ދުނިޔެ

މަންޑޭލާއާއެކު ޖަލުގައި ދުވަސް ހޭދަ ކުރެއްވި ކަތުރާދާ އަވަހާރަވެއްޖެ

Mar 28, 2017

ދެކުނު އެފްރިކާގައި ނަސްލީ އިމްތިޔާޒާ ދެކޮޅަށް މަސައްކަތް ކުރެއްވި ބަތަލު އަދި އެގައުމުގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ އަރިހުގައި ރޮބެން އައިލެންޑްގެ ޖަލުގައި ދުވަސްތައް ހޭދަކުރެއްވި، އަރިހު ބޭފުޅެއް ކަމަށްވާ އަޙުމަދު ކަތުރާދާ އުމުރުފުޅުން 87 އަހަރުގައި މިއަދު އަވަހާރަވެއްޖެއެވެ.

ކަތުރާދާ އަހަވާރަވީ ސިކުނޑީގެ ސާޖަރީއަކަށް ފަހު ކުރިމަތިވި އާލާސްކަންފުޅެއްގައި ދެކުނު އެފްރިކާގެ ވެރިރަށް ޖޮހަނަސްބާގްގެ ހޮސްޕިޓަލެއްގައެވެ.

ދެކުނު އެފްރިކާގައި އޮތް ދޮން މީހުންގެ ސަރުކާރާ ދެކޮޅަށް ކުރެއްވި މަސައްކަތްޕުޅުތަކާ ގުޅިގެން 1964 ވަނަ އަހަރު ހިންގި ދުނިޔޭގެ ސަމާލުކަން ލިބުނު ޝަރީއަތް " ރިވޯނިއާ ޓްރަޔަލް" ގައި މަންޑޭލާ އާ އެކު އުމުރަށް ޖަލަށްލާން ހުކުމް ކުރީ އަށް ބޭފުޅަކަށެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ އަހުމަދު ކަތުރާދާއެވެ. ދެކުނު އެފްރިކާ މީހުން ލޯބިން އޭނާއަށް ކިޔަނީ " ކެތީ" އެވެ. އޭނާ ޖަލުގައި 26 އަހަރާއި ތިން މަސްދުވަސް ހޭދަކުރެއްވި އިރު އޭގެ ތެރެއިން 18 އަހަރު ހޭދަކުރެއްވީ މަންޑޭލާ އަރިހުގައި ރޮބެން އައިލެންޑް ޖަލުގައެވެ. މަންޑޭލާއާއި ދެކުނު އެފްރިކާގެ ކަޅު އެހެން ލީޑަރުން މިނިވަންވެ، 1994 ވަަނަ އަހަރު މަންޑޭލާ ރައީސް ކަމަށް ވަޑައިގެންނެވުމުން ކަތުރާދާ ހުންނެވީ މަންޑޭލާގެ ޕާލަމެންޓްރީ ކައުންސެލާގެ މަގާމުގައެވެ. އެމަގާމުގައި އޭނާ 1999 ވަނަ އަހަރާ ހަމައަށް ދެމިހުންނެވިއެވެ.


ފާއިތުވި އަހަރު ތަކުގައި ކަތުރާދާ ގެންދެވީ ދެކުނު އެފްރިކާގެ މިހާރުގެ ރައީސް ޖޭކޮބް ޒޫމާއަށާއި ވެރިކަން ކުރާ އެފްރިކަން ނެޝަަނަލް ކޮންގްރެސް ( އޭއެންސީ) އާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އޭއެންސީއަކީ ނެލްސަން މަންޑޭލާއާއި ކަތުރާދާވެސް އިސްކޮށް އުޅުއްވި ޕާޓީއެވެ. ނަމަވެސް އޭނާ އަވަހާރަވުމުން އޭ އެންސީއިން ވަނީ އޭނާއަށް ވަރަށް ބޮޑަށް ތައުރީފުކޮށް، އޭނާ އަވަހާރަވީ ކަމުގެ ހިތާމަ ފާޅުކޮށް ބަޔާނެއް ނެރެފައެވެ.

" އޭނާގެ ހަޔާތްޕުޅަކީ ޒާހިދުކަން، ގޮތްދޫކުރުން، ހިތްވަރާއި އަޒުމު އަދި އުސޫލުގައި ހިފެހެއްޓުމުގެ ފިލާވަޅެކެވެ،" ކަތުރާދާ އަވަހާރަވުމުން އޭ އެންސީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ދެކުނު އެފްރިކާގައި އޮތް ދޮންމީހުންގެ ސަރުކާރުން ގެންގުޅުނު ނަސްލީ އިމްތިޔާޒާ ދެކޮޅަށް ކަތުރާދާ މަސައްކަތް ކުރައްވަން ފެށްޓެވީ އުމުރުފުޅުން 17 އަހަރުގައެވެ.