ދުނިޔެ

މޫސުމީ ބަދަލުތަކާ ގުޅިގެން އޮބާމާ އެޅި ފިޔަވަޅުތައް އުވާލައިފި

Mar 29, 2017

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އަޅުއްވާފައިވާ ތިމާވެއްޓާ ރަށްޓެހި ފިޔަވަޅުތައް އުވައިލުމުގެ ގަރާރުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ސޮއި ކުރައްވައިފި އެވެ.

ޓްރަމްޕް އިއްޔެ ސޮއިކުރެއްވި ގަރާރަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރުމަށް ދުނިޔޭގެ ގައުމުތަކުން ސޮއިކޮށްފައިވާ މުއާހަދާ އެއް ކަމަށްވާ " ޕެރިސް އެގްރިމެންޓް" ގެ ދަށުން އެމެރިކާއިން ކުރަން ލާޒިމް ކުރާ ކަންތައްތަކާ ހިލާފު ވުމުގެ ފުރުސަތު ލިބިދޭ ގަރާރެކެވެ. ބޯޓްދެލި ނަގާ މީހުންގެ ހާޒިރުގައި އެމެރިކާގެ އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޓްރަމްޕް އިއްޔެ ސޮއިކުރެއްވި ގަރާރުން، ތިމާވެއްޓާ ރަށްޓެހި ގޮތަކަށް ހަކަތަ އުފެއްދުމަށް އެކުލަވާލާފައިވާ ޕްލޭން މުރާޖައާ ކުރުމުގެ ހުއްދަ ވަނީ ދީފައެވެ. އަދި އެމެރިކާގައި ބޯޓްދެލި ނެގުމަށް ދައުލަތުގެ ބިންތައް ދޫކުރުން ހުއްޓާލާފައި އޮތް އޮތުން އެގަރާރުގެ ދަށުން ނިމުމަކަށް އަންނާނެއެވެ.

ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ އެމެެރިކާގެ ފަރާތްތަކުން ވަނީ ޓްރަމްޕްގެ އާ ގަރާރު ވަރަށް ބޮޑަށް ކުއްވެރިކޮށްފައެވެ. އެފަރާތްތަކުން ގަރާރު ސިފަކޮށްފައި ވަނީ ނުރައްކާތެރި އަދި ލަދުވެތި ކަމެއްގެ ގޮތުގައެވެ.

ގަރާރުގައި ސޮއިކުރެއްވުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އޭނާގެ ގަރާރުގެ ސަބަބުން އަންނާނީ " އެމެރިކާގައި ހަކަތަ އުފެއްދުމާއި ވަޒީފާ އުފެއްދުމުގެ އާ ޒަމާނެއް" ކަމަށެވެ. އެމެރިކާގެ މަރުކަޒީ ސަރުކާރުން އިގުތިސާދީ މަސައްކަތްތަކަށް މާބޮޑަށް ނުފޫޒު ފޯރުވުން ހުއްޓި އިގުތިސާދީ މިނިވަންކަން އެގަރާރުގެ ސަބަބުން ލިބިގެންދާނެ ކަަމަަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއް ހަމައެއްގައި ވާދަކުރުމުގެ ފުރުސަތު ކުންފުނިތަކަށް ލިިބިގެންދާނެ ކަމަށެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ގެންގުޅުއްވި ގިނަ ސިޔާސަތުތައް ބަދަލުކޮށް، އެ ސިޔާސަތު ތަކާ އެއްގޮތަށް އަޅާފައިވާ ފިޔަވަޅުތައް އުވައިލައްވާނެ ކަމަށް ޓްރަމްޕް ވަނީ ރިޔާސީ ކެމްޕޭނުގައި ތަކުރާރުކޮށް ވިދާޅުވެފައެވެ. އެގޮތުން އޮބާމާގެ ދުވަސްވަރު ފާސްކޮށް އަމަލުކުރަންް ފަށާފައިވާ ސިއްހީ ހިދުމަތްތަކާ ބެހޭ ގާނޫނު އުވާލައި، އޭގެ ބަދަލުގައި އެހެން ގާނޫނެއް ހައްދަވާނެ ކަމަށް ވެސް މިދިޔަ އަހަރުގެ ރިޔާސީ ކެމްޕޭނުގައި ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް ޓްރަމްޕް ހުށަހެޅުއްވި ސިއްހީ ހިދުމަތްތަކާ ބެހޭ ގާނޫނުގެ ބިލަށް އެމެރިކާގެ ޕާލަމެންޓްގައި ތާއީދު ނުލިބުމުން އެ ބިލް މިހާރު ވަނީ އަނބުރާ ގެންގޮސްފައެވެ. ތިމާވެށި ހިމާޔަތް ކުރަން އަޅާފައިވާ ފިޔަވަޅުތައް އުވައިލުމަށް ނެރުއްވި ގަރާރަށް ވެސް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެކަމަށް ވަނީ ބެލެވިފައެވެ. - ދަ ގާޑިއަން