ހަބަރު

"ލޯ ރީތި" ރައުދާ މަރުވެއްޖެ

ވިލު ނޫކުލައިގެ ލޮލުގެ ވެރިޔާގެ ގޮތުން ދިވެހިންގެ މެދުގައި މަޝްހޫރުވެގެން ދިޔަ ރައުދާ އާތިފް މަރުވެއްޖެ އެވެ.

ރައުދާ މަރުވެފައިވަނީ މިއަދުގެ ހެނދުނު ވަގުތެއްގައި ބަނގުލަދޭޝްގަ އެވެ. އޭނާ މަރުވެފައި އޮތްވާ ފެނުނީ ކިޔަވަމުންދިޔަ ކޮލެޖްގެ ކޮޓަރި އެއް ތެރޭގައި ކަމަށް މައުލޫމާތު ލިބެ އެވެ. ފޮރިން މިނިސްޓްރީން ބުނީ، އެފަދަ މައުލޫމާތެއް ލިބިފައިވާތީ އެކަން މިހާރު ބަލަމުންދާ ކަމަށެވެ.

އުމުރުން 20 އަހަރުގެ ރައުދާ މަރުވިއިރު، އޭނާ ދިޔައީ ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔަވަމުންނެވެ. އޭނާ ކިޔަވަމުން ދަނީ ބަންގްލަދޭޝްގެ އިސްލާމިކް ބޭންކް މެޑިކަލް ކޮލެޖްގަ އެވެ.

ރައުދާ މަރުވި ހަބަރު މިއަދު އާންމުވެގެން ދިޔައިރު މީގެ 23 ގަޑިއިރު ކުރިން ވެސް ސޯޝަލް މީޑިއާގައި އޭނާ އުޅެފައިވެ އެވެ. އަދި ބައެއް ރައްޓެހިންނަށް "ހައި" ވެސް ޖަހާފައި ހުއްޓެވެ.

ސޯޝަލް މީޑިއާގައި ރައުދާ ބޮޑަށް މަޝްހޫރުވެގެންދިޔައީ ރާއްޖޭގެ ފޮޓޯގްރާފާ ސޮއްޓި ނެގި، ފޮތޯއަކާ ގުޅިގެންނެވެ. އޭނާ މޫދަށް އެރި ހުއްޓާ ނަގާފައިވާ އެ ފޮޓޯތައް ރާއްޖޭން ބޭރުގެ ފަރާތްތަކުގެ ވެސް މަގުބޫލްކަން ލިބިފަ އެވެ.

މީގެ ދެ އަހަރު ކުރިން ސޮއްޓިގެ ފޮޓޯތަކުން ރައުދާ މަޝްހޫރުވެގެންދިޔައިރު އޭނާ ބައިވެރިވި ފުރަތަމަ ކެމްޕޭނަކީ ގައުމީ ޓީވިން ކުރިއަށްގެންދިޔަ ތިމާވެށީގެ ކެމްޕޭނެކެވެ. އެ ކެމްޕޭނުގައި ރައުދާ ވަނީ ޕްލާސްޓިކް ކޮތަޅު މަނާކުރުމަށް ހިތްވަރު ދީފަ އެވެ. އޭރު އޭނާގެ އުމުރުން 14 އަހަރެވެ.

ރައުދާއަކީ ދުނިޔޭގެ މަޝްހޫރު މެގަޒިން އެއް ކަމަށްވާ ވޯގް މަޖައްލާގެ ކަވާގައި ހިމެނުނު ފުރަތަމަ ދިވެހި މޮޑެލް އެވެ.