ހަބަރު

ފުލުހުންގެ އަރުޝީފު ރަސްމީކޮށް ލޯންޗުކޮށްފި

މޯލްޑިވް ޕޮލިސް ސާވިސްގެ ތާރީހީ މައުލޫމާތުތަކާއި ފޮޓޯތައް ބެލެހެއްޓުމަށް ގާއިމްކޮށްފައިވާ ފުލުހުންގެ އަރުޝީފު ރަސްމީކޮށް އިފްތިތާހު ކޮށްފި އެވެ.

މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުންގެ އަރުޝީފު އިފްތިތާހުކޮށްދެއްވީ، ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފެވެ. މި ރަސްމިއްޔާތުގައި ނޭޝަނަލް އާކައިވްގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ޝާތިރު އާއި މުއައްސަސާގެ އެހެނިހެން އިސް ބޭބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މީގެ އިތުރުން، މި ރަސްމިއްޔާތުގައި އެންމެ ރަގަޅަށް ލިޔެކިޔުންތައް ބެެހެއްޓި މުއައްސަސާއަށް ގައުމީ އަރުޝީފުން ދޭ އެވޯޑް ވެސް ވަނީ ފުލުހުންނާ ހަވާލްކޮށްފަ އެވެ. މި އެވޯޑް މޯލްޑިވްސް ޕޮލިސް ސާވިސްއާއި ހަވާލްކޮށްދެއްވީ، ނޭޝަނަލް އާކައިވްގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ޝާތިރު އެވެ. މި އެވޯޑާ ފުލުހުންގެ ފަރާތުން ހަވާލުވެ ވަޑައިގެންނެވީ، ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފެވެ.

މި ރަސްމިއަޔާތުގައި މުހައްމަދު ޝާތިރު ދެއްކެވި ވާހަކަފުޅުގައި، މުލުހުންގެ މުއައްސަސާ މި އެވޯޑަށް ހޮވުނީ، ހަފްތާގެ އަތްދުވަހު 24 ގަޑީއިރު ރައްޔިތުންނަށް ހިދމަތް ފޯރުކޮށްދެމުން ގެންދަވާތީކަމަށް ވިދާޅުވި އެވެ.

ފުލުހުން ބުނިގޮތުގައި ފުލުހުންގެ ހުރިހާ ޑިޕާޓްމެންޓަކާއި، އަތޮޅުތެރޭގައި ހިމެނޭ ހުރިހާ ޕޮލިސް ސްޓޭޝަންތަކެއް އެއްވިއުގައަކުން ގުޅާލައި ފުލުހުންގެ ރަސްމީ ރެކޯޑްތައް ބަލަހައްޓަމުން ގެންދަނީ ފުލުހުންގެ ވިއުގާގައި ހިމެނޭ ޕޮލިސް އިންފޮމޭޝަން މެނޭޖްމެންޓް ސިސްޓަމްގެ އެހީގަ އެވެ. އަދި މިއަދު އިފްތިތާހު ކުރި އަރުޝީފަކީ، މި ސިސްޓަމަށް އަލަށް އިތުރުވި ބަޔެއްކަމަށެ ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، މި އަރުޝީފު ބަލަހައްޓާނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕަބްލިކް އެފެއާޒް ޑިޕާޓްމެންޓްގެ ދަށުން ހިނގަމުން އަންނަ ޕޮލިސް ހެރިޓޭޖް ސެންޓަރުން ކަމަށެވެ.