ލީގު ޓީމަކުން ފެނިދާނެ،" ނޭމާ ބުންޏެވެ.