ހަބަރު

މަޖިލީހުގައި އިއްޔެ ހިނގި ކަންކަމާމެދު އެމެރިކާ ކަންބޮޑުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި ގަރާރާ މެދު ގޮތެއް ނިންމަން އިއްޔެ ބޭއްވި ޖަލްސާގައި ކަންތައްތައް ހިނގައިދިޔަ ގޮތާ މެދު އެމެރިކާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމެރިކާއިން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އިންސާފުވެރި ވޯޓެއް ނެގުމަށް ހުރަސް އެޅޭ ފަދަ ކަންތައްތައް މަޖިލީހުގައި ހިނގާފައިވާ ވާތީ އެމެރިކާއިން އެކަމާ ކަންބޮޑުވާ ކަމަށެވެ. ނަމަވެސް މިނިވަންކަމާއެކު ވޯޓު ނެގުމަށް ހުރަސް އެޅޭ ގޮތަށް ހިނގާފައި ވަނީ ކޮން ކަންތައްތަކެއް ކަމެއް އަދި އެކަންތައްތައް ހިންގީ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ކަމެއް ނުވަތަ އިދިކޮޅު ފަރާތްތަކުން ކަމެއް ބަޔާނުގައި ފާހަގަކޮށްފައެއް ނުވެއެވެ.

މަޖިލީހުގައި ހިނގާ ޖަލްސާތަކަކީ މިނިވަން އިންސާފުވެރި ޖަލްސާތަކަށް ހެދުމަށާއި އިންސާފުވެރި ލޯކަލް ކައުންސިލް އިންތިހާބެއް ބޭއްވުމަށާއި ނޫސްވެރިކަމާއި އެއްވެއުޅުމާއި ޚިޔާލުފާޅުކުުރުމުގެ މިނިވަންކަން ގާއިމް ކުރަން އެމެރިކާގެ ބަޔާނުގައި ސަރުކާރަށް ގޮވާލާފައި ވެއެވެ.

"... ދިވެހިރާއްޖޭގެ ގާނޫނުހަދާ މަޖިލީހުގެ ޖަލްސާތައް މިނިވަން އަދި އިންސާފުވެރި ޖަލްސާތަކަށް ހެދުމަށާއި، މިނިވަން އަދި އިންސާފުވެރި ލޯކަލް ކައުންސިލް އިންތިހާބެއް ބޭއްވުމަށާއި ނޫސްވެރިކަމާއި އެއްވެ އުޅުމުގެ އަދި ޚިޔާލުފާޅުކުރުމުގެ އަސާސީ މިނިވަންކަން ގާއިމްކުރުމަށް ދިވެހި ސަރުކާރަށް ގޮވާލަމެވެ،" އެމެރިކާގެ ބަޔާނުގައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބުދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް އިދިކޮޅުފަރާތްތަކުން އިއްޔެ ހުށަހެޅި މައްސަލާގައި އިލެކްޓްރޯނިކް ވޯޓިން ސިސްޓަމް ބޭނުން ނުކޮށް، ރޯލް ކޯލް ވޯޓެއް ނަގަން ނިންމީ މަޖިލީހުގެ އަޣުލަބިއްޔަތުންނެވެ. އެގޮތަށް އެކަން ނިންމުމުން އިދިިކޮޅު މެމްބަރުން ވަނީ މަޖިލީހުގައި އަޑު ގަދަކޮށް، މަޖިލިސް ހަލަބޮލިކޮށްފަ އެވެ. އެހިސާބުން 13 މެމްބަރެއްގެ ނަން އިއްވައި މަޖިލީހުން ބޭރުކޮށްލިއެވެ. އިދިކޮޅު އެހެން މެމްބަރުން ޖަލްސާ ދޫކުރައްވައި ވަޑައިގެންނެވީ އަމިއްލައަށެވެ.