ދުނިޔެ

ސައުދީ އަރަބިއްޔާގައި މެޑިކަލް ސިޓީއެއް ބިނާ ކުރަނީ

Mar 29, 2017

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒްގައި "މެޑިކަލް ސިޓީ" އެއްގެ ގޮތުގައި ބޮޑު ސަރަހައްދެއް ތަރައްގީ ކުރަން އެ ގައުމުގެ ކުންފުންޏަކާއި އުރުދުންގެ ޕްރައިވެޓް ހޮސްޕިޓަލްސް އެސޯސިއޭޝަނުން އެއްބަސްވެއްޖެ އެވެ.

ސައުދީ ނޫހެއް ކަމަށްވާ އަރަބް ނިއުސް އިން ބުނީ އުރުދުންގެ ވެރިރަށް އައްމާންގައި ސައުދީ އަރަބިއްޔާގެ ކުންފުންޏަކާއި އުރުދުންގެ ޕްރައިވެޓް ހޮސްޕިޓަލްސް އެސޯސިއޭޝަނާ ދެމެދު އިއްޔެ ސޮއިކުރު އެއްބަސްވުމުގެ ދަށުން ބިނާކުރާ މެޑިކަލް ސިޓީގައި ސްޕެޝަލިސްޓުންގެ ފަރުވާއާއި ނުކުޅެދުންތެރިކަމަށް ފަރުވާ ކުރާ 600 އެނދުގެ ހޮސްޕިޓަލަކާއި އާއްމު ބަލިތަކަށް ފަރުވާދޭ 250 އެނދުގެ ހޮސްޕިޓަލަކާއި ދިގު މުއްދަށް ބޭސް ކުރަން ޖެހޭ ބަލި މީހުންނަށް ފަރުވާދޭ 250 އެނދުގެ ހޮސްޕިޓަލެއް ހުންނާނެ ކަމަށެވެ.

އޭގެ އިތުރުން ބަލި މީހުންނާއި އެމީހުންގެ އެހީތެރިން މަޑު ކުރުމަށް 120 އެނދުގެ ހޮޓަލަކާއި 12 ސުއިޓާއި 223 ޓްއަރިސްޓް ވިލާ އާއި އާދައިގެ 152 ވިލާއާއި ފަރުނީޗަރާއިއެކު ހުންނަ 448 އެޕާޓްމަންޓް ވެސް އެތަނުގައި ގާއިމް ކުރާނެ ކަމަށް އެއްބަސްުވުމާ ބެހޭ ގޮތުން ސައުދީ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައި ވެެއެވެ. އެ ތަންތަން ހުންނާނީ 56 އިމާރާތެއްގައި ކަމަށާއި ޝޮޕިން މޯލްތަކާއި ޖިމްތަކާއި ބަގީޗާތަކާއި މިސްކިތްތައް ވެސް ސިޓީގައި ހުންނާނެ ކަމަށް ސައުދީން ބުނެފައި ވެއެވެެ.

މެޑިކަލް ސިޓީން 3000 މީހުންނަށް ވަޒީފާ ލިބޭ އިރު އެތަނުން އަހަރަކު 170000 މީހުންނަށް ފަރުވާ ކުރެވޭނެ ކަމަށް ސައުދީ އަރަބިއްޔާ އާއި އުރުދުން އިން ލަފާ ކުރެ އެވެ.

މަޝްރޫއަށް 1.3 ބިލިޔަން ސައުދީ ރިޔާލަ (346.6 މިލިޔަން ޑޮލަރު) ހަރަދު ކުރާނެ އެވެ. މަޝްރޫއު ހިންގާނީ 1.2 މިލިޔަން އަކަމީޓަރުގެ ބިމެއްގަ އެވެ.