ބޭރު ކުޅިވަރު

ސަޕޯޓަރުން ކޮންޓްރޯލް ނުވެގެން އައިވަރީ ކޯސްޓް - ސެނެގާލް މެޗު ހުއްޓާލައިފި

Mar 28, 2017

ސަޕޯޓަރުން ދަނޑަށް އަރައި، ކުޅުންތެރިންނާ ދިމާކުރަން ފެށުމާއެކު، އައިވަރީ ކޯސްޓާއި ސެނެގާލް ރޭ ބައްދަލުކުރި އެކުވެރިކަމުގެ މެޗު ހުއްޓާލައިފި އެވެ.

ފްރާންސްގެ ޕެރިހުގައި ކުޅުނު މެޗުގައި ދެ ޓީމު 1-1 އިން އެއްވަރުވެފައި ވަނިކޮށް، މެޗުގެ 88 ވަނަ މިނިޓުގައި މެޗު ހުއްޓާލަން ޖެހުނީ ސަޕޯޓަރުންތަކެއް ދަނޑަށް އަރައި ކުޅުންތެރިންނާ ދިމާ ކުރަން ފެށުމުންނެވެ. ބެލެވޭ ގޮތުގައި މި ސަޕޯޓަރުންނަކީ ޓިކެޓު ނުނަގައި ވަގަށް ދަނޑަށް ވަތް ގުރޫޕެކެވެ. ސަޕޯޓަރުންތައް ދަނޑަށް އަރަމުން ދިޔައިރު، ދަނޑުގެ ސެކިއުރިޓީ އަށް އެކަން ކޮންޓުރޯލެއް ނުކުރެވުނެވެ.

ސަޕޯޓަރުން ދަނޑަށް އެރުމާއެކު ދެ ޓީމުގެ ކުޅުންތެރިން ވެސް ވަނީ ޗޭންޖިން ރޫމަށް ވައްދައިފަ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަނުވަނީސް ރެފްރީ ޓޯނީ ޗަޕޯން ވަނީ މެޗު ނިންމާލައިފަ އެވެ.

ރޭގެ މެޗުގެ 68 ވަނަ މިނިޓުގައި ސެނެގާލް އަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ލީޑު ހޯދައިދިނީ ލިވަޕޫލްގެ ސަޑިއޯ މަނޭ އެވެ. އެކަމަކު މެޗުގެ 70 ވަނަ މިނިޓުގައި އައިވަރީ ކޯސްޓްގެ ސިރިއަކްް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މިއީ ސަޕޯޓަަރުންގެ އަމަލުތަކާ ގުޅިގެން މި ދެ ގައުމު ބައްދަލުކުރި މެޗެއް ހުއްޓާލަންޖެހުނު ފުރަތަމަ ފަަހަރެއް ނޫނެވެ. ދެހާސް ބާރަ ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި އައިވަރީ ކޯސްޓާއި ސެނެގާލް ބައްދަލުކުރި މެޗެއް 78 ވަނަ މިނިޓުގައި ހުއްޓާލަން ޖެހުނީ ސެނެގާލްގެ ސަޕޯޓަރުން ހަމަނުޖެހުން އުފެއްދުމުންނެވެ. ސެނެގާލްގެ ސަޕޯޓަރުންގެ އަމަލުތަކާ ގުޅިގެން އެ ފަހަރު އެ ޓީމު މުބާރާތުން ސަސްޕެންޑްކުރި އެެވެ.