ހަބަރު

މިދިޔަ އަހަރު 96 ޕަސެންޓް މައްސަލާގައި ފިޔަވަޅު އެޅި: ޕީޖީ

ވޭތުވެދިޔަ އަހަރު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުނު މައްސަލަތަކާއި އޭގެ ކުރީ އަހަރުތަކުގެ މައްސަލަތައް ހިމެނޭ ގޮތުން 96 ފަސެންޓް މައްސަލައިގައި މިދިޔަ އަހަރު ނިމުނުއިރު ފިޔަވަޅު އަޅާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެއްޖެ އެވެ.

ޕީޖީ އޮފީހުގެ އަހަރީ ރިޕޯޓްގައި ބިޝާމް އެހެން ވިދާޅުވެފައިވާއިރު މިދިޔަ އަހަރު ޕީޖީގެ ހެޑް އޮފީހަށް ޖުމްލަ 2286 މައްސަލަ ހުށަހަޅާފައިވެ އެވެ. މީގެ ތެރެއިން 2275 މައްސަލަ ހުށަހަޅާފައިވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއިންނެވެ. އަދި ބާކީ 11 މައްސަލައިގެ ތެރޭގައި ހިމެނެނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުށަހަޅާފައިވާ އަށް މައްސަލައާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއިން ހުށަހަޅާފައިވާ އެއް މައްސަލައާއި އަދި ހިއުމަން ރައިޓްސް ކޮމިޝަނުން ހުށަހަޅާފައިވާ ދެ މައްސަލައެވެ.

މިދިޔަ އަހަރުގެ ތެރޭގައި ހެޑް އޮފީހުގެ ފަރާތުން ކޯޓުތަކަށް ޖުމްލަ 4948 މީހެއްގެ މައްޗަށް ދައުވާކުރުމަށް ހުށަހަޅާފައިވެއެވެ. މީގެ ތެރެއިން 3517 މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާ ހުށަހަޅާފައިވަނީ ސުޕީރިއާ ކޯޓުތަކަށެވެ. އަދި 1431 މީހުންގެ މައްޗަށް ދައުވާ ހުށަހަޅާފައިވަނީ މެޖިސްޓްރޭޓް ކޯޓުތަކަށެވެ. ސުޕީރިއާ ކޯޓުތަކަށް ހުށަހެޅުނު 3517 މީހުންގެ ދައުވާގެ ތެރެއިން، 1887 މީހުންގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާއިރު، ޑްރަގް ކޯޓަށް 1571 މީހުންގެ މައްސަލަ އަދި ޖުވެނައިލް ކޯޓަށް 59 ކުދިންގެ މައްސަލަ ހުށަހަޅާފައިވެއެވެ.

ޕީޖީ އޮފީހުގެ އަހަރުގެ ނިޔަލަށް ތަހްގީގީ އިދާރާތަކުން ހެޑް އޮފީހަށް ހުށަހަޅާފައިވާ އެ އަހަރުގެ މައްސަލަތަކުގައި ޖުމްލަ 3343 ފިޔަވަޅު އަޅާފައިވެއެވެ. އެ އަހަރުގެ ތެރޭގައި ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ދައުވާކުރުމަށް ނިންމައި، ކޯޓުތަކަށް 2353 މީހުންގެ މައްސަލަ ހުށަހަޅިއިރު 146 މީހުންގެ މައްސަލަ ހެއްކާއި ގަރީނާ ނެތިގެން އަނބުރާ ފޮނުވާލާފައިވެ އެވެ. އަދި 298 މީހުންގެ މައްސަލައަކީ އަލުން ހުށަހެޅުމަށްޓަކައި އަނބުރާ ފޮނުވާލާފައިވާ މައްސަލަތައް ކަމަށް އަހަރީ ރިޕޯޓްގައިވެ އެވެ.

މީގެއިތުރުން އެކި ސަބަބުތަކާހުރެ އަނބުރާ ފޮނުވާލާފައިވާ 115 މީހުންގެ މައްސަލައެއް ހިމެނޭއިރު، އެކިސަބަބުތަކާހުރެ ޕީޖީ އޮފީހުގައި ހިފަހައްޓާފައިހުރި މައްސަލަތަކުގެ މީހުންގެ އަދަދަކީ 56 އެވެ. އިތުރަށް ކުރިއަށް ގެންދިޔުމުގެ މަސްލަހަތު ނެތިގެން 369 މީހުންގެ މައްސަލައެއް އަނބުރާ ފޮނުވާލާފައިވާއިރު، އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ފިޔަވަޅުއެޅުމަށްޓަކައި އަނބުރާ ފޮނުވާފައިވާ އެއް މައްސަލައާއި، އިތުރު ފުރުސަތު ދީފައިވާތީ ހިފަހައްޓާފައިވާ ފަސް މީހުންގެ މައްސަލަ ހިމެނެއެވެ.

ޕީޖީ އޮފީހުގެ ހެޑް އޮފީހުގައި 2015 ވަނަ އަހަރުގެ ނިޔަލަށް ނުނިމިހުރި އޭގެ ކުރީގެ އަހަރުތަކުގެ މައްސަލަތަކުގައި ޖުމްލަ 6912 ފިޔަވަޅު އަޅާފައިވެއެވެ. މިމައްސަލަތަކުގެ ތެރެއިން ދައުވާކުރުމަށް ނިންމައި، ކޯޓުތަކަށް 2595 މީހުންގެ މައްސަލަވަނީ ހުށަހަޅާފައެވެ. 256 މީހުންގެ މައްސަލަ ހެއްކާއި ގަރީނާ ނެތިގެން އަނބުރާ ފޮނުވާލާފައިވާއިރު، 761 މީހުންގެ މައްސަލައަކީ އަލުން ހުށަހެޅުމަށްޓަކައި އަނބުރާ ފޮނުވާލާފައިވާ މައްސަލައެވެ.

މީގެއިތުރުން އެކިސަބަބުތަކާހުރެ އަނބުރާ ފޮނުވާލާފައިވާ 550 މީހުންގެ މައްސަލައެއް ހިމެނޭއިރު، އެކިސަބަބުތަކާހުރެ އެއޮފީހުގައި ހިފަހައްޓާފައިހުރި މައްސަލަތަކުގެ މީހުންގެ އަދަދަކީ 222 އެވެ. އިތުރަށް ކުރިއަށް ގެންދިޔުމުގެ މަސްލަހަތު ނެތިގެން 2504 މީހުންގެ މައްސަލައެއް އަނބުރާ ފޮނުވާލާފައިވާއިރު، އިމިގްރޭޝަންގެ ގާނޫނު ގެ ދަށުން ފިޔަވަޅުއެޅުމަށްޓަކައި އަނބުރާ ފޮނުވާފައިވާ ދެ މީހުންގެ މައްސަލައާއި، އިތުރު ފުރުސަތުދީފައިވާތީ ހިފަހައްޓާފައިވާ 22 މީހުންގެ މައްސަލަ ހިމެނެއެވެ.

ހެޑް އޮފީހުގެ އިތުރުން ޕީޖީ އޮފީހުގެ އަތޮޅުތަކުގެ ގޮފިތަކަށް ވެސް މިދިޔަ އަހަރު ގިނަ މައްސަލަތަކެއް ހުށަހެޅި އެ މައްސަލަތަކާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް އަހަރީ ރިޕޯޓްގައި ބަޔާން ކޮށްފައިވެ އެވެ.

މިދިޔަ އަހަރަކީ ޕީޖީ އޮފީހަށް ބުރަ ނަމަވެސް ވަރަށް ކާމިޔާބު އަހަރެއް ކަމަށް ޕީޖީ ބިޝާމް ވިދާޅުވެފައިވާއިރު މި އަހަރަކީ ވެސް އެ އޮފީހުގެ މަސައްކަތްތައް އިތުރަށް ފުރިހަމަކަމާއެކު ކުރިޔަށް ގެންދެވޭނެ އަހަރަކަށް ހެދުމަކީ އަމާޒު ކަމަށް ބިޝާމް ވިދާޅުވި އެވެ.